ވޮލީގެ ހާލަތު ބެލުމަށް އެފްއައިވީބީއިން މަސައްކަތް ކުރި ނަމަވެސް ވޮލީއަށް ދެރަގޮތެއް ފިޔަ ނުދޭނެކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އާ ގުޅޭ ގިނަ މައްސަލަތަކެއް ޔޫތް މިނިސްޓްރީއަކުން އެކުލަވާލި ކޮމެޓީއަކުން ބަލާ، މައްސަލަތައް ފާހަގަކުރެވިފައެވެ. އަދި ވީއޭއެމްގެ މިހާރުގެ ހިންގާ ކޮމިޓީ އުވާލައި އެ އިދާރާ ހިންގުން އިންޓަރިމް ކޮމިޓީއަކާ ހަވާލުކުރަން ކޮމިޝަނާ އޮފް ސްޕޯޓްސްއިން ނިންމުމާއި ގުޅިގެން މިކަންތައްތައް އޮޅުން ފިލުވުމަށް ބޭނުންވާތީއެފްއައިވީބީންވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއަށް މިދިޔަ ހުކުރުދުވަހު ސީޓީއެއް ފޮނުވާފައެވެ.
މިމަހުގެ 17ވަނަ ދުވަހު މޮރިޝަސްގައި ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ގައުމީ ވޮލީ ފިރިހެން ޓީމް މިހާރުދަނީ ސަރބިޔާގައި ތަމްރީން ހަދަމުންނެވެ.
ޤައުމީ ވޮލީ ޓީމަށް ހިއްވަރުދެއްވުމަށް ރޭ މިނިސްޓަރ އަޙުމަދު މަހުލޫފްވަނީ ޓީމަށް ގުޅުއްވާ ވޮލީ ޓީމް މިހާރު ކުރަމުންގެންދާ މަސައްކަތްތަކަށް ޝުކުރު އަދާކޮށް ހިތްވަރު ދެއްވާފައެވެ. އަދި އާއިލާއާއި ދުރުގައި ޤައުމަށްޓަކައި ކުރާ މަސައްކަތުގައި، ކޮންމެ ކުޅުންތެރިއަކުވެސް ޤައުމަށް ރީތިނަމެއް ހޯދައިދިނުމަށް ވީހާވެސް ބުރަކޮށް މަސައްކަތް ކޮށްދިނުމަށް މިނިސްޓަރވަނީ ކުޅުންތެރިންގެ ކިބައިން އެދިވަޑައިންނަވާފައެވެ.
"އެފްއާއިވީބީއިން ވޮލީގެ ހާލަތު ބެލުމަށް ކުރަމުންދާ މަސައްކަތުގައި ވޮލީއަށް ދަރެއް ލިބޭފަދަ އެއްވެސް މަސައްކަތެއް ސަރުކާރުން ނުކުރާނެ. މިއީ ހަމައެއްވެސް މައްސަލައެއް ނޫން. މިހާރުގެ ހާލަތު އެފްއައިވީއަށް އެމްއޯސީން އެންގުމުން އެކަން ނިމުނީ. އެއްވެސް ވަރަކަށް ކުޅުންތެރިން މިކަމާއި މެދު ވިސްނާނެކަމެއް ނެތް. ކުޅުންތެރިންގެ ފޯކަސް ބަހައްޓަންވީ ކޭންޕްއަށް އަދި ކޭންޕް ނިންމާފަ އައިއޯއައިޖީގައި ރާއްޖޭއަށް މެޑަލްއެއް ހޯދުމަށް. ސަރުކާރުން އެއްވެސް ވަރަކަށް ކުޅިވަރަށް ދެރައެއް ލިބޭފަދަ އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަން މިދެނީ." މިނިސްޓަރ މަހުލޫފް ބުންޏެވެ.
އެފްއައިވީބީއިން ރާއްޖޭގެ ވޮލީގެ ހާލަތު ދެނަގަތުމަށް މަސައްކަތް ކުރިނަމަވެސް، ބައިނަލަގްވާމީ އެއްވެސް މުބާރާތެއްގައި ރާއްޖެއަށް ބައިވެރިނުވެވޭނެ އެއްވެސް ހާލަތެއް މެދުވެރި ނުވާނެކަމަށާއި ކުރިއަށް ހުރި ބައިނަލަގްވާމީ މުބާރާތްތަކުގައި ވޮލީއަށް ބައިވެރިވެވޭނެކަމުގެ ޔަގީންކަން ސަރުކާރުން ދޭކަމަށްވެސް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.
ޤައުމީ ވޮލީ ޓީމްގެ ކުޅުންތެރިންވަނީ ކުޅުންތެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ޔަގީންކަން ދީފައެވެ. އަދި ސަރުކާރުން މިފަދަ ފުރިހަމަ ކޭމްޕެއް ހަމަޖައްސައިދެއްވިކަމަށްޓަކައި ސަރުކާރަށާއި، ވަކިން ޚާއްސަކޮށް މިނިސްޓަރ އަޙުމަދު މަހުލޫފަށް ކުޅުންތެރިންވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.