ފަސްމީރުގެ އުފެއްދުމެއްގެ ގޮތުގައި ފަރުމަހާއި ކަނޑުމަހުގެ އައު 2 ޕްރޮޑަކްޓެއް މިފްކޯއިން ތަޢާރަފްކޮށްފިއެވެ.
މިފްކޯއިން ތަޢާރަފްކޮށްފައިވާ ދެ ޕްރޮޑަކްޓަކީ "ޓޫނާ މީޓް ބޯލްސް" އަދި "ރީފް ފިޝް ބާގަރ" އެވެ.
ކަންނެލި މަހާއި ފަރުމަސް ހިމަނައިގެން ތައްޔާރުކޮށްފައިވާ މި ދެބާވަތަކީ ރާއްޖޭގެ ކަނޑުތަކުން ބާނާ ތާޒާ މަހުން ތައްޔާރުކޮށްފައިވާ ދެ އުފެއްދުންކަމަށް މިފްކޯއިން ބުނެއެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން މިފްކޯގެ ހެޑް އޮފް ސޭލްސްސް އެންޑް މާކެޓިންގ އާއިޝަތު ރިޔާޒާ ވިދާޅުވީ މިފްކޯއިން އަބަދުވެސް ދިވެހިންނާއި ގުޅޭ ތަފާތު ޕްރޮޑަކްޓްތައް މާކެޓަށް ނެރުމަށް މަސައްކަތްކުރާ ކަމަށެވެ. އެގޮތުން މިފަހަރު މިފްކޯއިން ތަޢާރަފްކުރި މީޓް ބޯލްސް އަދި ރީފްފިޝް ބާގާރ ދިވެހި ރަހަތަކަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ކަމުދާނެ ދެ އުފެއްދުމަށް ވާނެކަމަށް ރިޔާޒާ ވިދާޅުވިއެވެ.
"މިއީ ރާއްޖެއަށް މުޅިން އާ އުފެއްދުމެއް. އަދި މި މާކެޓަށް ވެސް އަދި މުޅިން އަލަށް ތަޢާރަފްކުރާ ޕްރޮޑަކްޓެއް. މިފަހަރު މިފްކޯއިން ތަޢާރަފްކުރަނީ މީޓް ބޯލްސް އަދި ރީފް ފިޝް ބާގަރ. މިއީ ފަސޭހަކަމާއިއެކު ގޭގައި ތައްޔާރުކޮށްލެވޭނެ މީރު ޕްރޮޑަކްޓެއް." ރިޔާޒާ ވިދާޅުވިއެވެ.
މުޅިން އަލަށް މިފްކޯއިން ތަޢާރަފްކޮށްފައިވާ މި ޕްރޮޑަކްޓް މާލޭގައި ހުރި މިފްކޯގެ ހުރިހާ ފިހާރައަކުން ލިބޭނެކަމަށް އެކުންފުނިން ބުނެއެވެ. މިފްކޯއިން ދަނީ އެކި ދުވަސްތަކާއި ދިމާކޮށް ބާޒާރަށް މުޅިން އާ ޕްރޮޑަކްޓްސްތައް ތަޢާރަފްކުރަމުންނެވެ. އެގޮތުން އެންމެ ފަހުން ނެރުނު 2 ޕްރޮޑަކްޓްގެ އިތުރުން ވެސް މިފްކޯއިން ދަނީ ކަނޑުމަހާއި ފަރުމަހުގެ އެކި ބާވަތްތައް ވިއްކަމުންނެވެ.
އެގޮތުން ދާދިފަހުން މިފްކޯއިން ވަނީ މިހާރު ރާއްޖޭގައި މަޤްބޫލުކަން ހޯދަމުން އަންނަ މަހުގެ ބާވަތެއްކަމަށްވާ، ތުތިބޯވަދިލަމަހުގެ ތަފާތު ޕްރޮޑަކްޓްތައް ބާޒާރަށް ނެރެފައެވެ. މި ޕްރޮޑަކްޓު ބާޒާރުގައި ހަތަރު ގޮތަކަށް ބަންދުކޮށްގެން ވިއްކާއިރު މި ޕްރޮޑަކްޓަށް ވެސް އާންމުންގެ ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމަށް މިފްކޯއިން ފާހަގަކުރެއެވެ.
މިފްކޯއިން ބުނީ އެކުންފުނީގެ އުއްމީދަކީ ދިވެހިންނަށް ކަމުދާ ރަހަތައް އެކަށީގެންވާ އަގުތަކެއްގައި ފޯރުކޮށްދިނުންކަމަށެވެ.