ވިޔަފާރި

ބީއެމްއެލްއަށް ސީއީއޯއެއް ހަމަޖައްސައިފި


ބޭންކް އޮފް މޯލްޑިވްސްއަށް އައު ސީއީއޯއަކު ހަމަޖައްސައިފިއެވެ.

ބޭންކުގެ އައު ސީއީއޯއަކަށް ހަމަޖައްސާފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ ޓިމޮތީ ސޯޔާރއެވެ. ޓިމްއަކީ މާލީ ދާއިރާއަށް ބައިނަލްއަޤްވާމީ ފެންވަރުގައި 30 އަހަރު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 20 އަހަރު އެގްޒެކެޓިވް އަދި ބޯޑު ފެންވަރުގައި މަސައްކަތްކުރެއްވިއިރު ޓިމް ވަނީ ޔޫކޭގެ ސްޓާޓް އަޕް ލޯންގެ ސިއީއޯގެ މަޤާމްވެސް ފުރުއްވާފައެވެ.

ބީއެމްއެލްގެ ސިއީއޯއަކަށް އައްޔަން ކުރުމުގެ ކުރިން ޓިމޮތީ ހުންނެވީ އިނގިރޭސިވިލާތުގެ އިންވެސްޓްމެންޓް ކުންފުނި، އިނޮވޭޓިވް ޔޫކޭގެ ޗީފް އިންވެސްޓްމެންޓް އޮފިސަރގެ މަޤާމުގައެވެ. މި މަޤާމުގެ އިތުރުން ވެސް ޓިމް ވަނީ މާލީ ދާއިރާއާ ގުޅުންހުރި އިސް މަޤާމުތަކެއް ފުރުއްވާފައެވެ. އެގޮތުން 'ކަހޫޓް' އަދި 'ރިލަޔަންސް'ގެ އިސް މަޤާމުތައް ފުރުއްވިއިރު ސްވިޒަރލޭންޑްގެ ބޭންކް ޑުބޮއިސްގެ ޗެއަރމަން ކަމާއި ޔޫކޭގެ ކުންފުންޏެއްކަމަށްވާ 'ފޯކް ޓު ފޯކް' ގެ ޗެއަރމަންކަމުގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.

ބީއެމްއެލްގެ އައު ސީއީއޯއަކަށް ޓިމް އައްޔަންކުރައްވާފައިވާއިރު މީގެ ކުރިން ބޭންކުގެ ސީއީއޯގެ މަޤާމުގައި ހުންނެވީ އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ އެންޑްރޫ ހީލީ އެވެ. އެންޑްރޫ ބީއެމްއެލްގެ ސީއީއޯގެ މަޤާމުން ވަކިވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އިނގިރޭސި ވިލާތުން ވަޒީފާއެއް ހަމަޖެހުމާއި ގުޅިގެންނެވެ.