ހދ ކުޅުދުއްފުށިން ދެ އަހަރުގެ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އެކުއްޖާގެ މަންމަ އެކުއްޖާއަށް އިހުމާލުވެފައިވާތީކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިޔަ ކުއްޖާގެ މަންމައަކީ ކުޅުދުއްފުށީގެ މީހަކާއި ކައިވެނިކޮށްގެން އެރަށުގައި ދިރިއުޅޭ އެހެން ރަށެއްގެ މީހެކެވެ. އުމުރުން 18 އަހަރުގެ މި އަންހެންމީހާ ބުނީ މިދިޔަ ހަފްތާގެތެރޭގައި ޖެންޑަރ މިނިސްޓްރީގެ 3 އޮފިޝަލަކު އޭނާ ދިރިއުޅޭ ގެއަށް ގޮސް، ކުރިން އެންގުމަކާ ނުލައި ދަރިފުޅު ގެންގޮސްފައިވާކަމަށެވެ. އަދި އޭގެ އެއްދުވަސް ފަހުން ދަރިފުޅު ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިޔަކަމުގެ ލިއުމެއް ޖެންޑަރ މިނިސްޓްރީން އޭނާއާ ހަވާލުކޮށްފައިވާކަމަށެވެ. އޭނާ ބުނީ ދަރިފުޅު ގެންދިޔަކަން އެންގިނަމަވެސް އެކަމުގެ ސަބަބު އޭނާއަށް އަނގާފައިނުވާކަމަށެވެ.
މިކަމާ ގުޅިގެން ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޖެންޑަރ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ދެ އަހަރުގެ މި ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ ތަކުރާރުކޮށް އެކުއްޖާގެ މަންމައަށް ނަސޭހަތްދިނުމުންވެސް، އެކަށީގެންވާ ގޮތެއްގައި އެކުއްޖާ ބަލަހައްޓަމުން ނުދާތީކަމަށެވެ.
އޭނާ ވިދާޅުވީ އެ ކުއްޖާގެ މަންމަގެ ފަރާތުން އިހުމާލުވުމުގެ އަމަލުތައް ތަކުރާރުކޮށް ފެނިފައިވާކަމަށާ އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަންޖެހުނީ އެކުއްޖާގެ މަންމަގެ ކައިރީގައި ބަހައްޓައިގެން އެކުއްޖާއަށް އެކަށޭނެ ރައްކާތެރި މާހައުލެއް ކަށަވަރުނުވާނެކަމަށް ދައުލަތަށް ޤަބޫލުކުރެވޭތީ ކަމަށެވެ.
އަދި އެއްވެސް ފަރުދަކަށް ގެއްލުމެއް ނުވަތަ ނުރައްކަލަކަށް ހުށަހެޅޭ ކަމެއް ކުރިމަތިވާކަމަށް ޤަބޫލުކުރެވޭ ހާލަތެއް މެދުވެރިވެ އެކަން ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް އަތުވެއްޖެނަމަ އެކަމެއް ބަލައި އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށެވެ.
ޖެންޑަރ މިނިސްޓްރީން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ކުއްޖާއަށް އެކަށީގެންވާ ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދީފައިވާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.