ޖުލައި 03 ބުދަ ދުވަހާއި ގުޅޭ
މުޅި ދުނިޔެ އެބުރެން ފެށިހެންވެސް ހީވިއެވެ. ލޮލަށް ފެންނަމުންދާ މަންޒަރު ގަބޫލު ކުރަންވެސް ދަތިވިއެވެ. ހުވަފެނެއްތޯ ޙަގީގަތެއް ތޯ ޔަގީން ނުކުރެވޭ ކަހަލަ ގޮތަކަށް ހުރެ ކޮޓަރީގެ މެދުގަހުރި ކައިލަށް ބަޠޫލް ގޮވާލިއެވެ. ކޮޓަރި ތެރޭން ދުވަމުންދާ މީރުވަހުން ނޭވާ ފުރިގެން އުތުރި އަރައެވެ. ބަޠޫލް ގެ ސިކުނޑި ވަނީ އެވަހުގެ މަސްތުގައި ޖެހިފައެވެ. މިއީ ވެސް ކޮންފަދަ ބާރުގަދަ ޖަޒްބާތެއް ހެއްޔެވެ. ކައިލް ގެ އެރީތި ލޮލަށް ބަޠޫލް ޣަރަގު ވަމުން ދަނިކޮށް ހަމަހޭވެރިކަންވީ އޭނަގެ ރޫމް މޭޓް ޝިފާނާ ގެ އަޑަށެވެ. ބަޠޫލް ކޮން ޚިޔާލެއްގައި.. ޝިފާނާ ސަކަ ހިނިގަޑެއް ޖަހާލުމަށް ފަހު އަހާލިއެވެ. ކައިލް.......... ބަޠޫލް ވަށައިގެން ހޯދަން ފެށިއެވެ. ނަމަވެސް ކައިލެއް އެތާކުނެތެވެ.
ކައިލް ހުރިދިމާލުން ގޮޑިމަތީގައި ހުދުކުލައި ގެ ފިނިފެންމާ ބޮނޑިއެއް އޮތެވެ. ބަޠޫލް ދުވެފަ ގޮސް އެ މާ ބޮނޑި ނެގިއެވެ. އަދި މާތަކުން މޫނުގައި ފިރުމާލިއެވެ.
ބަޠޫލް ގެ ދިރުން އެމާތަކާ ގުޅިފަ ވާކަހަލައެވެ. އެއީ އޭނަ ގެ ހިތުގެ ހަމަޖެހުމާއި ގުޅިފައިވާ މާތަކެކެވެ. ބަޠޫލް ވިސްނާލިއެވެ. އޭނަ ގެ ދުނިޔެ ކިހާ އުފާވެރި ހެއްޔެވެ. އެއީ ލޯބީ ގެ މީރުވަހުން ހުވަނދު ލެވިފައިވާ ދުނިޔެއެކެވެ. ބަޠޫލް ލޯމަރާލިއެވެ. އަނެއްކާވެސް ކައިލްގެ އެ ރީތި ސިފަ ސިފަވިއެވެ. މީގެކުރިން އެޖާ ރީތި ހިނުތުންވުމެއް ބަޠޫލެއް ނުދެކެއެވެ. އެ ދެ އަތުގެ ޙިމާޔަތުގައި އަބަދުގެ އަބަދަށް ވުމަށް ބަޠޫލް ބޭނުންވެއެވެ.
ބަޠޫލް ގެ ޚިޔާލީ ދުނިޔެއިން ހޭވެރިކަންވީ ޝިފާނާ އައިސް ބަޠޫލްގެ ބުރަކަށީގައި ބާރަށް ވިކާލުމުންނެވެ. އައުޗް.......... ވީތަދުން ބަޠޫލް ފެންކަޅިވިއެވެ. ވަޓް ދަ ހެލްވޯޒް ދެޓް؟ އޭ ބުނެލަމުން ޝިފާނާ އާއި ދިމާލަށް އެނބުރިލިއެވެ. އަހަރެން ޔަގީން ކޮށްލީ މިއުޅެވެނީ ޙަގީގީ ދުނިޔޭގައި ތޯ... ޝިފާނާ ބާރަށް ހީގަތެވެ. ދެ އެކުވެރިން ހެމުން ހެމުން މާތަށް ކޮޓަރި ތެރެއަށް އުކަމުންނެވެ.
ކިތަންމެ ސަކަރާތެއް ޖެހިނަމަވެސް ދެމީހުން ގެ ހިތުގަވެސް އެ މާތަކާއި މެދު ޖަވާބު ނުލިބޭ އެތަކެއް ސުވާލު އުފެދިފައި ހުއްޓެވެ. ނަމަވެސް އިތުރަށް އެ ވާހަކަ ދައްކާކަށް އެކަކުވެސް ބޭނުމެއް ނޫނެނެވެ. އޭގެ ބަދަލުގައި ދެމީހުންވެސް އަވަސްވެގަތީ ރޭގަޑުގެ ކެއުމަށް ދިޔުމަށެވެ.
އެހެން ރޭތަކާއި ހިލާފަށް ކާމޭޒު ދޮށުގައި ތިބި އަންހެން ކުދިންގެ އަމާޒަކަށް މިރޭ ވެފައިވަނީ ބަޠޫލް އެވެ. ރަންކުލައިގެ ކުރެހުން އެޅި ހުދުކުލައި ގެ ޕާކިސްތާނު ހެދުމެއް ލައިގެން އިން ބަޠޫލް ގެ މޫނުމަތިން ކުރިން ނުފެންނަ އުފާވެރި ކަމެއް ފެނެއެވެ. މުޅިން ވެސް ދެކެވެމުން ދިޔައީ ކުރީ ދުވަހު ގެ ޙާދިސާ ގެ ވާހަކަތަކެވެ. އެޒުވާނާ ގެ ހިތްވަރު ގަދަކަމާ ރީތިކަމުގެ ވާހަކައެވެ. ބަޠޫލް ހޭނެތިފަ އޮތްވާ އަތްދަނޑި މަތީގައި ބާއްވައިގެން އެމްބިޔުލާންސާ ހަމަޔަށް ގެންދިޔަ ގޮތުގެ ވާހަކަތަކެވެ. އެވާހަކަތައް އިވުމުން ބަޠޫލް ގެ މޫނު ޖަންބެއްހެން ރަތްވިއެވެ. ލަތުވެތިކަމުގެ އިޙްޞާސް ތަކާއެކު އުފާވެރިކަން ބަޠޫލް ގެ ރީތިކަން އިތުރުކޮށްދިނެވެ.
އެވާހަކަތައް އަޑުއިވުމުން ބަޠޫލް ދޭތެރެއަކުން އެއްޗެއް ބުނެލިނަމަވެސް ގިނަވަގުތު އިނީ ހިމޭނުންނެވެ. އެންމެ ފަހުން އެކުދިން ނިންމީ ގެޓް ޓު ގެދަރ އެއްބޭއްވުމަށެވެ. ކައިލް ވެސް ހިމެނޭ ގޮތަށެވެ. ކައިލްއަށް އެކުދިން އެފަދަ ގޮތަކުން ވެސް ޝުކުރު އަދާކުރަން ބޭނުމެވެ. ބަޠޫލް ވެސް ހިތާހިތުން އެކަމަށް އެއްބަސް ވިއެވެ. ބަޠޫލް ގެ ހިމޭންކަން ފެނިފައި އެންމެންވެސް ސުވާލުތައް އޮއްސަމުން ދިޔައެވެ. އެންމެ ފަހުން އެކަމާ ބަޠޫލް އެބަސްވުމުން އެކުދިން ގެ ހުނުމުގެ އަޑުން މުޅިތަން ގުގުމާލިއެވެ. އަދި ތަފާތު ގޮތްގޮތަށް ކައިލް އާއި ގުޅުވައިގެން ލާނެތް ބަސްތަކުން އެކުދިން ބަޠޫލާއި ދިމާކުރަމުން ދިޔައެވެ. އެ ސަމާސާ ބަސްތަކުން ބަޠޫލްގެ ހިތްފުރެމުން ދިޔައެވެ. ބުނެދޭން ނޭގޭ ކަހަލަ އިޙްސާސް ތަކެއް ކުރުވަމުން ދިޔައެވެ.
ކެއުން ނިންމާލުމަށް ފަހު ނިދަން ޖައްސާލި އިރުވެސް ޝިފާނާ ހުއްޓާނުލާ އަނގަ ތަޅުވަމުން ދިޔައެވެ. އެހެންކަމުން ބަޠޫލް އަކަށް ވެސް ހިމޭނަކުން ނީދެވުނެވެ. މަޑުމަޑުން ޝިފާނާގެ ވާހަކަތަކާ ގަޔާވަމުން ދިޔައެވެ. އަދި ޝިފާނާ އަށް އޭނާގެ ހިތުގެ ޙާލު ކިޔައި ދިނެވެ. ދެމީހުން ވެސް ކައިލްގެ ހުށިޔާރުކަމަށް ސާބަސް ދިނެވެ. އެއްވެސް މީހަކަށް ހިލަމެއްވެސް ވިޔަ ނުދީ ސިއްރުން ގެނެސްދޭ ފިނިފެންމާ ބޮނޑީގެ ވާހަކައެވެ. ހުދު ފިނިފެންމަލަކީ ބަޠޫލަށް އެންމެ ރީތި މަލަށްވާއިރު ކައިލްގެ ހިތާ ބަތޫލްގެ ހިތާ ގުޅފައިވާ މިންވަރުކިޔާދީ ސަމާސ ކުރަމުންދިޔަ ޝިފާނާއަށް ނިދުނު އިރުވެސް ބަޠޫލް އޮތީ ކައިލްގެ ފޮނިފޮނި ހިޔާލުގައި އެ ޒުވާނާ ދެކިލުމުގެ ފޮނި އިންތިޒާރުގައެވެ.
ބަޠޫލްގެ ދެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތް ކަހަލައެވެ. އެދެލޯ އިންތިޒާރު ކުރަމުން ދަނީ ހަމަ އެކަނި ކައިލްގެ ސޫރަ ދުށުމަށެވެ. ނަމަވެސް މިގަޑީގައި އެކަން ވަނީ ކިހިނެއް ހެއްޔެވެ. އެތައް އިރަކު އެގޮތަށް ދެ ފަރާތައް ފުރޮޅު ފުރޮޅި އޮތުމަށްފަހު ހުވެފެނުގައި ނަމަވެސް ކައިލް ދެކިލަން ބޭނުންވެފައި އޮތް ބަޠޫލް ނިދީގެ ތެރެއަށް ޣަރަގުވެގެން ދިޔައިރުވެސް އެނާއަށް ނޭނގެއެވެ.
ބަޠޫލްއަށް ހޭލެވުނީ އެއްޗެއް ގޮވި ކަހަލަ އަޑެއް އިވިގެންނެވެ. ސިއްސައިގެން ގޮސްފަ ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. ހުޅުވިފައިވާ ކުޑަދޮރު ގެ ދޮރުފޮތިގަނޑު ވަޔާ ހެލެމުން ދިޔައެވެ. ބަޠޫލް އަށް ބިރުން ގޮސް އަނެއްކާވެސް ހަޅޭއްލަވައި ގަނެވުނެވެ. ޝިފާނާ ހޭލެއްވުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ބަޠޫލް ގެ ދޫ ޙަރަކާތެއް ނުކުރިއެވެ. ކަރުތެރެ ވަނީ ހިކިގެން ގޮސް ކުރަކިވެފައެވެ. ބިރުން ގޮސް މުޅިމީހާ ރޫރޫ އަޅައެވެ.
މިނިޓް ތަކެއް ފަހުން ބޭ އިޚްތިޔާރުގައި ބަޠޫލް މަޑުމަޑުން އެދުން ތެދުވިއެވެ. ކުޑަދޮރާ ދިމާލަށް ލަސް ފިޔަވަޅުތަކެއްގައި ހިނގަމުން ދިޔައެވެ. ކުޑަދޮރުގެ ފޮތިގަނޑު ކަހާލިއެވެ. އަދި ބޭރުބަލާލިއެވެ. ރިހި ހަނދުވަރަކުން މުޅި ކާއިނާތު ޒީނަތްތެރިވެފައި ވާތީ ބަޠޫލަށް ހިނިތުންވުން ގެނައެވެ. މި ހަނދުވަރުގެ އަލީގައި ކައިލް އޭނާ ގާތުގައިވުމަށް ހިތް އެދުނެވެ.
ބަޠޫލަށް ކުއްލި ސިހުމެއް ގެނުވީ ކުރިމަތީގައި ކައިލް ހުއްޓާ ފެނުމުންނެވެ. ކައިލް ހުރީ ބޭރުގައި ކުޑަދޮރު ކައިރީގައެވެ. އަދި ތޭރި ތަކުގައި ހިފަހައްޓައިގެން ހުރި ބަޠޫލް ގެ އަތުގައި މަޑުމަޑުން ފިރުމާލިއެވެ. އެ އިޙްޞާސްތަކުން ބަޠޫލް މަސްތުކޮށްލިއެވެ. ކައިލް ބަޠޫލްގެ އަތުގެ އިގިލިތަކުގައި ބޮސްދިނެވެ. ކުއްލިއަކަށް ބަޠޫލް އަށް އަތްދަމައި ގަނެވުނެވެ. ބަޠޫލް............ ކިހިނެއްވީ.. ރުޅި އައީ ތަ ކައިލް ފިނިފިނި އަޑަކުން އަހާލިއެވެ. ސޮރީ.. ލަދުރަކިވެފައި ހުރި ބަޠޫލް ނޫނެނޭ ބުނުމުގެ ގޮތުން މަޑުމަޑުން ބޯ ހޫރާލިއެވެ.
ތޭންކްސް....... .އަހަންނަށް އެގޭ ބަޠޫލް އިންތިޒާރުކުރަމުން އައީ އަހަރެން އަންނާނެއިރަކަށް ކަން ......... ތި ރީތި މޫނު އަހަރެން އަރާމް ނިދިން މަޙްރޫމް ކޮށްލާފައި މިތަނަށް ތި ގެނައީ ........... ކައިލް ވާހަކަ ދައްކަން ފެށިއެވެ.
އަހަންނަށް ހިޔެއްނުވޭ ބަޠޫލް އާއި ނުލާ ދެން އުޅެވޭނެހެން.......... އަހަރެން އަބަދުވެސް އެދި އެދި ހުރީ ބަޠޫލް ގެ ލޯތްބަށް........ އެ އިންތިޒާރުތައް މިހާފޮނިވާނެއެކޭ ހިތަކަށް ނާރާ........... ބަޠޫލް ގެ ލޯތްބަށްޓަކާ އަހަރެން ކޮންމެފަދަ ގުރުބާނީ އެއްވެސް ވެދާނަން. މީ އަހަރެން ގެ ލޯބީގެ ހަދިޔާ......... ހުދު ކުލައި ގެ ފިނިފެންމަލެއް ދިއްކޮލަމުން ކައިލް ބުނެލިއެވެ.
ތޭންކްސް........... އެމަލުގައި ހިފަމުން މަސްތީ އަޑަކުން ބަޠޫލް ބުނެލިއެވެ.......... އެގޮތުގައި އެ ދެލޯބިވެރިން ފަތިސްވަންދެން ހަމަހިމޭން ކަމާއި އެކު ލޯބީ ގެ އަޙްދުތަކާއި ވައުދުތައް ވަމުން ދިޔައެވެ.
ބަޠޫލަށް ހޭވެރިކަންވީ ޝިފާނާގެ އަޑަށެވެ. ސިއްސައިގެން ގޮސް ބަޠޫލް ބަރު އެސްފިޔަތައް ހުޅުވާލިއެވެ. ބަޠޫލް އަށް ހުރެވުނީ ކުޑަދޮރުކައިރީގައެވެ. އެވަގުތު ކައިލް ކޮބާތޯ ކުއްލިއަކަށް ބަލާލެވުނެވެ. ކައިލްް ފެންނާކަށް ނެތެވެ. ބަޠޫލް އޭނަގެ އަތުގައި އޮތް ފިނިފެންމަލަށް ބަލާލިއެވެ. ހަމައެއާއެކު ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އަދި ޝިފާނާއަށް ކައިލް ނުފެންނާނެކަމުގެ ޔަގީން ކަމާއެކު އެނބުރިލިއެވެ.
ރޭގަ ނިދީ ކުޑަ ދޮރުކައިރީގައި ހުރެގެންތަ... ބަޠޫލަށް ކިހިނެތް ވެފަތަ ތިހިރީ... ސުވާލު ފުންޏެއް ޝިޕާނާ އޮއްސާލިއެވެ. ބަޠޫލް ގެ މޫނުމަތީގައި ކުޑަދޮރުގެ ތޭރި ތަކުގައި ޖެހި ތޭރިތަކުގެ ނިޝާން ބަޠޫލްގެ މޫނުމަތިން ފެންނަން ހުއްޓެވެ. އެތަންތަނުގައި ޝިފާނާ އަތްކާއްތާލިއެވެ. އެތަންތަން ހުރީ ރަތްވެފައެވެ. ޝިފާނާގެ ޙައިރާންކަން އިތުރުވިއެވެ.....
ޝިފާނާ ގެ ޙައިރާންކަން އިންތިހާޔަށް ބޮޑުވީ ކުޑަދޮރު ކައިރީގައި ހުރި ހުދުކުލައިގެ ފިނިފެން މާ ފިޔަތައް ފެނުމުންނެވެ. އެ ފިޔަތައް ވިހުރެމުންދާ ތަން ޝިފާނާއަށް ފެނުމުން ނުތަނަވަސްކަން އިތުރުވިއެވެ.
ކައިލްގެ ލޯބީގެ މަސްތުގައި ހުރެގެން ބަޠޫލް އެނދަށް އަރާ ބޮލާއެއް ކޮށް ރަޖާއަޅާ އޮށޯތެވެ. ވާނުވާގައި ބަޠޫލްގެ ހަރަކާތްތަކަށް ގެއްލިފައި ހުރި ޝިފާނާއަށް މިއަދަކީ ބަންދު ދުވަހެއްކަން އިހްސާސްވީވެސް އެހެން ހުންނަތާ އިރުކޮޅެއް ފަހުންނެވެ. އެހެންކަމުން އިތުރު ވާހަކައެއް ނުދައްކާ ޝިފާނާވެސް އޮށޯތީއެވެ. ނަމަވެސް އެއްވެސް ހަމަޖެހުމެއް ނެތް ކަހަލަ ގޮތަކަށެވެ. ކުރެވެމުން ދިޔަ ބިރުވެރި އިޙްސާސްތަކުން ޝިފާނާގެ ޙިއްޞުތައްވެސް މަސައްކަތް ނުކުރާ ކަހަލައެވެ. ކޮޓަރިތެރެއަށް ވިހުރެމުން ދިޔަ ފިނިފެންމަލުގެ ފިޔަތަކަށް ޝިފާނާ ނަޒަރު ހިންގާލިއެވެ. އެފިޔަތަކުގައި ދިރުމެއް ވާ ކަހަލައެވެ. އަދި ބަޠޫލް ކުޑަ ދޮރުކައިރީގައި ނިދިފައި ހުރިގޮތް ޚިޔާލަށް އައުމުން ޝިފާނާގެ ހިތްބާރަށް ތެޅެން ފެށިއެވެ.
ދުންފިނީގެ އަސަރުވެސް ކޮޓަރިތެރޭގައި ހުރިހެންވެސް ޝިފާނާއަށް ހީވިއެވެ. އާއެކެވެ. ހީވި ގޮތެއް ނޫނެވެ. އެވަގުތު އޭނަގެ ލޯ ހުރީ ހަމަ ރަގަޅަށް ވެސް ފުސްވެފައެވެ. ހިޔަންޏެއް ކުޑަދޮރޮ ހުރަސްކުރިހެން ވެސް ހީވިއެވެ. އެކަމަކު އެހެން ހީވާންޖެހޭ ސަބަބެއްވެސް ޝިފާނާއަކަށް ނުވިސްނުނެވެ. އެޚިޔާލް ތަކާ ދުރަށް ދެވޭތޯ ޝިފާނާ މަސައްކަތް ކުރަމުން ދިޔަވަރަކަށް ނުތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ.
އެނދުން މަޑުމަޑުން ތެދުވެ ފިނިފެންމާ ފިޔަތަކަށް ޝިފާނާ ރަނގަޅަށް ނަޒަރު ހިންގާލިއެވެ. ނުލާހިކު ތާޒާކޮށްހުރި މަލުގެ ފިޔަތަކެކެވެ. ޝިފާނާ އެންމެ ޙައިރާން ވީ މޯޅިނުވެ އެފިޔަތައް ތާޒާކޮށް ހުރީމައެވެ. ބިރުވެރި ނަޒަރަކުން އަރާމު ނިންޖަކުން ނިދާފަ އޮތް ބަޠޫލް އަށް ޝިފާނާ ބަލާލިއެވެ. ޝިފާނާގެ ޚިޔާލު ބަދަލުވިއެވެ. ހައިރާންކަން ބޮޑު ހުދު ފިނިފެންމާ ބޮނޑިތައް އަންނަ ގޮތެއް ބަލަން ބޭނުންވިއެވެ. އެހެންކަމުން ބަޠޫލްއަށް ފިނިފެންމާ ބޮނޑި ދޭ މީހަކު ބެލުމުގެ ޝައުޤުވެރިކަން ޝިފާނާ އުފެދުނެވެ. އަދި އެ މަސައްކަތް ކުރަންވެސް އޭނާ ނިންމިއެވެ.
ނުނިމޭ...
ނޯޓް : ސާމިޔާ އަހްމަދަކީ ވާހަކަ ލިޔުމުގައި ކުރިއަރަމުން އަންނަ ޒުވާން ލިޔުންތެރިއެކެވެ. ސާމިޔާގެ ގިނަ ވާހަކަތަކަށް ވަނީ ރޭޑިއޯ ޑްރާމާ އުފައްދާ ގެނެސްދީފައެވެ.