ސިޔާސީ

ރިޟްވާން ގެއްލުނު މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާ މިންވަރު ބަލަނީ


ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޞްވާންގެ މައްސަލަ ތަޙްޤީޤްކުރުމުގައި ފުލުހުން ވެފައިވާ އިޙްމާލު ބެލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކުރީ ރިޞްވާން ގެއްލުވާލި މައްސަލައިގައި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވި ރިޕޯޓަށް ހުށަހެޅުއްވި އިސްލާހެއްގައެވެ. މި އިސްލާހު ހުށަހަޅުއްވާފައިވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންނެވެ.

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ ޓޫފޯވަން ކޮމިޓިން ވަނީ ރިޟްވާން ގެއްލުނު މައްސަލަ ބެއްލެވުމަށްފަހު ނިންމަވާފައިވަނީ، އެމައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ބަލަމުން އަންނަ މައްސަލައަކަށްވާތީ އެ މައްސަލަ އިތުރަށް ދިރާސާނުކޮށް ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށެވެ.

މިރިޕޯޓަށް ހިސާން ހުށަހެޅުއްވި އިސްލާހުގައި ވަނީ މިމައްސަލައިގައި މިހާރު ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ރިޔާސީ ކޮމިޝަނުންގައި ފުލުހުންގެ އިޙުމާލުގެ މައްސަލަތައް ބެލުމުގެ މަސްޢޫލިއްޔަތެއް ނެތްކަމަށެވެ. އެހެންކަމުން ފުލުހުން އެ މައްސަލަ ތަޙްޤީޤްކުރުމުގައި ވެފައިވާ އިޙްމާލު ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭކަމަށް ހިސާން ހުށަހެޅުއްވި އިސްލާހުގައިވެއެވެ.

"ރިޟްވާން ގެއްލުނު މައްސަލާގައި އޭނާގެ އާއިލާއިން ޓަކި ނުޖަހާ އެންމެ ދޮރެއްވެސް ނުހުންނާނެ. ރައްޔިތުންގެ މަޖިލީހުގައި ޓަކިޖެހި. ޕޮލިހުގައ ޓަކިޖެހި. ކޯޓްތަކުގައި ޓަކިޖެހި. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި ޓަކިޖެހި. އެ ހުރިހާތަނަކުންވެސް ދީފަ އޮތީ ބީރު ކަންފަތެއް." ޙިސާން ވިދާޅުވިއެވެ.

ޙިސާން ހުށައެޅުއްވި ހުށައެޅުމަށް ތާޢީދުކުރެއްވީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދުއެވެ. މި މައްސަލަ މަޖިލީހުން ބެލުމަށް ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުގެ އިއްތިފާޤުންނެވެ.

2014 އަހަރުގެ އޮގަސްޓު މަހު ރިޟްވާން ގެއްލިފައިވާއިރު، އޭނާ ހޯދުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާތީ ރިޟްވާނުގެ އާއިލާއިންދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެފަދަ ކަންބޮޑުވުންތައް އަޑުއައްސަވާ އެފަދަ މައްސަލަތައް ތަޙްޤީގުކުރުމަށް ސަރުކާރުން ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އުފެއްދެވި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަންގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްގެންދާއިރު އެކޮމިޝަން ދަނީ ރިޟްވާނުގެ މައްސަލަވެސް ތަޙްޤީގު ކުރަމުންނެވެ.