ސިޔާސީ

އައިޔޫއެމް ކައުންސިލަށް ރައީސް ޢައްޔަންކުރާ މެންބަރުން މަދުކުރަނީ


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ކައުންސިލަށް ރައީސުލްޖުމްހޫރއިްޔާ ޢައްޔަންކުރައްވާ މެންބަރުންގެ ޢަދަދު މަދުކުރުމަށް އިސްލާމީ ޔުނިވާސިޓީއާއި ބެހޭ ޤާނޫނަށް އިޞްލާޙު ހުށައަޅައިފިއެވެ. މި އިޞްލާޙު ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝަންއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދި އިސްލާމީ ޔުނިވާސިޓީގެ ކައުންސިލްގައި ގިނައި ތިއްބަވަނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާ މެންބަރުންނެވެ. އެގޮތުން ޔުނިވާސިޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ 13 މެންބަރުންގެ ތެރެއިން 9 މެންބަރުންނަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންުކުރައްވާ މެންބަރުންނެވެ.

ފިރުޝާން ހުށައެޅުއްވި އިޞްލާޙުގައި ވަނީ ޔުނިވާސިޓީގެ ކައުންސިލްގައި ހިމެނޭ މެމްބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ ބޭފުޅުންނަކީ ހަމައެކަނި ޗާންސެލާ އަށް ހެދުމަށެވެ. ޑެޕިއުޓީ ވައިސް ޗާންސެލަރު އައްޔަނުކުރާނީ ޔުނިވަސިޓީގެ މަޖިލިހުން ކަމަށް އިސްލާޙުގައި ބަޔާންކޮށްފައިވެއެވެ. އަދި 16 މެންބަރުން ޢައްޔަންކުރާނީވެސް އެ ކައުންސިލުންކަމަށްވެސް ފިރުޝަން ހުށައެޅުއްވި އިޞްލާޙުގައިވެއެވެ.

މި އިޞްލާޙުގައި ވާގޮތުން ޗާންސެލަރާއި ވައިސް ޗާންސެލަރުގެ މަޤާމުގެ މުއްދަތަކީ 5 އަހަރު ދުވަހެވެ. ނަމަވެސް ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މަގާމުގެ ދައުރާއި މަސްއޫލިއްޔަތު ކަނޑައަޅާނީ ޔުނިވަސިޓީގެ މަޖިލިހުންކަމަށްވެސް އެ އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.

މި އިޞްލާޙު ހުށައެޅުމުގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ އާއި ދާދި އެއްގޮތަށް އިސްލާމީ ޔުނިވާސިޓީވެސް ހިންގުންކަމަށްވެސް އެ އިޞްލާޙުގައިވެއެވެ.

މި އިޞްލާޙަށް ބަހުސްކުރެވި ގިނަ މެންބަރުން ވަނީ އެ އިޞްލާހަށް ތާޢީދުކުރައްވާފައެވެ. މެންބަރުން ވަނީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމު ޤައުމެއްކަމުން އިސްލާމީ ޢިލްމާއި ތަޢުލީމަށް އިސްކަންދޭންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި ޔުނިވާސިޓީގެ ގޮފިތައް އަތޮޅުތަކުގައި ޤާއިމްކުރުމުގެ މުހިންމުކަން މެންބަރުން ފާހަގަކުރެއްވިއެވެ. ނަމަވެސް ބައެއް މެންބަރުން ވަނީ އިސްލާމީ ޔުނިވާސިޓީއާއި ޤައުމީ ޔުނިވާސިޓީ އެއްކޮށްލުމަށްވެސް ޚިޔާލު ހުށައަޅުއްވާފައެވެ.