ޚަބަރު

ޔޫޕީއާރުގައި ހުށަހެޅި 132 ރެކޮމެންޑޭޝަން ރާއްޖެއިން ބަލައިގެންފި


ރާއްޖޭގައި އިންސާނީ
ހައްޤުތަށް ހިމާޔަތް ކުރެވިފައިވާ މިންވަރު ބެލުމަށްޓަކައި ޖެނީވާގައި ބޭއްވި "ޔުނިވާރސަލް
ޕީރިއަޑިކް ރިވިއު" އަށްފަހު އެކުލަވާލި ރިޕޯޓް އ.ދ. ގެ ހިއުމަން ރައިޓްސް
ކައުންސިލުން ބަލައިގެންފިއެވެ.



ރާއްޖެއާ ބެހޭ
ސެޝަންގައި އދ. ގެ މެމްބަރު 102 ގައުމަކުން 258 ރެކޮމެންޑޭޝަން ހުށަހަޅާފައިވާއިރު،
އޭގެ ތެރެއިން ރާއްޖެއިން ބަލައިގަތީ، 132 ރެކޮމެންޑޭޝަނެވެ.  



"ޔޫޕީއާރު"
ގެ ނިންމުމުގެ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޑޮޓްޓަރ
އަލީ ނަސީރު މުހައްމަދު ވަނީ، އޫޕީއާރުގެ ސެޝަންތަކަށް ރާއްޖެއިން ދޭ
އަހަންމިއްޔަތުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.



މިސެޝަނަކީ މެމްބަރު
ގައުމުތަކުގެ އިންސާނީ ހައްގުތަކާ ބެހޭގޮތުން ދެކޭގޮތް ހާމަކުރުމާއި،
އެކަންކަމާމެދު މަޝްވަރާ ކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއްކަމަށް އޭނާ
ފާހަގަކުރެއްވިއެވެ.



އދގެ ޗާޓާގައި ހިމެނޭ
އެންމެ ކުޑަ ގައުމުން ފެށިގެން އެންމެ ބޮޑު ގައުމާ ހަމައަށް އިންސާނީ ހައްގުތަކުގެ
މައްސަލާގައި އެއް ޕްލެޓްފޯމެއްގައި ބަލާ މުތާލިއާ ކުރުމަށް މިއީ ލިބިގެންދާ ރަނގަޅު
ފުރުޞަތެއްކަމަށާއި، އެހެންކަމުން ރާއްޖެއިން މިކަމަށް ބޮޑު އަހަންމިއްޔަތުކަމެއް
ދޭކަމަށް އޭނާ ވިދާޅުވިއެވެ.



އަދި، ބުދަދުވަހު
ބޭއްވި ރާއްޖެއާ ބެހޭ ރިވިއު ރާއްޖޭގެ ގިނަ ޓީވީ ސްޓޭޝަންތަކުން ލައިވްކޮށް
ދައްކާފައިވާކަން ނަޞީރު ފާހަގަ ކުރެއްވިއެވެ.



ރާއްޖެއިން ގަބޫލު ނުކުރި
ރެކޮމެންޑޭޝަންތަކުގެ ތެރެއިން ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި ފުށުއަރާތީ 49
ރެކޮމެންޑޭޝަނެއް ގަބޫލު ނުކޮށް ދޫކޮށްލާފައިވާއިރު، ބާކީ ހުރި 77 ރެކޮމެންޑޭޝަނާ
ބެހޭގޮތުން ޤައުމީފެންވަރެއްގައި މަޝްވަރާ ކުރުމަށްފަހުގައި، ނިންމާގޮތެއް މިއަހަރުގެ
ސެޕްޓެމްބަރ މަހު އޮންނަ ހިއުމަން ރައިޓްސް ކައުންސިލްގެ 30 ވަނަ ސެޝަނަށް
ހުށަހަޅާނެކަމަށް ޑޮކްޓަރ އަލީ ނަޞީރު ވިދާޅުވިއެވެ.



ޔުނިވާރސަލް ޕީރިއޮޑިކް
ރިވިއުގެ ރާއްޖޭގެ ސެޝަންގައި ބުދަދުވަހު ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ
ދުންޔާ މައުމޫން ވިދާޅުވެފައިވަނީ  ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމުގެ ތެރޭގައި
ޒަމާނުންސުރެ އަމަލުކުރަން ދިޔަ އިސްލާމުދީނުގެ މަތިވެރި އުސޫލުތައް ސަރުކާރުން
ދިފާއުކުރާކަމަށެވެ. އަދި 2010 ވަނައަހަރު އޮތް ރާއްޖޭގެ ޔޫޕީއާރ ސެޝަންއިން
ހުށައަޅާފައިވާކަންކަން ފުރިހަމަ ކުރެވުނު މިންވަރަށް
މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ. އެހެންނަމަވެސް އޭގެތެރެއިންވެސް އިސްލާމީ
ޝަރީއަތާ ޚިލާފުކަންމަށް އަމަލުކޮށްފައިނުވާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޔޫޕީއާރު ބައްދަލުވުމަކީ ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ
ބައްދަލުވުމެކެވެ.