ވިޔަފާރި

ފްރީޓްރޭޑް އެއްބަސްވުމުގެ ފުރަތަމަ ދިރާސާ ނިމިއްޖެ - ސައިދު


ޗައިނާއާއި
ރާއްޖެއާއި ދެމެދު ފްރީޓްރޭޑް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް
ގާއިމުކުރުމަށް ހަދަންޖެހޭ ދިރާސާގެ ފުރަތަމަ މަރުހަލާ ނިމިއްޖެކަމަށާއި
މިދިރާސާގެ ދެވަނަ މަރުހަލާ ވަރަށް އަވަހަށް ފެށިގެންދާނެކަމަށް އިކޮނޮމިކް
މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.



މިއަދު
ނޫސްވެރިންނާއި ބައްދަލުކުރައްވައި މިނިސްޓަރ ސައީދު ވިދާޅުވީ ދެގައުމުންވެސް
މަސައްކަތްކުރަނީ މިއަހަރު ނިމުމުގެ ކުރިން މިއެއްބަސްވުމުގައި ސޮއިކުރުމާއި
ހަމައަށް ދިއުމަށްކަމަށެވެ.



މިނިވަން
ވިޔަފާރީގެ އެއްބަސްވުން ގާއިމުކުރުމަކީ ދައުގައުމަށް ފައިދާހުރި ކަމެއްތޯ
ބެލުމަށް ކުރެވެމުންދާ ދިރާސާގެ ފުރަތަމަ ފިޔަވަހި ނިންމައި ދެގައުމުން
ލިޔެކިއުންތައް ބަދަލުކޮށް ދިރާސާގެ ދެވަނަ މަރުހަލާ މިމަހު ފަހުކޮޅު
ފެށުމަށްޓަކައި ދިވެހި ސަރުކާރުގެ ޚާއްސަ ވަފްދެއް ޗައިނާއަށް ދިއުމަށް
ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.



މިއެއްބަސްވުމުގެ
ސަބަބުން ރާއްޖޭގެ މަސް ޗައިނާގެ މާކެޓަށް ގެންދިއުމަށް ޗައިނާއިން ޑިއުޓީ
ކަނޑާލައި، އެކަމުގައި ރާއްޖެއަށް ނެގެން އޮތް އެންމެ ބޮޑު ފައިދާއެއް ނެގުމަށް
ސަރުކާރުން ބޭނުންވާކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.



ދެގައުމުގެ
ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް ނިންމާފައިވަނީ
މިދިޔަ އަހަރު ޑިސެމްބަރ މަހު ޗައިނާގެ ވެރިރަށް ބެއިޖިންގގައި ބޭއްވި ދެގައުމުގެ
ޖޮއިންޓް ކޮމިޝަންގެ ފުރަތަމަ ބައްދަލުވުމުގައެވެ. އެއަށްފަހު މިކަމަށް ހަދަންޖެހޭ
ދިރާސާތައް ކުރުމަށް ދެގައުމު ބައިވެރިވާ ޓެކްނިކަލް ކޮމެޓީއެއްވަނީ
އުފައްދާފައެވެ.