ސަރުކާރުގެ އަމާޒަކީ މިއަހަރު
ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކަށް ދިމާވެފައިވާ ލަފާފުރުމަށް
އޮންނަ ދަތިކަން ހައްލުކޮށްދެއްވުންކަމުގައި ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު
މުއިޒް ވިދާޅުވެއްޖެއެވެ.
ޓީވީއެމްގެ ރާއްޖެ މިއަދު
ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު
މުއިއްޒު ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ކޮންމެވެސް ވަރެއްގެ ލަފާފުރުމުގެ
އިންތިޒާމެއް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ގާއިމްކުރެވިގެންދާނެކަމުގައެވެ.
އެގޮތުން މިހާތަނަށް 16 ރަށެއްގެ
ބަނދަރު ހެދުމުގެ މަސައްކަތް ނިމިފައިވާއިރު މީގެތެރޭގައި މުޅިން އަލަށް ބަނދަރު
ހެދުނު ހަތް ރަށެއްވެސް ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން
މިހާރުވެސް 42 ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫއު ކުރިއަށް ދާކަމަށާއި މި
ރަށްތަކުގެ އިތުރުން އިތުރު 20 ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫއުތައް މިއަހަރުގެ
ތެރޭގައި ފެށިގެންދާނެކަމަށްވެސް ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު
ވިދާޅުވިއެވެ.
ރަށްރަށުގެ ބަނދަރު ހެދުމުގެ
އިތުރުން މިހާރު ބަނދަރު ހެދިފައިވާ ބައެއް ރަށްތަކުގެ ފަޅު ފުންކުރުމުގެ
މަސައްކަތްވެސް ކުރިއަށްދާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ 10 ރަށެއްގެ
ފަޅު ފުންކުރުމުގެ މަސައްކަތް މިހާރުވެސް ނިމިފައިވާކަމުގައެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް
ލަފާފުރުމުގެ ފަސޭހަކަން ގާއިމްކޮށްދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ
މަސައްކަތުގެ ދަށުން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ބަނދަރެއް،
ޖެޓީ ނުވަތަ ފާލަމެއްނަމަވެސް މިއަހަރު ނިމުމުގެ ކުރިން ގާއިމްކުރުމަކީ
އަމާޒެއްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ބަނދަރު ހެދުމުގައި ވަކި
ކަންތައްތަކަކަށް އިސްކަންދެއްވާކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ މިއަމާޒް ފުރިހަމަވުމުން
ރަށްތަކަށް ދިމާވެފައިވާ ލާފަފުރުމުގެ ދަތިކަން ހައްލުވުމުގެ އިތުރުން އިގްތިސާދީ
ގޮތެއްގައި ރަށެއް ތަރައްގީކުރުމަށް ފުރުސަތު ބޮޑުވެގެންދާނެކަމުގައެވެ.