މުނިފޫހިފިލުވުން

"ދިލްބަރް"އަށްފަހު ނޯހާގެ ޖާދޫ މިފަހަރު "އޯ ސާކީ ސާކީ"އިން


ބޮލީވުޑްގެ އައިޓަމް ލަވަތަކުގައި މިވަގުތު ރަނިކަން ކުރާ، ނޯރާ ފަތޭހީގެ އައު ވީޑިއޯ ލަވައިގެ ޓީޒަރއެއް މިވަނީ ބެލުންތެރިންނަށް ދޫކޮށްލާފައެވެ.

މިފަހަރުގެ ލަވައަކީ 2004 ވަނަ އަހަރު ނެރުނު އެކްޝަން ތްރިލަރ ފިލްމް "މުސާފިރް"ގައި ހިމެނޭ ލަވައެއްކަމަށްވާ "އޯ ސާކީ ސާކީ"ގެ ރީ-މޭކެކެވެ. މި ލަވައަކީ ޖޯން އަބްރަހަމްގެ ކުރިއަށް އޮތް ފިލްމް "ބަޓްލާ ހައުސް"ގެ ލަވައެކެވެ. ޓީ-ސީރީޒްގެ ލޭބަލްގެ ދަށުން ނެރުމަށް ހަމަޖެހިފައިވާ މި ލަވަ ކިޔާފައިވަނީ މަޝްޙޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރެވެ.

ލަވައިގެ ޓީޒާ ޓްރެއިލަރ މިހާރު ޔޫޓިއުބަށް ދޫކޮށްލާފައިވާއިރު، މިފަހަރުގެ ލަވައިންވެސް ފެނިގެންދަނީ ބެލުންތެރިންގެ މެދުގައި ނޯރާ އެންމެ ބޮޑަށް މަޤުބޫލުވި އެއް ލަވަކަމަށްވާ "ދިލްބަރު" މި ލަވައާއި ދާދި އެއްގޮތް ކަމެކެވެ. ލަވައިގެ މިއުޒިކާއި ކޮރިއޯގްރަފީން ޢަރަބި ގޮތްގަނޑެއް ދައްކުވައިދޭއިރު، މިފަހަރުގެ ލަވައިންވެސް ނޯރާގެ ބެލީ ޑާންސްގެ ހުނަރު ދައްކުވައިދެއެވެ. ލަވައިގެ އޮފިޝަލް ވީޑިއޯ ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

ނޯރާގެ "ދިލްބަރު" މި ލަވަ ވެގެންގޮސްފައިވަނީ މިދިޔަ އަހަރު ނުކުތް އެންމެ ކާމިޔާބު އެއް ވީޑިއޯ ލަވައަށެވެ. އެގޮތުން އެ ލަވައަށް ވަނީ ޔޫޓިއުބްއަށް ދޫކޮށްލިތާ 24 ގަޑިއިރުވެސް ނުވަނީސް 20 މިލިއަން ވިއުސް ލިބިފައެވެ. ހަމައެހެންމެ ބޮލީވުޑްގެ ޗާޓުތަކުގެ އެންމެ ކުރިން ޖާގަ ހޯދާފައެވެ. ނޯރާ ވަނީ އޭނާގެ އަމިއްލަ އަޑުން ކިޔާފައިވާ ޑިލްބަރުގެ ޢަރަބި ވާޝަނެއްވެސް ފޭނުންނާއި ހަމައަށް ގެނެސްދީފައެވެ.

ކެނެޑާއަށް އުފަން ޢުމުރުން 27 އަހަރުގެ ނޯރާއަކީ ނެޝުންތެރިއެއްގެ އިތުރުން، އެކްޓްކުރުމާއި، ލަވަކިޔުމާއި މޮޑެލްކުރުމުގެ ދާއިރާގައިވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނަ ޒުވާން ފަންނާނެކެވެ. ކެނެޑާއަށް އުފަންވިއެއްކަމަކު އޭނާ ޤަބޫލުކުރާގޮތުގައި އޭނާގެ ހިތަކީ އިންޑިއާގެ ހިތެކެވެ. ކެރިއަރއެއްގެ ގޮތުގައި އޭނާ ކުރިއަށްދާން ބޭނުންވަނީވެސް ބޮލީވުޑް ފިލްމް އިންޑަސްޓްރީގައެވެ.

އޯ ސާކީ ސާކީއާއެކު ނޯރާ އަނެއްކާވެސް ހުރީ އޭނާގެ ފޭނުންގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދެވޭނެކަމުގެ އުއްމީދުގައެވެ.