ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ. ދެދުވަހުގެ މުއްދަތަށް ޕާކިސްތާނަށް ކުރެއްވި މިދަތުރުފުޅުގައި ޕާކިސްތާނުގެ ރައީސް މަމްނޫން ހުސައިނާއި ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފާ ރައީސް ޔާމީން ބައްދަލުކުރެއްވިއެވެ.ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށްކުރެއްވި މި ދަތުރުފުޅުގައި ބައިވެރިވެޑައިގެންނެވި މިނިސްޓަރުންނާ ރައްޔިތުންގެ މަޖިލީހުގެ ރައީސްވަނީ ހުކުރު ވިލޭރޭ އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހާއްސަ ޕްރެސްއެއް ދެއްވާފައެވެ. މި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ ރާއްޖެއިން 2019 އަދި 2020 ވަނަ އަހަރު އދ ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ކެމްޕެއިންކުރަމުންދާއިރު މިކަމަށް ޕާކިސްތާން ސަރުކާރުން ރާއްޖެއަށް ތާއީދުކުރައްވާނެކަމަށް ޕާކިސްތާންގެ ރައީސް ވިދާޅުވެފައިވާކަމަށެވެ. އަދި ކޮމަންވެލްތްގެ ސީމެގް އެޖެންޑާގައި ރާއްޖެހިމެނުމަށް ކުރަމުންދާ މަސައްކަތްތަކަށް ޕާކިސްތާން ސަރުކާރުން ތާއީދު ނުކުރާކަން ޕާކިސްތާނުގެ ސަރުކާރުން ހާމަކޮށްފައިވާކަމަށާއި މިކަމުގައިގައި ޕާކިސްތާން ސަރުކާރުން ދިވެހި ސަރުކާރާއެކުގައިވާކަން ހާމަކޮށްފައިވާކަމަށްވެސް ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ހުސައިން ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން ޕާކިސްތާން ސަރުކާރުންވަނީ ފެން ކާރިސާ ފަންޑަށް 1.2 މިލިއަން ޑޮލަރު ހަދިޔާ ކުރުމަށް ވައުދުވެފައެވެ. ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުންދާ ޕާކިސްތާންގެ 11 ކުށްވެރިއަކު ޕާކިސްތާނަށް އަނބުރާ ފޮނުވާލަން ދިވެހި ސަރުކާރުން ނިންމައިފައިވާކަމުގައެވެ. އަދި މިކަން މިގޮތަށް ނިންމަވާފައިވީނަމަވެސް މި ކުށްވެރިން ފޮނުވާލެވޭނީ ހާއްސަ އެއްބަސްވުމެއްގެ ދަށުންކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް މި ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ކުރިއަށް ގެންދެވި ރަސްމީ ވާހަކަތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ އިމާރާތް މަރާމާތު ކުރުމަށް ޕާކިސްތާން ސަރުކާރުން 2 މިލިއަން ޑޮލަރު ދެއްވާނެކަމަށް ޕާކިސްތާންގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ވިދާޅުވެފައިވާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އާއިމާރާތް ހުޅިވި މަސައްކަތް ފެށޭނެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވިދާޅުވިއެވެ.ރައީސްގެ ދެކަންބަލުންގެ މިދަތުރުފުޅުގައި ދިވެހި ރާއްޖެއާ ޕާކިސްތާނާދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ތަކުގެ ތެރޭގައި ހިމެނެނީ ސިއްޙީ ދާއިރާއާއި، ތައުލީމީ ދާއިރާއާއި، ކުޅިވަރުގެ ދާއިރާއާ ޤަވާއިދާ ޚިލާފަށް ނާކޮޓިކްސްގެ ވިޔަފާރި ކުރުން ހުއްޓުވުމާބެހޭ އެއްބަސްވުމެވެ. މި އެއްބަސްވުންތަކުގެ އިތުރުން އަސްކަރިއްޔާގެ ހާއްސަ ތަމްރީންތަކެއް ރާއްޖޭގެ ސިފައިންނަށް ދިނުމަށް އެއްބަސްވެވިފައިވާކަމުގައި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވިއެވެ. ރައީސްގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރައީސް ޔާމީންވަނީ ޕާކިސްތާންގެ ބޮޑުވަޒީރަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ވަޑިއިގަތުމަށް ދައުވަތު އަރުވާފައެވެ.