ސިޔާސީ

ޙައްޖަށްދިއުމަށް ބޭނުންވާ ފައިސާގެ 80 އިންސައްތަ ޕެންޝަން ފަންޑުން ދޫކުރާ އިސްލާހު ބަލައިގެންފި


ޙައްޖަށް ގެންދިޔުމަށް ކަނޑައަޅާ އަގުގެ 80 އިންސައްތަ ފައިސާ ޕެންޝަން ފަންޑުން ދޫކުރުމަށް ޕެންޝަނާބެހޭ ޤާނޫނަށް ހުށައެޅި އިޞްލާޙު މަޖިލީހަށް ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު އީސާ ޕެންޝަނާ ބެހޭ ޤާނޫނަށް ހުށައެޅުއްވި އިޞްލާޙު މަޖިލީހަށް ބަލައިގަތީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ އިއްތިފާޤުންނެވެ.

މިހާރު ޕެންޝަނާ ބެހޭ ޤާނޫނުގައި ބަޔާން ކޮށްފައިވާގޮތުން، ޕެންޝަން ފަންޑުން ފައިސާ ދޫކުރަނީ ފަރުޟު ޙައްޖުވުމަށެވެ. ޢަދި ފައިސާ ދޫކުރާނީ އެ އަހަރަކު ޙައްޖަށް ގެންދިޔުމަށް ކަނޑައަޅާ އަގުގެ 50 އިންސައްތަ ނުވަތަ ދެބައިކުޅަ އެއްބައިކަމަށްވެސް ބުނެފައިވެއެވެ.

ސަރުކާރުގެ ފަރާތުން މެންބަރު އަޙްމަދު އީސާ ހުށައެޅުއްވި އިޞްލާޙުގައި ބުނެފައިވަނީ، ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔާމަންޓް ސޭވިންގ އެކައުންޓުން ދޫކުރެވޭނީ އެ އަހަރަކު ޙައްޖަށް މީހުން ގެންދިއުމަށް ދައްކަންޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ޢަދަދަށްވާ ފައިސާގެ އަށްޑިހަ އިންސައްތަކަމަށެވެ.

މި އިޞްލާޙު ހުށައެޅުމުގެ މަޤްޞަދަކީ، ޕެންޝަން ފަންޑުން ފައިސާ ދޫކުރެވޭނެ މިންވަރު، މިހާރަށްވުރެ މަތިކޮށް، ވީހާވެސް ގިނަ ބަޔަކަށް ފަރުޟް ޙައްޖުގެ އަޅުކަން އަދާކުރުމަށް މަގުފަހިކޮށްދިނުންކަމަށް އިސްލާހު ބުނެފައިވެއެވެ.

ޕެންޝަން ފަންޑުން ހައްޖަށް ފައިސާ ދޫކުރުމުގައި މިހާރު ޢަމަލުކުރާ އުސޫލުގައިވާ ގޮތުން ޙައްޖުވުމަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރާނީ އެކައުންޓްގައި ތިންލައްކަ ތިރީސް ހަ ހާސް ރުފިޔާ ހުންނަ ފަރާތްތަކަށެވެ. މިއަދަދު ބޮޑުކަމަށް ބުނެ ބައެއް ފަރާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި އިޞްލާޙުގައި މި ޢަދަދަށް އެއްވެސް ބަދަލެއް ގެނައުމަށް ހިމަނާފައެއް ނުވެއެވެ.

ޕެންޝަން އޮފީހުން މަޢުލޫމާތުދޭ ގޮތުގައި ޕެންޝަން ސްކީމުން ޙައްޖަށް ދިއުމަށް ބޭނުންވާ އަދަދަށް ފައިސާ ހުރީ 6000 މީހުންގެ އެކައުންޓްގައެވެ.

މި ބިލަށް ބަހުސްކުރެއްވި ބައެއް މެންބަރުން ވަނީ ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ވީހާވެސް ގިނަ ޢަދަދެއްގެ ފައިސާ ދޫކުރުމަށް ތާޢީދުކޮށް ވާހަކަ ދައްކަވާފައެވެ. އަދި ބައެއް މެންބަރުން ވަނީ ޕެންޝަން ފަންޑުން ޙައްޖުވުމަށް ސައްތަ އިންސައްތަ ފައިސާ ދޫކުރުަމަށް ތާޢީދުކުރާކަމަށްވެސް ވިދާޅުވެފައެވެ.

ޕެންޝަން ފަންޑުން ޙައްޖުވުމަށް އެކުލަވާލި އުސޫލުގައިވާ ގޮތުން ޙައްޖަށް ދާން އެއަހަރަކު އެދޭ ހުރިހާ އެންމެނަށް ފައިސާ ދޫކުރަންޖެހޭނެކަމަށާއި ފައިސާ ދޫކުރާނީ ޙައްޖަށް ގެންދާކަމުގެ ލިޔުމެއް ލިބުމުންކަމަށްވެސް ބުނެފައިވެއެވެ.

ޙައްޖަށް ދިއުމަށް ޕެންޝަން ފަންޑުން ފައިސާ ނެގި ބައިވެރިޔަކު އެއްވެސް ސަބަބެއް ދިމާވެ އެ އަހަރަކު ހައްޖަށް ނުދެވިއްޖެނަމަ އެ އަހަރެއްގެ ހައްޖު ދުވަހުގެ ފަހުން 30 ދުވަހުގެ ތެރޭގައި ހައްޖަށް ދާން ލިބުނު ފައިސާ އަނބުރާ ޕެންޝަން އޮފީހަށް ރައްދު ކުރަން ވާނެކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.