ކްރިކެޓްގެ "ބިގް މެޗް"ގެ މުހިއްދީން ސްކޫލާއ ތާޖުއްދީން ސްކޫލް ކާމިޔާބުކޮށްފިއެވެ. އަންހެން ބައިގެ މެޗު މުހިއްދީނުން ކާމިޔާބުކުރީ ތާޖުއްދީނާއި ވާދަކޮށެވެ. ފިރިހެން ބައިގެ މެޗު ތާޖުއްދީން ސްކޫލުން ކާމިޔާބުކުރީ މުހިއްދީން ސްކޫލާއި ވާދަކޮށެވެ.
ކޮންމެ އަހަރަކުވެސް އިންޓަރ ސްކޫލްގެ 16 އަހަރުން ދަށުގެ އެންމެ މޮޅު ދެ ސްކޫލްގެ މެދުގައި ކުޅެވޭ މިމެޗަކީ ސްކޫލްތަކުގެ މެދުގައި ކްރިކެޓް އާލާ ކުރުމާއި ސްކޫލްތަކުގެ މެދުގައި އުފެދިފައިވާ ވާދަވެރިން އިތުރަށް ފުޅާކުރުމުގެ މަގުސަދުގައި ކުޅެވޭ މެޗެކެވެ. އަދި އިންޓަރ ސްކޫލް ނިމުނަސް ސްކޫލް ކުދިންނަށް ކުޅުމުގެ އިތުރު ފުރުސަތު ހޯދައިދިނުމަކީވެސް މި މެޗްގެ އެއް ބޭނުމެވެ.
ޓީ 20 އަށް ކުޅުނު މިމެޗްގައި މިއަދު ހެދުނު ކުޅުނީ އަންހެން މެޗް އަދި މެންދުރުފަހު ކުޅުނީ ފިރިހެން މެޗެކެވެ.
އަންހެން މެޗް މުހިއްދީން ސްކޫލް ކާމިޔާބުކުރީ ތާޖުއްދީން ސްކޫލްއާއި ވާދަކޮށް 14 ލަނޑުންނެވެ. މެޗުގެ ޓޮސް ދިމާވުމުން މުހިއްދީން ސްކޫލް ނިންމީ ކުޅުމަށެވެ. މުހިއްދީން ސްކޫލް ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 120 ލަނޑު ހެދިއެވެ. އެ ސްކޫލުން އެންމެ ރަނގަޅަށް ކުޅުނީ 23 ލަނޑުހެދި ފައިހާއެވެ. ޖަވާބުގައި ތާޖުއްދީން ސްކޫލުން ކުޅެންއަރާ 20 އޯވަރު ހަމަވިއިރު އެޓީމަށް ހެދުނީ 82 ލަނޑުއެވެ. މެޗްގައި ތާޖުއްދީން ސްކޫލްއަށް އެންމެ ގިނަ ލަނޑު ހަދާދީފައިވަނީ 21 ލަނޑު ހެދި ޝައްފައެވެ.
އަންހެން ބިގް މެޗްގެ އެންމެ މޮޅު ބެޓްސް ވުމަނަކަށް ހޮވިފައިވަނީ ތާޖުއްދީން ސްކޫލްގެ ޝައްފާ އަލީ ސަލީމްއެވެ. އެންމެ މޮޅު އުކުންތެރިއަކީ މުހިއްދީން ސްކޫލްގެ އައިޝަތު ފައިހާ ފައިސަލްއެވެ. އެންމެ ފީލްޑަރަކަށް މުހިއްދީން ސްކޫލްގެ ފާތިމަތު ޝައިނާ ހުސެއިން ހޮވުނުއިރު، މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުހިއްދީން ސްކޫލްގެ އައިޝަތު ފައިހާ ފައިސަލްއެވެ. މިއީ އަންހެން "ބިގް މެޗް" ކުޅުނު ދެވަނަ ފަހަރުއެވެ. ދެ އަހަރުވެވެސް މެޗު ކާމިޔާބުކުރީ މުހްޔިއްދީން ސްކޫލްއެވެ.
ފިރިހެން ބިގް މެޗް ތާޖުއްދީން ސްކޫލް ކާމިޔާބުކުރި މުހިއްދީން ސްކޫލްއާއި ވާދަކޮށް 8 ވިކެޓުންނެވެ. މެޗްގައި ޓޮސް ދިމާވުމުން މުހިއްދީން ސްކޫލްގެ ފިރިހެން ޓީމް ގަސްތުކުރީ ކުޅުމަށެވެ. އެޓީމް ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން ހެދީ 107 ލަނޑު ހެދިއެވެ.
ޖަވާބުގައި ތާޖުއްދީނުން ކުޅެން އަރާ 108 ލަނޑު ހަދާ މެޗު ކާމިޔާބުކުރިއެވެ. މެޗްގައި ތާޖުއްދީނަށް އެންމެ ރަނގަޅަށް ކުޅުނީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޝިއުޒް ފަރީދުއެވެ. ޝިއުޒް ފަރީދުވަނީ 47 ބޯޅައަށް 87 ލަނޑު ހަދާފައެވެ.
ފިރިހެން ބިގް މެޗްގައި އެންމެ މޮޅު އުކުންތެރިއަކަށް ހޮވުނީ ތާޖުއްދީން ސްކޫލްގެ މުހައްމަދު ނަވީލްއެވެ. އެންމެ މޮޅު ބެޓްސްމެނަކަށް ހޮވުނީ ޝިއުޒް ފަރީދުއެވެ. އެންމެ މޮޅު ފީލްޑަރަކަށް ހޮވިފައިވަނީ ތާޖުއްދީން ސްކޫލްގެ އަލީ ލަޔާންއެވެ.
މިއީ ފިރިހެން ބައިގެ ބިގް މެޗް ކުޅުނު ފަސްވަނަ އަހަރެވެ. މިދިޔަ އަހަރުގެ ބިގް މެޗްވެސް ކާމިޔާބުކުރީ ތާޖުއްދީން ސްކޫލުންނެވެ.