ސިޔާސީ

ރިޔާސީ ކޮމިޝަންތަކުގެ ބިލު ތަސްދީޤް ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އުފައްދާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤްކުރައްވައިފިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށާއި، ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ރިޔާސީ ދެ ކޮމިޝަނެއް އުފައްދަވާފައެވެ. އަދި އެ ކޮމިޝަންތަކަށް ޤާނޫނީ ބާރު ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ.

ރިޔާސީ ކޮމިޝަންތަކަށް ބާރުދިނުމަށް އަށާރަވަނަ ރައްޔިތުންގެ މަޖިލީހަށް އެ ބިލް ހުށައެޅުއްވި ނަމަވެސް ބިލް ފާސްކުރުމަށް ބޭނުންވާ ޤާނޫނީ ޢަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން ފާސްކުރެވިފައެއް ނުވެއެވެ. ނަމަވެސް އައު މަޖިލީހުން އެންމެ އިސްކަން ދެއްވައިގެން އެންމެ ފުރަތަމަ ފާސްކުރި ބިލްތަކުގެ ތެރޭގައި ހިމެނެނީ ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލެވެ.

މި ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރައްވާފައިވާއިރު، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަންގެ ރައީސް ޙުސަނުއް ސުޢޫދު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ، ރިޔާސީ ކޮމިޝަންތަކުގެ ބިލް ޤާނޫނަކަށް ވުމުގެ ސަބަބުން އެ ކޮމިޝަންގެ މަސައްކަތްތައް އަވަސްވެގެންދާނެކަމަށެވެ. އަދި މައްސަލަތަކުގައި ދަޢުވާކުރުމަށް ފޮނުވުމަށް، އެ ކޮމިޝަނަށް ކުރިން އޮތް ޤާނޫނީ ހުރަސް ނައްތާލެވި މައްސަލަތަކުގައި ދައުވާކުރުމަށްވެސް މިހާރު ފޮނުވޭނެކަމަށް ސުޢޫދު ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި ރިޔާސީ ކޮމިޝަންތަކާ ބެހޭ ބިލުން އެ ކޮމިޝަންތަކަށް ލިބިދޭ ޤާނޫނީ ބާރުގެ ތެރޭގައި މައްސަލަތަކުގައި އެ ކޮމިޝަނަށް މީހުން ޙާޒިރުކޮށް ސުވާލުކުރުމާއި، އެމީހުންގެ ބަޔާން ނެގުމާއި، ތަންތަން ބަލާ ފާސްކޮށް މައްސަލަތައް ތަޙްޤީޤްކުރުން ހިމެނެއެވެ. އަދި މުއައްސަސާތަކުން އެ ކޮމިޝަނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުންވެސް މި ޤާނޫނުން ލާޒިމްކުރެއެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. މިބިލް ފާސްކޮށްފައިވަނީ 67 މެންބަރުންގެ އައްތިފާޤުންނެވެ.