ސިޔާސީ

އިންވެސްޓަރުން އަޔަނުދިނުމަށް ކުރި މަސައްކަތަށް ރަނގަޅު ރައްދެއް


ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިކޮށް، ބައިނަލް އަގުވާމީ ދުނިޔެއަށް ދިވެހިރާއްޖެއަކީ ހަމަޖެހުމެއް ނެތްތަނެއްކަން ދައްކައިގެން   ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް އަޔަނުދިނުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުން ދާ މަސައްކަތަށް ވަރަށް ރަނގަޅު ރައްދެއް ލިބިގެން ހިގައްޖެކަމަށް ޕީޕީއެމްގެ ނައިބުރައީސް ވިދާޅުވެއްޖެއެވެ. ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބުރައީސް އަބުދުﷲ އަބުދުއްރަހީމް ވިދާޅުވީ ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށް ދިއަ ޔޫއެންގެ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ދެއްވި ތަގުރީރާ ގުޅިގެން ބޭރުގެ ގައުމުތަކަށް ރާއްޖޭގެ ހާލަތު ބަޔާން ވެގެން ހިގައްޖެކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ދައްކަމުން އައި ވާހަކަތަކަކީ ހަގީގަތާއި ހިލާފަށް ދައްކަމުން ދިޔަ ވާހަކަތަކެއްކަން ގިނަ ގައުމުތަކުން ފާހަގަ ކޮށްފައިވާކަމަށް ވެސް އަބުދުއް ރަހީމް ވިދާޅުވިއެވެ. ދިވެހި ސިފައިންނާއި ފުލުހުންގެ މަސައްކަތައް ހުރަސްއެޅުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ކުއްވެރި ކުރާކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ.ސަރުކާރު ޒިންމާދާރު ކުރުމަކީ ޤާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭކަމެއްކަމަށާއި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް އިދިކޮޅުފަރާތްތަކަށް ޕީޕީއެމްގެ ނައިބުރައީސް  ގޮވާލެއްވިއެވެ.