ޚަބަރު

ދުވާލެއްގެ މައްޗައް 15000 ކަނޑު ދަތުރުކުރޭ، މިދިޔަ އަހަރު 363 ޙާދިސާ ހިންގި


ރާއްޖެ ހިމެނޭ ސަރަޙައްދުގައި ކޮންމެ ދުވަހަކު ފަނަރަ ހާހަށްވުރެ ގިނަ ކަނޑުދަތުރު ކުރެއެވެ. ރާއްޖޭގެ ދަތުރުރުފަތުރުގެ ނިޒާމުގެ ބޮޑު އިންސައްތައެއް ކަނޑު ދަތުރުރަށް ބަރޯސާވާން ޖެހިފައިވާއިރު އުޅަދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުން މުހިންމެވެ. އެމްއެންޑީއެފްގެ ކޯސްޓްގެ ތަފާސް ހިސާބުތައް ބުނާގޮތުން މިދިޔަ އަހަރުވަނީ ކަނޑުމަތީގެ ތިން ސަތޭކަ ފަސްދޮޅަސް ތިން ޙާދިސާ ހިނގާފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ގޮތުގައި މުޅި ޤައުމުގެ ބޮޑުމިނުގެ %99 ހިމެނެއެވެ. ރާއްޖޭގައި އެއްތަނުން އަނެއްތަނަށް ދަތުރުކުމުގެ މައިނިޒާމަކަށް ވެފައި އޮންނަނީ ކަނޑުދަތުރުގެ ނިޒާމެވެ. ރާއްޖޭގައި ދުވާލެއްގެ މައްޗައް 15000 ކަނޑު ދަތުރުކުރެއެވެ. އެއްރަށުން އަނެއްރަށަށް އެކިކަހަލަ ޚިދުމަތް ހޯދަންދާ ފަރާތްތަކާއި މަސްވެރިންނާއި މުދާ އުފުލާ އުޅަނދުތަކަކީ ކިތަންމެ ކަނޑު ގަދަނަމަވެސް ދަތުރުކުރަންޖެހޭ ބައެކެވެ.

ކަނޑު ދަތުރުގެ ނިޒާމު ރާއްޖެއަށް މުހިންމުކަން ހާމަކޮށްދެނީ ކަނޑުދަތުރުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ހަދާފައިވާ ޤަވައިދުތަކާއި ޤާނޫނުތަކެވެ. މިއިން ކޮންމެ ޤަވާޢިދަކީވެސް ޢާއްމުންގެ ފުރާނައާއި މުދާ ރައްކާތެރިކުރުމަށް ހަދާފައިވާ ޤަވައިދިތަކެވެ. އެގޮތުން އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމާއި ސަލާމަތާއި ރައްކާތެރިކަމުގެ ކަންކަން އުޅަނދުގައި ހަމަވެފައި ހުރުމަކީ މަޖުބޫރުކަމެކެވެ.
ނަމަވެސް ބައެއް ފަރާތްތަކުން މިކަންކަމަށް އިހުމާލުވުމުގެ ސަބަބުން ކަނޑުމަތީގައި ނުރައްކާތެރި ޙާދިސާތައް ހިނގާލެއް މަދެއް ނޫނެވެ. މިފަދަ ކަންކަމަށް ސަމާލު ނުވުމުގެ ސަބަބުން، ޚާއްސަކޮށް މޫސުން ގޯސްވާ ދުވަސްވަރު ހިތާމަވެރި ހާދިސާތައް ހިންގާ މިންވަރު އިތުރުވެއެވެ.

އެމްއެންޑީއެފާއި ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީއާއި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިކަންކަމަށް ޢާއްމުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ.

ކަނޑު އުޅަނދުތަކުގެ ކެޕްޓަނުން މިފަދަ ކަންކަމަށް އަހުލުވެރިކޮށް، ކުއްލި ޙާދިސާތަކުގެ ޙާލަތްތަކަށް ތަމްރީނުކުރުމަށް އެލިއާއިން ފެށި ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އޮފީސް އިންޗަރޖް ކެޕްޓަން އަޙްމަދު ޝިޔާމް ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގައި ކަނޑުމަތީގައި 363 ޙާދިސާއެއް ހިންގައިގެން ރިކޯޑް ކޮށްފައިވާކަމަށެވެ.

ކެޕްޓަން ޝިޔާމް ވިދާޅުވީ މިފަދަ ޙާދިސާތަކުގައި މީހުންނާއި މުދަލަށް ގެއްލުންވުމުގެ ބޮޑެތި ޙާދިސާތައް ހިމެނޭކަމަށެވެ. ކަނޑުމަތީގައި ހިންގާފައިވާ ޙާދިސާތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ އިންޖީނު ހުއްޓުމުގެ ހާދިސާތަކެވެ. ކަނޑުމަތީގައި ހިންގާފައިވާ ހާދިސާތަކުގެ %27.5 އަކީ އިންޖީނު ހުއްޓުމުގެ މައްސަލަތައް ކަމަށްވާއިރު މިއީ ޢަދަދުން ބަލާނަމަ 100 ޙާދިސާއެވެ. ދެން އެންމެ ގިނައީ ފަރަށްއެރުމުގެ ޙާދިސާތަކާއި، ދިޔަވުމާއި އުޅަނދު އަޑިއަށް ދިއުމުގެ ޙާދިސާތަކެވެ. ފަރަށް އެރުމުގެ 75ޙާދިސާ ހިނގިއިރު އިންސައްތައިން ބަލާނަމަ މިއީ %20.7 ޙާދިސާއެވެ. އުޅަނދު ދިޔަވުމާއި އަޑިއަށް ދިނުމުގެ 42 ހާދިސާވަނީ ހިންގާފައެވެ. މިއީ %11.6 ޙާދިސާއެވެ.

ވޭތުވެދިޔަ އަހަރު ކަނޑުމަތީގެ ބޮޑެތި ހާދިސާތަކުގެ ގޮތުގައި މީހުން ގެއްލުމުގެ ޙާދިސާތަކާއި އެކްސިޑެންޓްތަކާއި އަލިފާން ރޯވުމާއި އުޅަނދު ފުރިފަހުން ޚަބަރު ނުވުމުގެ ހާދިސާތައް ހިމެނެއެވެ. އެގޮތުން ޑައިވިނަށް ގޮސްގެންނާއި ކަނޑު އުޅަނދުފަހަރުގައި ހިންގި ހާދިސާތަކުގައި މީހުން ގެއްލުމުގެ 19 މައްސަލަ ރިޕޯޓްކޮށްގެން އެމްއެންޑީއެފުން އެހީތެރިކަން ދީފައިވެއެވެ. އަދި އަލިފާނުގެ ޙަދިސާގެ 11 މައްސަލައާއި ފުރިފަހުން ޚަބަރު ނުވުމުގެ 22 މައްސަލައަކާއި ބަނޑުން ޖަހާލުމުގެ 10 ޙާދިސާއާއި ކަނޑު މަތީގެ އެކްސިޑެންޓްގެ 8 މައްސަލައަކާއި، މެނުއަލިންގ ފޭލިއާގެ 3 މައްސަލައެއް އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައިވެއެވެ.

އެމްއެންޑީއެފްގެ އޮފީސް އިންޗަރޖް ކެޕްޓަން އަޙްމަދު ޝިޔާމް ވިދާޅުވީ މިފަދަ ބައެއް ޙާދިސާތަކުން ލިބޭ ގެއްލުން ބޮޑުވާ އެއްސަބަބަކީ އުޅަނދު އޮންނަ ތަން ލޮކޭޓްކުރަން ދަތިވުންކަމަށެވެ. ޝިޔާމް ވިދާޅުވީ އުޅަނދުގައި ހުންނަ ސިސްޓަމްތައް ރަނގަޅަށް ބޭނުންކުރަން އެންގޭނަމަ، އެހީ ބޭނުންވާ ހިންދު ކައިރީގައި ހުންނަ އުޅަނދުތަކަށް ސިގްނަލް ފޮނުވައިގެން އެހީ ހޯދާނި ނިޒާމުތައް ދޯނިތަކުގައި ހުންނަ ކަމަށެވެ. ނަމަވެސް މިފަދަ ކަންކަމަށް ހޭލުންތެރި ނުވުމަކީ އެހީ ދިނުމަށް އޮތް އެންމެ ބޮޑު ހުރަސް ކަމަށް ވިދާޅުވިއެވެ.

"10ސަރަޙައްދެއްގައި މޮނިޓަރިންގ ސިސްޓަމްތަކެއް މިއަހަރު ނިމުމުގެ ކުރިން ހަރުކުރާނަން. އޭރުން އޭރުން އެމެޖަންދީގައި މެސެޖަކާއިއެކު ސިގްނަލް ފޮނުވޭނެ. އޭރުން އުލަނދު އޮންނަތަން ވަރަށް ފަސޭހައިން ލޮކޭޓް ކުރެވޭނެ." ޝިޔާމް ވިދާޅުވިއެވެ.

މިފަދަ ޙާދިސާތައް މަދުކުރުމަށް ގަވައިދާ އެއްގޮތަށް އުޅަނދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ. އަދި އުޅަނދުގައި ހުންނަ ވަސީލަތްތަކަކީ ކެޕްޓަނުންނާއި ފަޅުވެރިންނަށް ރަނގަޅަށް ބޭނުންކުރަން އިންގޭ އެއްޗަކަށް ހެދުމަށްވެސް އެމްއެންޑީއެފުން އިލްތިމާސް ކުރެއެވެ.