ކުޅިވަރު

އުނދަގޫ މޮޅަކާއެކު އޭދަފުށި ސެމީ ފައިނަލަށް


ބ.ފުޓްބޯޅަ ޗެލެންޖްގައި މިއަދު ހަވީރު ކުޑަރިކިލުން އަތުން އުނދަގޫ މޮޅެއް ހޯދައި އޭދަފުށި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ. އޭދަފުށީ ޓާފް ދަނޑުގައި ކުޅުނު މި މެޗް އޭދަފުށިން ކާމިޔާބުކުރީ، 4-3 ލަނޑުންނެވެ.

މެޗް ފަށައިގެން 2 ވަނަ މިނެޓްގައި އޭދަފުށީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ފާސިރު (ފާއްޓޭ) އެވެ. ދެވަނަ ލަނޑު އޭގެ 5 މިނެޓް ފަހުން ކާމިޔާބުކޮށްދިނީ އުނައިސް ޒުބައިރު އެވެ. މެޗްގެ 27 ވަނަ މިނެޓްގައި އަހްމަދު ޔޫސުފް ވަނީ އޭދަފުށީގެ 3 ވަނަ ލަނޑު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފަ އެވެ. މި މެޗުގައި ކުޑަރިކިލުން ޖެހި ފުރަތަމަ ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ހަަސަން ޔާސިރު އެވެ. އޭގެ ހަތަރު މިނެޓްފަހުން އޭދަފުށީ ޓީމްގެ ގޯލް ކީޕަރަށް ހެދުނު ގޯހަކުން 2 ވަނަ ލަނޑު ޖަހާ ކުޑަރިކިލުން މިމެޗުން މޮޅުވުމަށް ކުރަމުން އައި އުއްމީދުއާކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ހަންނާނެވެ.

ފުރަތަމަ ހާފްގައި ލަނޑުޖަހާނެ 3 ފުރުސަތެއް އޭދަފުށީ ޓީމަށްވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން މެޗްގެ 18 ވަނަ މިނެޓާއި 40 ވަނަ މިނެޓްގައި އަލީ ނަސީމްއަށް ލިބުނު ހުސް ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

ދެވަނަ ހާފްގައިވެސް އޭދަފުށިން މޮޅަށް ކުޅެ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެގޮތުން ލީޑު ފުޅާ ކުރުމަށް އޭދަފުށީ ޓީމަށް ލިބުނު ޕެނަލްޓީ އަލީ ނަސީމް ފޮނުވާލީ ގޯލުގެ ހުރަސް ދަނޑު މަތިން ބޭރަށެވެ. އޭދަފުށިން ޖެހި 4 ލަނޑު މެޗުގެ 80 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަލީ ނަސީމްއެވެ.

ކުޑަރިކިލުން ޖެހި ފަހު ލަނޑު ޖެހީ ލިބުނު ހިލޭ ޖެހުމަކުން އެޓީމްގެ ކެޕްޓަން އަޙްމަދު ނިހާންއެވެ. މިލަނޑަށްފަހު މެޗްގެ ނަތީޖާ ހަމަހަމަކުރުމަށް ކުޑަރިކިލުން ވަނީ މެޗްގެ ފަހު ވަގުތުގައި މޮޅަށް ކުޅެފައެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދިން ކްލަބް އޭދަފުށީގެ ސާހީ މޫސާ އެވެ.

މުޅި މެޗް ނޮމިނޭޓްކޮށް ކުޅެފައިވަނީ އޭދަފުށިން ނެވެ. އެހެން ނަމަވެސް ކުޑަރިކިލަށް ލިބުނު މަދު ފުރުސަތުތަކުގެ ބޭނުންކޮށްފައިވާކަން ފާހަގަކުރެވުނެވެ. މިމެޗައްފަހު ކުޑަރިކިލު ވަނީ މުބާރާތުން ކަޓާފައެވެ. ކުޑަރިކިލު ޓީމްގެ ކެޕްޓަން އަހްމަދު ނިހާން ބުނީ މެޗުން ބަލިވިނަމަވެސް ނަތީޖާއާ މެދު ހިތްހަމަޖެހޭކަމަށާ، އޭދަފުށި ކަހަލަ ޓީމަކާ ވާދަކޮށް މިވަރުގެ ނަތީޖާއެއް ނެރެވުމުން ކުޑަރިކިލު ފުޓްބޯޅަ ކުރިއަރަމުންދާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ހިތާދޫ އާއި ކިހާދޫ އެވެ