ކުޅިވަރު

ހުމުން ރަނގަޅުވެ ކުޑަކާއްޓޭ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި


ހުން އައިސްގެން ސަރބިޔާ ދަތުރުގެ ތަމްރީންތަކުގެ މެދުތެރެއިން ޕްރެކްޓިސް ނުކޮށް މަޑުކުރަން ޖެހުނު ޤައުމީ ވޮލީ ޓީމްގެ އެންމެ މުޙިންމު ކުޅުންތެރިޔާ އިސްމާޢީލް ސާޖިދު އަނެއްކާވެސް ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.

މިމަހުގައި ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ޤައުމީ ފިރިހެން ވޮލީ ޓީމް މިހާރުދަނީ ސަރބިޔާގައި ތަމްރީން ހަދަމުންނެވެ. އިސްމާޢީލް ސާޖިދަށް ހުންއައިސްފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. ޤައުމީ ޓީމް ސާބިޔާއަށް އައިސްފައިވަނީ މިމަހުގެ ތިންވަނަ ދުވަހުގައެވެ. ސާޖިދަށް ކޭމްޕްގައި ބައިވެރިވެރިވެވުނީ ތިން ދުވަހުގެ ފަރިތަކުރުންތަކުގައިއެވެ. ގަދައަށް ހުންއައިސް ހުޅުހުޅުގައި ރިއްސަން ފެށުމުން ޑޮކްޓަރަކަށް ދެއްކުމުން ޑޮކްޓަރުގެ ލަފައާއިއެކު އޭނާ މިދިޔަ ދުވަސްތަކުގައި ފަރިތަކުރުންތަކުގައި ބައިވެރިނުވެ އަރާމުކުރީއެވެ.

ގައުމީ ފިރިހެން ވޮލީ ޓީމްގެ ކޯޗް މުޙައްމަދު ސާޖިދު ބުނީ ހުން އައުމުގެ ސަބަބުން ސާޖިދަށް މިގެއްލުނީ ވަރަށް މުހިންމު ފަރިތަކުރުންތަކެއްކަމަށާއި، އެހެންނަމަވެސް އެއީ މައްސަލައެއް ނޫންކަމަށެވެ. އަދި ކުރިއަށް ހުރި ފަރިތަކުރުންތަކާއި މާދަމާ ކުވެއިތާއެކު ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗްގައި ސާޖިދަށް ބައިވެރިވެނޭނެކަމަށް އުއްމީދު ކުރާކަމަށްވެސް ކޯޗް މުޙައްމަދު ސާޖިދު ބުންޏެވެ.