ކުޅިވަރު

މޯރީޝަސްގައި މެޗްތަކެއް ކުޅެލަން ލިބުމަކީ އައިއޯއައިޖީން މެޑަލް ހޯދަން ލިބޭނެ ހިތްވަރެއް - އަޖުފާން


އައިއޯއައިޖީގެ ކުރިން މޯރީޝަސްގައި މެޗްތަކެއް ކުޅެލަން ލިބުމަކީ ގޭމްސްއިން މެޑަލް ހޯދުމަށް ލިބިގެންދިޔަ އިތުރު ހިތްވަރެއްކަމަށް ގައުމީ ބެޑްމިންޓަން ޓީމްގެ އެންމެ ސީނިއަރ އެއް ކުޅުންތެރިޔާ މުހައްމަދު އަޖުފާން ބުނެފިއެވެ.

ޖުލައި މަހުގައި މޮރިޝަސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބެޑްމިންޓަން ޓީމްގެ އަމާޒްއަކީ ރަން މެޑަލްއެއް ހޯދުމެވެ. އައިއޯއައިޖީގެ ކުރިން ބެޑްމިންޓަން ޓީމް މޮރިޝަންގައި ކުރިއަށްދާ މޮރިޝަސް އިންޓަރނޭޝަނަލް ބެޑްމިންޓަން ސިރީސްގައި ވާދަކުރުމަށްވަނީ ހަމަޖެހިފައެވެ.

މޮރިޝަސް އިންޓަރނޭޝަނަލް ބެޑްމިންޓަން ސިރީސްއާއި ބެހޭގޮތުން ވާހަކަދައްކަމުން އަޖުފާން ބުނީ އައިއައޯޖީގެ ކުރިން މޮރިޝަންގައި މެޗްތަކެއް ކުޅެލަން ލިބުމަކީ ޓީމަށް ލިބިގެންދިޔަ ވަރަށް ރަނގަޅު ފުރުސަތެއްކަމަށެވެ. މިދިޔަ އަހަރު ކުރިއަށްދިޔަ ސީރީސްގައި ރާއްޖޭގެ ހުރިހާ ކުޅުންތެރިންވަނީ ސެމީ ފައިނަލްގައި ކުޅެފައެވެ.

އަޖުފާންބުނީ މިފަހަރުގެ މޮރިޝަސް ސީރީޒްގައި ރަން މެޑަލްއެއް ނުލިބެންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އަދި މިމުބާރާތުގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ކުޅުންތެރިންވެސް ވާދަކުރާނެކަމަށާއި އޭގެ ތެރެއިން ބައެއް ކުޅުންތެރިންނާއެކު މެޗްތަށްވެސް ކުޅެލަން ލިބޭނެކަމަށް އަޖުފާން ބުންޏެވެ. މިއީ އައިއޯއައިޖީގެ ކުރިން އެންމެ ފަހުގެ ތަމްރީންތައް ހަދަން ލިބޭ ފުރުސަތުކަމަށާއި މޮރިޝަސް ސީރީސްއަށް ފަހު ޓީމްގައި ރަނގަޅު ކުރަންވީ ކަންތައްތައް ވަރަށް ބޮޑަށް އެގިގެންދާނެކަމަށްވެސް އޭނާ ބުންޏެވެ.