ދުނިޔެ

ނޭޕާލަށް އައި ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 876 އަރައިފި


ނޭޕާލަށް މިއަދު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން
މަރުވި މީހުންގެ ޢަދަދު 876 އަރައިފިއެވެ.



ނޭޕާލަށް އައި މިބިންހެލުމުގެ ލޮޅުންތަކާއެކު
އަވަށްޓެރި އިންޑިޔާއިން ތިރީސް ހަތަރު މީހުން ބަންގްލަދޭޝުން ދެމީހުން، އިންޑިޔާ
ޗައިނާ ބޯޑަރު ސަރަހައްދުން ޗައިނާގެ އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.



ނޭޕާލް ސަރުކާރުންވަނީ އެޤައުމުގައި ކުއްލި ޙާލަތު
އިޢްލާން ކޮށްފައެވެ. އަދި މިހިތާމަވެރި ދަނޑިވަޅުގައި ނޭޕާލަށް އިންސާނީ އެހީތެރިކަން
ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ ޤައުމުތަކަށްވަނީ ގޮވާލާފައެވެ.



ރިކްޓަރ މިންގަނޑުން ހަތެއް
ޕޮއިންޓް ނުވައެއްގެ ބާރުމިނުގައި ނޭޕާލަށް ބިންހެލުން އައިސްފައިވަނީ މިއަދުގެ
މެންދުރުގެ ވަގުތެއްގައެވެ. މިބާރުގަދަ ބިންހެލުން އައުމާގުޅިގެން ވެރިރަށް
ކަތުމަންޑޫގެ ޢިމާރާތްތައް ވެއްޓި މުޅި ކަތުމަންޑޫވަނީ ވަރަށްބޮޑަށް
ސުންނާފަތިވެފައެވެ.



ޢިމާރާތްތައް ބިމާހަމަވެ
އެތައްބައެއްގެ ގެދޮރު ގެއްލިފައިވާއިރު ނޭޕާލްގެ ފުލުހުންނާއި މީހުން
ސަލާމަތްކުރުމުގައި ޙަރަކާތްތެރިވާ ފަރާތްތަކުންދަނީ ވެއްޓިފައިވާ ޢިމާރާތްތަކުގެ
ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.



މި ބިންހެލުމާ ގުޅިގެން
ލިބިފައިވާ ގެއްލުންތަކުގެ ބޮޑުކަމުން މަރުވާ މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް
އޮފިޝަލުން ބުނެއެވެ.



ބިންހެލުމުގައި ޒަޚަމްވެގެން
އެތައްސަތޭކަ  ބަޔަކަށް މިހާރު
ކަތަމަންޑޫގެ ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މަންޒަރު ދުށްފަރާތްތަކާ
ޙަވާލާދީ ރިޕޯޓްތައް ބުނާގޮތުން  



ބިންހެލުން
އައި ވަގުތުގައި ކަތަމަންޑޫގެ މަގުތަކުގައި ސަލާމަތްވުމަށްޓަކާ މީހުން ކޮޅުކޮޅު
މައްޗަށް ދުވާތަން ފެނިފައިވެއެވެ.



އެމްބިއުލެންސް
ގެ ސައިރަންގެ އަޑުފައްގަނޑު އިވެމުންދިޔަ އިރު، ސަރުކާރުގެ ހެލިކޮޕްޓަރު ތަކުން
ކަތަމަންޑޫގެ މަތީގައި އުދުހެމުން ދިޔަ މަންޒަރުވެސް ފެނިފައިވެއެވެ.



ބިންހެލުމުގެ
ފަހުންވެސް ބާރުގަދަ އިތުރު 3 ލޮޅުން އައިސްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.



ހަނި
ގޯޅިތަކެއްގެ މައްޗަށް އެކުލެވޭ، މުސްކުޅި ޢިމާރާތްތައް
ގިނަ ކަތަމަންޑޫއަށް މިވަނީ ފާއިތުވި އަށްޑިހަ އަހަރުގެ ތެރޭގައި
ކުރިމަތިވި އެންމެ ބޮޑު ކާރިސާއާ ކުރިމަތިލާން ޖެހިފައެވެ. މިއިން ކޮންމެ ޢިމާާރާތެއްގައިވެސް
އެތައް ޢާއިލާތަކެއް ދިރިއުޅެމުންދެއެވެ.



ދުނިޔޭގެ
އެންމެ އުސްފަރުބަދަ ކަމަށްވާ ހިމާލިޔާ ފަރުބަދަވެސް ހުންނަ ނޭޕާލްގެ
އެހެނިހެން  ސަރަޙައްދުތަކަށް މި
ބިންހެލުމާ ގުޅިގެން ލިބިފައިވާ ގެއްލުމުގެ މިންވަރު އަދި އެހާބޮޑަށް ސާފުވާގޮތެއް
ނުވެއެވެ. އެހެންނަމަވެސް ހިމާލިޔާ ފަރުބަދައިން ގަނޑުފެން ފައިބާ އެ ފަރުބަދަ
ކައިރީގައި ކޭމްޕް ޖަހައިގެން ތިބި މީހުންގެ ތެރެއިން އަށްމީހުން މަރުވެފައިވާ
ކަމަށާއި އެތައް ބަޔަކު ވީނުވީއެއްނޭނގި ނޭޕާލްގެ ފަތުރުވެރިކަމާބެހޭ އިދާރާގެ
ފަރާތްތަކާ ޙަވާލާދީ ރިޕޯޓްތައް ބުނެއެވެ.



ނޭޕާލްގެ
ކޮމިއުނިކޭޝަން މިނިސްޓަރ ޑރ. މިނެންދްރަ ރިޖާ ވިދާޅުވީ މުވާސަލާތީ ގުޅުންތަކަށް
ބުރޫ އަރާފައިވުމާ އެއަރޕޯޓްތައް ބަންދުކޮށްފައި ވުމުގެ  ސަބަބުން އެހީފޯރުކޮށްދިނުމުގައި ދަތިތަކެއް
ކުރިމަތިވަމުން ދާކަމަށެވެ. މި ބިންހެލުމާ ގުޅިގެން ނޭޕާލްގެ އާސާރީ
ތަންނަތަނަށްވެސް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. އެގޮތުން ނޭޕާލްގެ
ރަމްޒެއްކަމުގައި ބެލެވޭ ދަރާރާ ޓަވަރު ވެއްޓި އެތަނުގެ ދަށުގައިވެސް
ދުއިސައްތައަށް ވުރެ ގިނަ މީހުން ތާށިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.



ނޭޕާލްގެ
ވެރިރަށް ކަތުމަންޑޫއާ އެޤައުމުގެ އެހެން ސިޓީއެއް ކަމަށްވާ ޕޮކާރާ އާއި ދެމެދުގެ
ހިސާބަކަށް އައި މި ބިންހެލުމުގެ ލޮޅުންތައް އަވަށްޓެރި އިންޑީޔާ، ބަންގްލަދޭޝް
ޕާކިސްތާނަށްވެސް ވަނީ ކޮށްފައެވެ.



އިންޑިޔާގެ
މީޑިއާ ރިޕޯޓްތައް ބުނޭ ގޮތުން އިންޑިޔާއަށް އެންމެ ބޮޑަށް ލޮޅުންތައް
އަރާފައިވަނީ ބިހާރަށާއި ވެސްޓް ބެންގާލަށާއި އުއްތަރް ޕްރަދޭޝަށެވެ.



އިންޑިއާގެ
ބޮޑުވަޒީރު ނަރެންދްރަ މޯދީވަނީ މި ބިންހެލުމާގުޅިގެން އިންޑިޔާގެ
އެކިސަރަޙައްދުތަކަށް ލިބިފައިވާ ގެއްލުންތަކުގެ މަޢްލޫމާތު ހޯއްދެވުމަށް
މަތީފެންވަރުގެ ބައްދަލުވުމެއް ބާއްވާ މިކަމަށް ޚާއްސަ ކޮމިޓީއެއް
ކަނޑައަޅުއްވާފައެވެ.  އަދި ނޭޕާލްގެ
ބޮޑުވަޒީރު ސުޝިލް ކޮއިރަލާއަށް ފޯނުން ގުޅުއްވާ މި ހިތާމަވެރި ދަނޑިވަޅުގައި
އިންޑިޔާގެ ފުރުހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.



އިންޑިޔާއިން
މިހާރުވަނީ ނޭޕާލަށް ބޭހާއި އެހީގެ ތަކެތި ފޮނުވަން ފަށާފައެވެ. އަދި މީހުން
ހޯދުމުގައި އެހީތެރިވާނެ ޓީމްތައްވެސް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރު
ލިބެއެވެ.  ނޭޕާލްގެ އެއަރޕޯޓްތައް
ބަންދުކޮށްފައި ވުމުގެ ސަބަބުން އެހީގެ ތަކެތި ފޯރުކޮށްދިނުމުގައިވަނީ ދަތިތަކާ
ކުރިމަތިވެފައެވެ.



1934ވަނަ
އަހަރު 8.3ގެ ބާރުމިނުގައި ނޭޕާލަށް އައި ބިންހެލުމުގައި އަށްހާސް ފަސްސަތޭކައަށްވުރެ
ގިނަ މީހުން މަރުވެފައިވެއެވެ.