ނަގުދު ފައިސާ ބޭނުންކުރުން މަދުކުރުމަށް ޑިޖިޓަލް ކަރަންސީ ރާއްޖެެއަށް ތަޢާރަފްކުރުމަކީ އަމާޒެއްކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.
މަރުކަޒީ ބެންކު، އެމްއެމްއޭގެ ގަވަރުނަރު ނަސީރު މިހެން ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ 38 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމްއެމްއޭގެ 38 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުރީގެ ރައީސް އަދި އެމްއެމްއޭގެ އެންމެ ފުރަތަމަ ގަވަރުނަރު، އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމްއެވެ. މިޖަލްސާގައި ދައުލަތުގެ ވަޒީރުންނާއި އެކި މުއައްސަސާތަކުގެ އިސްވެރިންގެ ބައިވެރިވެޑައިގަތެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމްއެމްއޭ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ މާލީ ދާއިރާ ކުރިއެރުވުމަށް އެމްއެމްއޭއިން ގިނަ މަސައްކަތްތައް ކުރަމުންދާއިރު ޓެކްނޮލޮޖީގެ ބޭނުންކޮށްގެން މާލީ ނިޒާމަށް ކުރިއެރުން ހޯދަންޖެހޭކަމަށެވެ. އެގޮތުން ރާއްޖެއަށް ޑިޖިޓަލް ކަރަންސީ ތަޢާރަފްކޮށް މި ރޮނގުން ކުރިއެރުންހޯދުމަކީ ބޭންކުގެ އަމާޒެއްކަމަށް ނަސީރު ވިދާޅުވިއެވެ. މި މަސައްކަތުގެ ދަށުން މިހާރު ކުރަމުންދަނީ މޯލްޑިވްސް ޕޭމެންޓް ސިސްޓަމްގެ މަސައްކަތްކަމަށާއި އަންނަ އަހަރު މި މަސައްކަތް އެއްކޮށް ނިންމާލެވުމާއެކު ޑިޖިޓަލް ކަރަންސީއަށް ވާސިލްވުމަށް ފަސޭހަވެގެންދާނެކަމަށް ނަސީރު ފާހަގަކުރެއްވިއެވެ.
"މާލީ ދާއިރާއަށް އަންނަ ތަރައްޤީއަށް އަހުލުވެރިވުމަށް އެމްއެމްއޭއިން ދަނީ މަސައްކަތްކުރަމުން. ޒަމާނީ ވިސްނުން ހުރީ ޑިޖިޓަލް ކަރަންސީއާ ދިމާއަށް. އެމްއެމްއޭގެ އަމާޒަކީ ޓެކްނޮލޮޖީގެ ރޮނގުން ކުރިއެރުން ހޯދައި އިންޤިލާބީ އަދި އީޖާދީ ބަދަލުތައް މި ދާއިރާއަށް ގެނައުން. އަޅުގަނޑުމެން އެންމެ އިސްކަމެއްދީގެން ކުރިއަށްގެންދާ އެއް މަޝްރުޢުއަކީ މޯލްޑިވްސް ޕޭމެންޓް ސިސްޓަމް ޕްރޮޖެކްޓް. މި މަޝްރުޢުގެ ތެރެއިން ދިވެހިރާއްޖޭގައި ފައިސާގެ މުޢާމަލާތްކުރުމުގައި ނަގުދު ފައިސާއަށް ބަރޯސާވާން ނުޖެހި ފައިސާ ބޭނުންކުރުމުގެ މަގުފަހިވެގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ އަންނަ އަހަރު މި ޕްރޮޖެކްޓްތައް ނިންމާ ރައްޔިތުންނަށް ލުއި ފަސޭހަ ގެނައުން. " ގަވަރުނަރު ނަސީރު ވިދާޅުވިއެވެ.
މޯލްޑިވްސް ޕޭމެންޓް ސިސްޓަމަކީ ފައިސާގެ އެކި މުޢާމަލާތްތަކުގައި ނަގުދު ފައިސާ ބޭނުންކުރެވޭ މިންވަރު މަދުކޮށް ފައިސާ ދެއްކުމުގައި ދިމާވާ ދަތިތައް ދެނެގަނެ، ފަސޭހަ ނިޒާމަކުން ފައިސާދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެމްއެމްއޭއިން އެކުލަވާލާފައިވާ ސިސްޓަމެކެވެ.
ގަވަރުނަރު ވިދާޅުވީ ރާއްޖޭގެ މާލީ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތްތަކާއިއެކު މާލީ ނިޒާމުގެ ހަމަޖެހުން ޤާއިމްކުރުމަށް އެމްއެމްއޭއިން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އެގޮތުން އެމްއެމްއޭއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް މަރުކަޒީ ބޭންކް ހަރުދަނާކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމްއެމްއޭގެ ފުރަތަމަ ގަވަރުނަރު އަދި ކުރީގެ ރައީސް މައުމޫން ވިދާޅުވީ ފާއިތުވި 38 އަހަރުގައި އެމްއެމްއޭއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހާސިލްކޮށްފައިވާކަމަށެވެ. އެގޮތުން މިއަދު ދިވެހި ފައިސާގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓިފައި ވަނީ އެމްއެމްއޭއިން ފާއިތުވި އަހަރުތަކުގައި ކުރި މަސައްކަތުންކަމާއި މީގެ ސަބަބުން ބައިނަލްއަޤްވާމީ ޤައުމުތަކުން ރާއްޖޭގެ އިޤްތިސާދަށް ކުރާ އިތުބާރަކީވެސް މިކަމުގެ ނަތީޖާއެއްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
" އެމްއެމްއޭގެ އުމުރުން 38 އަހަރު ފުރޭ ދުވަހު އެމްއެމްއޭގެ ސަބަބުން ދިވެހި ފައިސާގެ އަގު ހިފެހެއްޓިފައިވާ ހަރުދަނާކަން އެއި ބައިނަލްއަޤްވާމީ ގޮތުން ވެސް ރާއްޖެއަށް ތަޢުރީފު ލިބޭ ގޮތް ވަނީ ވެފައި އަދި ބޭރު ޤައުމުތަކުގެ އިތުބާރުވެސް އެމްއެމްއޭއިން ވަނީ ހޯދާފަ." ރައީސް މައުމޫން ވިދާޅުވިއެވެ.
މި ޖަލްސާގައި އެމްއެމްއޭގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ އަރުވާފައިވެއެވެ.