މިދިޔަ ޖޫން މަހު މުވައްޒަފުންނަށް އެންމެ ގިނައިން ސަރވިސް ޗާޖްދިން ރިސޯޓަކަށް އަނެއްކާވެސް ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓު ހޮވިއްޖެއެވެ.
ރާއްޖޭގެ ރިސޯޓުތަކުން މުވައްޒަފުންނަށް ސަރވިސް ޗާޖް ދޭ މިންވަރާއި އާންމުކޮށް ރިސޯޓުތަކުގެ އެކި ޚިދުމަތްތަކުން ސަރވިސް ޗާޖް ނަގާ މިންވަރުގެ މަޢުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ "މޯލްޑިވްސް ސަރވިސް ޗާޖް ވެބްސައިޓު" ގައި އާންމުކޮށްފައިވާގޮތުން މިދިޔަ ޖޫން މަހު އެންމެ ގިނައިން ސަރވިސް ޗާޖް ދީފައިވަނީ ވެލާ ޕްރައިވެޓް ރިސޯޓުންނެވެ.
މި ރިސޯޓު ވަނީ މެއި މަހުވެސް އެންމެ ގިނަ ސަރވިސް ޗާޖްދިން ރިސޯޓަށް ހޮވިފައެވެ. ޖޫން މަހު ރިސޯޓުތަކުން ދީފައިވާ ސަރވިސް ޗާޖަށް ބަލާއިރު ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން އެވްރެޖްކޮށް 740 ޑޮލަރު ނުވަތަ 11،000 ވުރެ ގިނަ ދިވެހި ރުފިޔާ ދީފައިވެއެވެ.
މެއިމަހު މިރިސޯޓުން ވަނީ މުވައްޒަފުންނަށް 1509 ޑޮލަރު ނުވަތަ ގާތްގަނޑަކަށް 23،000 ރުފިޔާ ދީފައެވެ.
ވެލާ ޕްރައިވެޓް އައިލެންޑްއަކީ މުވައްޒަފުންނަށް އެންމެ ގިނައިން ސަރވިސް ޗާޖްދޭ ރިސޯޓުތަކުގެ ލިސްޓުގެ ގަދަ ތިނެއްގައި އަބަދުވެސް ހިމެނޭ ރިސޯޓެކެވެ.
ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓަށް ފަހު މިދިޔަ ޖޫން މަހު އެންމެ ގިނައިން ސަރވިސް ޗާޖް ދީފައިވަނީ ވެލިގަނޑު އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުން ގާތްގަނޑަކަށް 620 ޑޮލަރު ނުވަތަ 9500 ރުފިޔާ ސަރވިސް ޗާޖްގެ ގޮތުގައި ދީފައިވެއެވެ.
ތިންވަނަ އަށް އެންމެ ގިނައިން ސަރވިސް ޗާޖް ދީފައިވަނީ 605 ޑޮލަރު ނުވަތަ 9300 ރުފިޔާއާއެކު ހުރަވަޅި އައިލެންޑް ރިސޯޓުންނެވެ.
މޯލްޑިވްސް ސަރވިސް ޗަރޖް ވެބްސައިޓްގައި އާންމުކޮށްފައިވާގޮތުން މިދިޔަ މަހު ސަރވިސް ޗާޖް އާންމުކޮށް އުޅެނީ 500 ޑޮލަރާއި 700 ޑޮލަރާއި ދެމެދު އެވެ.
ޖޫން މަހުގެ ސަރވިސް ޗާޖާއި އެހެނިހެން މަހުގެ ސަރވިސް ޗާޖާއި ބަލާއިރު ޖޫން މަހު ސަރވިސް ޗާޖް ވަރަށް ބޮޑުތަން ދަށްކަމަށް ފާހަގަކޮށްލެވެއެވެ. އެގޮތުން ޖެނުއަރީ މަހު ވެލާ ޕްރައިވެޓް އައިލެންޑުން ސަރވިސް ޗާޖްގެ ގޮތުގައި ގާތްގަނޑަކަށް 3000 ޑޮލަރު އެވްރެޖްކޮށް ދިން އިރު މިދިޔަ ޖޫން މަހު ވެލާ ޕްރައިވެޓް އައިލެންޑުން ދިނީ ގާތްގަނޑަކަށް 700 ޑޮލަރެވެ.
މިދުވަސްވަރަކީ ރާއްޖެއަށް އަންނަ ފަތުރުވެރިން އަދަދު މަދު ދުވަސްވަރަކަށް ވުމާއެކު ރިސޯޓުތަކަށް ލިބޭ ސަރވިސް ޗާޖް މަދުވުން އެކަށީގެންވެއެވެ. އެހެންނަމަވެސް ފަތުރުވެރިން ގިނައިން އަންނަ ދުވަސްވަރު ގިނަ ރިސޯޓުތަކަށް ބޮޑެތި އަދަދުތަކުން ސަރވިސް ޗާޖް ދެއެވެ.
މޯލްޑިވްސް ސާރވިސް ޗާޖް ވެބްސައިޓަކީ ރާއްޖޭގެ އެކި ރިސޯޓުތަކުގެ ސާރވިސް ޗާޖް ދޭ އަދަދު ކޮންމެ މަހަކު އާންމުކުރަމުން އަންނަ ވެބްސައިޓެކެވެ.
މީގެ އިތުރުން މި ވެބްސައިޓުގައި ރިސޯޓުތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ރިސޯޓުތަކާއި ބެހޭ އެކި އެކި މަޢުލޫމާތު ލިބެން ހުރެއެވެ. މިއީ ރާއްޖޭގައި ރިސޯޓު ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުންނަށް ފަސޭހައިން ވަޒީފާ ހޯދައިދިނުމުގެ މަޤްސަދުގައި ތައްޔާރުކޮށްފައިވާ ވެބްސައިޓެކެވެ.