ވިޔަފާރި

އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް ރަނގަޅު ކުރިއެރުމެއް ހޯދުން- އޯރކާ މީޑިއާ ގްރޫޕް


ޓީޓީއެމް ފެއަރގެ ޒަރިއްޔާއިން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް ރަނގަޅު ކުރިއެރުމެއް ހޯދައިދިނުމަކީ އަމާޒެއްކަމަށް ޓީޓީއެމް ހިންގާ އޯރކާ މީޑިއާ ގްރޫޕްއިން ބުނެފިއެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް އެންޑް ޓްރޭޑް ފެއަރ، ޓީޓީއެމް ފެއަރ ފަށައިގެން ކުރިއަށްދާއިރު މިފެއަރގެ ތެރެއިން ގިނަ ހަރަކާތްތަކެއް ކުރިއަށްދެއެވެ.

ޓީޓީއެމް ފެއަރ ފެށިގެންދިޔައީ ޓީޓީއެމް ޓްރެވެލް ސަމިޓްއިންނެވެ. ސަމިޓް ނިމުމާއެކު މިހާރު ކުރިއަށްދަނީ ޓްރެވެލް އޭޖެންޓުން އެއްތަނަކުން ބައްދަލުވެ ވިޔަފާރީގެ މުޢާމަލާތް ކުރާ ސަޕްލަޔާރސް ސަމިޓެވެ. 2 ދުވަހަށް ކުރިއަށްދާ ސަޕްލަޔަސް ސަމިޓްގެ ފުރަތަމަ ދުވަސް ނިމިފައިވާއިރު ފުރަތަމަ ދުވަސް ވަރަށް ކާމިޔާބުކަމަށް އޯރކާ މީޑިއާ ގްރޫޕްއިން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން އޯރކާ މީޑިއާ ގްރޫޕްގެ ސީއިއޯ، ޑރ، ސަނީ އުމަރު ވިދާޅުވީ ޓީޓީއެމް ފެއަރގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަޤްވާމީ މަންޒިލްތަކަށް އިޝްތިހާރުކުރުންކަމަށެވެ. އެގޮތުން ފާއިތުވި ދެއަހަރުވެސް ޓީޓީއެމް ފެއަރ ކާމިޔާބުކަމާއެކު ނިންމާލެވުނުކަމަށާއި އުއްމީދަކީ މިފަހަރުގެ ފެއަރވެސް ކާމިޔާބުވެ ރާއްޖޭގެ ފަތުރުވެރިކަމަށް މި ފެއަރގެ ސަބަބުން ރަނގަޅު ކުރިއެރުމެއް ލިބުންކަމަށް ޑރ.ސަނީ ވިދާޅުވިއެވެ.

"އިރާދަކުރެއްވިޔާ އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެ މާކެޓްވެ ބޭރު ދުނިޔޭގެ ގިނަ އޭޖެންޓުންތައް އައިސް ރާއްޖޭގައި ސަޕްލައި ގިނަވެފައިހުރި ގިނަ ރިސޯޓުތަކަށް ވީހާވެސް ގިނަ ފަތުރުވެރިން ގެނައުން. އަދި ރާއްޖެއަށް ރިކޯޑު އަދަދަކަށް ފަތުރުވެރިން ގެނައުމަށް މިކުރާ މަސައްކަތްތައް ވާސިލްވުން. " ސަނީ ވިދާޅުވިއެވެ.

ޓީޓީއެމް ފެއަރގެ ތެރެއިން ކުރިއަށްދާ ސަޕްލަޔަރ އެކްސްޕޯގައި 300 އަށް ވުރެ ގިނަ އޭޖެންޓުން ބައިވެރިވެއެވެ. އޭގެތެރޭގައި ޗައިނާ، ތައިލެންޑް، ޖާމަނީ އިންޑިއާ އަދި އިޓަލީގެ އޭޖެންޓުން ހިމެނެއެވެ. މީގެ އިތުރުން ވެސް ގިނަ ރިސޯޓުތަކުން ބައިވެރިވެފައިވާކަމަށް އޯރކާ ގްރޫޕްއިން ބުނެއެވެ.

"ރިސޯޓުތަކަށް ބަލާލާއިރު 170 ރިސޯޓު ބައިވެރިވި. މީޓިންގްސްގެ ގޮތުގައި 3000 ވަރަކަށް މިޓިންގްސް ކުރިއަށްދާނެ. މިއީ ވަރަށް ރަނގަޅު ފުރުސަތެއް ރިސޯޓުތަކަށް. ފުދޭ ވަރަކަށް ޚަރަދު ބޮޑު ކަމެއް އިންޓަރނޭޝަނަލް ފެއަރތަކަށް ދިއުމަކީ. އަޅުގަނޑުމެން މިކުރާ މަސައްކަތުން އެބޭފުޅުންނަށް އެބަ ބައްދަލުވޭ މިކޮޅުގެ 40 އޭޖެންޓުންނާއި ދެދުވަސްތެރޭ." ޑރ. ސަނީ ވިދާޅުވިއެވެ.

ތިން ދުވަހަށް ކުރިއަށްގެންދާ ޓިޓީއެމް ފެއަރގެ ތެރެއިން ސަޕްލަޔަރ އެކްސްޕޯ މިހާރު ކުރިއަށްދާއިރު މި ފެއަރ ނިމިގެންދާނީ އެވޯޑު ހަފްލާއަކުންނެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެ ރަނގަޅު 20 ޓްރެވަލް އޭޖެންޓުން ހޮވުމަށްފަހު އެވޯޑު ދިނުމަށް ހަމަޖެހިފައިވާކަމަށް ވެސް އޯރކާ ގްރޫޕްއިން ބުނެއެވެ.

ޓީޓީއެމް ފެއަރއަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ރާއްޖޭގައި ބާއްވަމުން އަންނަ ބައިނަލްއަޤްވާމީ ހަރަކާތެކެވެ. މިއީ ޓީޓީއެމް ފެއަރ ބާއްވާ ތިން ވަނަ އަހަރެވެ.