ވިޔަފާރި

300 އަށްވުރެ ގިނަ ބައިވެރިންނާއެކު އައި.އެމް.ޓީ.އެމް ފެއަރ ފަށައިފި


300 އަށް ވުރެ ގިނަ ޓުއަރ އޮޕަރޭޓަރުން އަދި އެގްޒިބިޓަރުންނާއިއެކު މިއަހަރުގެ އިންޓަރނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް ފަށައިފިއެވެ.

ހުޅުމާލޭ ފަރުކޮޅު ފުށީގައި ކުރިއަށްދާ މި ފެއަރ ރަސްމީކޮށް ޝަރަފްވެރިކޮށްދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއެވެ. އައިޓީއެމް ފެއަރއަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ ވިޔަފާރި ބޭރުގެ ފަރާތްތަކަށް އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ ފެއާއެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިފެއަރ ހިންގާ ކުންފުނި، އައިއެމްޓީއެމް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ހައްވާ ޝިއުނާ ޚާލިދް ވިދާޅުވީ މިފަދަ ފެއަރއެއް ރާއްޖޭގައި ކުރިއަށްގެންދިއުމަކީ ރާއްޖޭގެ ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމެއްކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރަށް ދަތުރުކޮށް ބައިނަލްއަޤްވާމީ ފެއަރތަކުގައި ބައިވެރިވުމުގެ ބަދަލުގައި ބޭރުގެ ޓްރެވެލް އޭޖެންޓުންނާއި އެއްތަނަކުން ބައްދަލުވުމަކީ ލިބޭނެ ރަނގަޅު ފުރުސަތެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ މިއީ އެކުންފުނިން ކުރިއަށްގެންދާ ދެވަނަ ފެއަރއަށް ވުމާއެކު މިފަހަރުގެ އަމާޒަކީ އިތުރު މަންޖިލްތަކުން ރާއްޖެއަށް ޓުއަރ އޮޕަރޭޓަރސްތައް ގެނައުންކަމަށެވެ. އެގޮތުން މިހާރުވެސް ގިނަ ޓުއަރ އޮޕަރޭޓާސްތައް ރަޖިސްޓްރީވެފައިވާކަމަށާއި އުއްމީދަކީ ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށް ހިފައިފައިވާ އަމާޒަށް ވާސިލްވުންކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ދެދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މިފެއަރގައި ބޭރުގެ 69 ޓުއަރ އޮޕަރޭޓަރުން ބައިވެރިވާނެއެވެ. އަދި ރާއްޖޭގެ 60 ރިސޯޓުންނާއި 100 އަށްވުރެ ގިނަ ގެސްޓްހައުސްއިން ބައިވެރިވާނެކަމަށް ފެއަރ އިންތިޒާމްކުރާ އައިއެމްޓީއެމްއިން ބުނެއެވެ. މީގެތެރޭގައި ލޯކަލް ގެސްޓް ހައުސްތަކާއި ރިސޯޓްތަކާއި ޑައިވް ސެންޓަރުތަކާއި، ލޯކަލް ޓްރެވަލް އެޖެންސީތަކާއި ޓުއަރ އޮޕަރޭޓަރުން ބައިވެރިވާނެއެވެ.
މިއަހަރުގެ އައިއެމްޓީއެމް ފެއަރ ކުރިއަށްދާއިރު މިއީ މި ފެއަރ ބާއްވާ ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ އައިއެމްޓީއެމް ފެއާގައި ރާއްޖޭގެ 330 ކުންފުންނަކާއި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ ގިނަ ކުންފުނިތަތަކުން ބައިވެރިވެފައިވާއިރު މިދިޔަ އަހަރު ވެސް 2.5 މިލިއަން ރުފިޔާގެ ވިޔަފާރި ދެދުވަހުގެ ތެރޭގައި ކުރިއަށްދިޔަކަމަށް އައިއެމްޓީއެމްއިން ހާމަކުރެއެވެ.