ކުޅިވަރު

5 ދުވަހުގެ ތެރޭގައި 3 މެޗް ކުޅެން ރާއްޖެ ތައްޔާރު


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި، ފަސް ދުވަހުގެ ތެރޭގައި 3 މެޗް ކުޅެންވެސް ރާއްޖޭގެ ޓީމް ތައްޔާރުކަމަށް ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ޕީޓަރ ސެގާޓް ބުނެފިއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މިއަދު މެންދުރު 13:00ގައި ދިވެހިރާއްޖެ އާއި ރީޔޫނިއަން ބައްދަލުކުރާ މެޗްގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ޕީޓަރ ސެގާޓް ބުނީ އައިއޯއައިޖީގައި ރާއްޖޭގެ ޓީމުން ކުޅޭ 3 މެޗަކީވެސް ވަރަށް ވަރުގަދަ ތިން މެޗްކަމަށެވެ. 5 ދުވަހުގެ ތެރޭގައި 3 މެޗް ކުޅެން ޖެހުމަކީވެސް ރާއްޖޭގެ ޓީމްއަށް ދިމާވާނެ ވަރަށް ބޮޑު ގޮންޖެހުމެއްކަމަށް ކޯޗް ނުންޏެވެ. އެހެންނަމަވެސް މިހާރު ޓީމްގައި ތިބި ޒުވާން ކުޅުންތެރިންނާމެދު ވަރަށްބޮޑު އިތުބާރެއް އެބައޮތްކަމަށާ، މިތިން މެޗުންވެސް ރަގަނޅު ނަތިޖާއެއް ހޯދުމަށް މަސައްކަތް ކުރާނެކަމަށް ކޯޗު ބުންޏެވެ.

އޭނާ ބުނީ މޮރިޝަސްގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ލިބުނު ދަނޑަކީ އެހައި ރަހަނޅު ދަނޑެއް ނޫންކަމަށެވެ. ނަމަވެސް ކެއުމާއި އެކޮމޮޓޭޝަންގެ ކަންކަން ރަގަނޅުކަމަށް ކޯޗް ބުންޏެވެ. އަދި ކުޅުންތެރިން ތިބުމަށް ދީފައިހުރި ކޮޓެރިތަކާމެދުވެސް ހިންހަމަޖެހޭކަމަށް ކޯޗް ސެގާޓް ބުންޏެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއާއި އެއް ގުރޫޕްއެއްގައި އޮތީ ރީޔޫނިއަން އާއި ކޮމޮރޯސްއާއި މަޔޯޓްއެވެ. ފުރަތަމަ މެޗްގައި މިއަދު ރީޔޫނިއަންއާއި ވާދަކުރާއިރު، ރީޔޫނިއަންއިންވަނީ މިމުބާރާތަށްޓަކައި 4 މަސް ދުވަސް ވަންދެން ފަރިތަކުރުންތަށް ކުރިއަށް ގެންގޮސްފައެވެ.

ގައުމީ ކޯޗް ޕީޓަރ ސެގާޓްބުނީ މެޗަށް ނުކުންނައިރު ފޭވަރިޓުންނަކީ ރީޔޫނިއަންކަމަށާއި ނަމަވެސް ރާއްޖެއިންވެސް އެންމެ ރަގަނޅު ވާދައެއްކޮށް، މެޗަށް ނިކުންނާނީ ރީޔޫނިއަން ބަލިކުރަންކަމަށެވެ. ކޯޗްބުނީ މިއީ ޒުވާން ކުޅުންތެރިންނަށް ލިބުނު ވަރަށް ރަގަނޅު ފުރުސަތެއްކަމަށާ މިއީ އެކުޅުންތެރިންނަށް އެމީހުންގެ ފެންވަރު ދައްކާލަން ލިބޭ ވަރަށް ރަގަނޅު ފުރުސަތެއްކަމަށެވެ.