ކުޅިވަރު

ވާދަވެރި ކުޅުމަކަށް ފަހު ކުވެއިތުގެ ޤައުމީ ޓީމް އަތުން ރާއްޖެ ބަލިވެއްޖެ


ވާދަވެރި ކުޅުމަކަށް ފަހު ކުވެއިތުގެ ޤައުމީ ޓީމް އަތުން ރާއްޖޭގެ ޤައުމީ ވޮލީ ޓީމް ބަލިވެއްޖެއެވެ.

މިއަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ޤައުމީ ފިރިހެން ވޮލީ ޓީމްވަނީ ސާބިޔާގައި 12 ދުވަހުގެ ތަމްރީން ފުރިހަމަކޮށްފައެވެ. މިތަމްރީން ދަތުރުގައި ކުޅުނު އެންމެ ފަހު މެޗްގައި ދިވެހި ޓީމްވަނީ ކުވެއިތު ޓީމް އަތުން ސީދާ ތިން ސެޓުން ބަލިވެފައެވެ. ތިން ސެޓްގެ ތެރެއިން ފުރަތަމަ 2 ސެޓްގައި ރާއްޖޭ ކުޅުނީ ލީޑްގައި އޮވެގެންނެވެ. ފުރަތަމަ 2 ސެޓްގައިވެސް ރާއްޖޭގެ ފެށުން ރަނގަޅުކަން ފާހަގަކޮށްލެވުނެވެ. ނަމަވެސް ދެ ސެޓްވެސް ދިވެހި ޓީމަށް ގެއްލުނީ ފަހު ވަގުތު ލިބުނު ފުރުސަތުތައް ނިންމާނުލެވިގެންނެވެ.

މެޗުގެ ފުރަތަމަ ސެޓް ރާއްޖޭގެ ޓީމަށް ގެއްލުނީ 25-23އިންނެވެ. ވާދަވެރިކޮށް ދިޔަ މި ސެޓްގައި އެންމެ ފަހު ވަގުތު ރާއްޖެއަށް ނިންމަން ލިބޭ ބޯޅަތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މެޗްގެ ދެވަނަ ސެޓް ރާއްޖެއަށް ގެއްލުނީ 25-22 އިންނެވެ. މިދެ ސެޓްގައިވެސް ސެޓް ނިންމަން ލިބޭ ބޯޅަތަކުގެ ބޭނުން ނުހިފި، އަމިއްލަ މިސްޓޭތަކުން ޕޮއިންޓް ގެއްލިގެންދިޔަކަން ފާހަގަކުރެވުނެވެ. ނަމަވެސް މިމެޗްގައި ރާއްޖޭގެ ރިވީސް އަދި ބުލޮކް އެހެން މެޗްތަކަށް ވުރެއް ވަރަށް ބޮޑުތަން ރަނގަޅުކަން ފާހަގަކުރެވުނެވެ. ސަރބިޔާގައި މީގެ ކުރިން ކުޅުނު މެޗްތަކުގައި ހެދިފައި ހުރި ވަރަށް ގިނަ މިސްޓޭކްތަށް މިމެޗްގައި ކުޅުންތެރިން ރަނގަޅުކޮށްފައިވާކަން ފާހަގަކޮށްލެވުނެވެ.

މެޗްގެ ތިންވަނަ ސެޓްގައި ރާއްޖޭގެ ޓީމްގެ ފަރާތުން ގިނަ މިސްޓޭޖްތަކެއް ފެނިގެންދިއުމުގެ ނަތީޖާއަކަށްވީ، ތިންވަނަ ސެޓު ކުވެއިތު ޓީމުން ކާމިޔާބުކުރުމެވެ. ތިންވަނަ ސެޓް ކުވެއިތުން ގެންދިޔައީ 25-17އިންނެވެ.

ސަރބިޔާގައި ޤައުމީ ފިރިހެން ވޮލީ ޓީމް މިކުރި ކޭންޕްގައިވަނީ 5 މެޗް ކުޅެފައެވެ. ސާބިޔާގެ ފުރަތަމަ ޑިވިޝަންގެ ކުލަބެއްކަމަށްވާ ޕާޓިޒަން އާއި ދެކޮޅަށް ތިން މެޗް ކުޅުނުއިރު ކުވެއިތުގެ ގައުމީ ޓީމްއާއެކު ވަނީ އެކުވެރިކަމުގެ 2 މެޗް ކުޅެފައެވެ.