ކުޅިވަރު

ކުޅިވަރުގެ ރޮގުން އިތުރަށް ގުޅުން ބަދަހި ކުރަން ބޭނުން - ސަރބިޔާގެ ޑެޕިއުޓީ ސްޕޯޓްސް މިނިސްޓަރ


ކުޅިވަރުގެ ދާއިރާއިން ސަރބިޔާއާއި ދިވެހިރާއްޖެއާއި އޮތް ގުޅުން މިހާރަށް ވުރެއް ބޮޑަށް ބަދަހި ކުރަން ބޭނުންވާކަމަށް ސަރބިޔާގެ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރ ޑްރާކޯ އުޑޯވިޗިޗް ވިދާޅުވެއްޖެއެވެ.

ސާބިޔާގެ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރ ޑްރާކޯ އުޑޯވިޗިޗްވަނީ ރާއްޖޭގެ ޓީމްގެ ފަރިތަކުރުންތައް ބައްލަވާލައްވާ ކުޅުންތެރިންނާއިވެސް ބައްދަލުކުރައްވާފައެވެ. ރާއްޖޭގެ ކުޅުންތެރިންނާއި ބައްދަލުކުރެއްވުމަށްފަހު ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަދައްކަމުން ސރބިޔާގެ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރ ޑްރާކޯ އުޑޯވިޗިޗް ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން ރާއްޖެއާއއެކު ރަނގަޅު ގުޅުމެއް މިހާރު ބަދަހި ކުރެވިއްޖެކަމަށެވެ. އެންމެ ފުރަތަމަ ސަރބިޔާއަށް މިގެނެވުނީ ވޮލީ ޓިމެއްކަމަށާއި ކުރިއަށް ހުރި ދުވަސްތަކުގައި އެހެން ކުޅިވަރުތަކުން މިފަދަ ކޭމްޕެއްގެ ފުރުސަތު ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވިއެވެ.

އަދި ދެ ގައުމްގެ ދެމެދުގައި ކުޅިވަރުގެ ދައިރާއިން ގުޅުން ބަދަހި ކުރުމަށް އެއްބަސް ވެވުނުތާ މާގިނަ ދުވަސް ނުވަނީސް ރާއްޖޭގެ ޓީމެއް އައިސް ސާބިޔާގައި ތަމްރީން ހަދަމުން ދިއުމަކީ ސާބިޔާގެ ސަރުކާރުން ވަރަށް އުފަލާއެކު ބަލައިގަންނަކަމެއްކަމަށާއި މިއީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ ފެށުންކަމަށް އޭނާ ވިދާޅުވިއެވެ.

"ސާބިޔާގެ އެތްލީޓުންގެ ކާމިޔާބީއަށް އަހަރުން ވަރަށް ފަހުރުވެރިވަން. ވޮލީ ބޯލް، ވޯޓަރ ޕޯލޯ، ބާސްކެޓްބޯލް އަދި ހޭންޑް ބޯލްގައި ސާބިޔާއަކީ މިހާރު ފާހަގަކޮށްލެވޭ ގައުމްއެއް. ވޮލީގައި ކޭންޕް ކުރުމަށް ސާބިޔާގައި ހުރި ސަވީލަތްތަށް ބޭނުންކޮށްގެން އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭގެ ޓީމްތަކަށް އެހީވާން. ޓެކްނިކަލީ ގޮތުންނާއި ޓެކްޓިކްސްގެ ރޮގުންވެސް އެހީތެރިވާން މިތިބީ. އަޅުގަނޑުމެންގެ ބޭނުވަނީ ރާއްޖޭގެ ވޮލީ އެހެން ލެވެލްއަކަށް ގެންދިއުމުގައި އެހީތެރިވާން. އަދި މިކޭންޕްގެ ސަބަބުން ކުރިއަށް އޮތް މުބާރާތުގައި ޓީމްއަށް ފައިދާ ކުރާނެކަމަށް ހީކުރަން. އަދި ސާބިޔާ މިހާރުވަނީ ރާއްޖޭގެ ކުޅިވަރުތަކަށް ހުޅުވާލެވިފަކަމަށާއި މިއީ ދެ ގައުމްގެ މެދުގައި ގުޅުމުގެ ފެށުން." ސާބިޔާގެ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރ ޑްރާކޯ އުޑޯވިޗިޗް ބުންޏެވެ.

ސާބިޔާގެ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރ ޑްރާކޯ އުޑޯވިޗިޗް ވިދާޅުވީ ދެ ގައުމްގެ މިގުޅުމާއެކު ސާބިޔާގެ ޓީމްތަށްވެސް ރާއްޖެއަށް ދިޔުމަށް ހަމަޖެހިފައިވާކަމަށެވެ.

ސާބިޔާގައި ޤައުމީ ފިރިހެން ވޮލީ ޓީމް ތަމްރީން ހެދުމުގެ ފުރުސަތު ލިބުނީ ރާއްޖޭގެ ސްޕޯޓްސް މިނިސްޓަރ އަޙުމަދު މަހުލޫފް ސަރބިޔާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މިދަތުރުފުޅުގައިވަނީ ވޮލީގެ އިތުރުން ރާއްޖޭގެ ޓެނިހަށް ވެސް ސަރބިއާގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކޮށްފައެވެ. އަދި ސާބިއާގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ޔަންކޯ ޓިޕްސަރެވިޗްގެ އެކެޑަމީއެއް ރާއްޖޭގައި ހުޅުވުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

މީގެ އިތުރުން ރާއްޖޭގެ ވޮލީގެ ހަތަރު ކޯޗަކަށް ސަރބިއާއަށް ގޮސް އެންމެ މަތީ ފަންތީގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ވަނީ ތަނަވަސްކޮށްދެއްވާފައެވެ. އަދި ރާއްޖޭގެ ވޮލީގެ ހާލަތު ދެނެގަނެ އިތުރު އެހީތެރިކަން ފޯރުކޮށްދީ ރާއްޖޭގެ ވޮލީބޯޅަ ތަރައްގީކުރާނެ ގޮތްތައް ހޯދުމަށް ސާބިއާގެ ފެޑެރޭޝަނުގެ ޓީމެއް ރާއްޖެ އަންނަ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.