ސިޔާސީ

ޚިޔާނާތުގެ ފައިސާ ޖަމާކުރި 155 މީހުންގެ މައްސަލަ ފުލުހުން ދަނީ ބަލަމުން - އޭސީސީ


މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ ފައިސާ އެސްއޯއެފުން ޖަމާކުރި 155 މީހުންގެ މައްސަލަ މިހާރު ތަޙުޤީޤުކުރަނީ މޯލްޑިވްސް ޕޮލިސް ސާރވިސްއިން ކަމަށް އޭސީސީން ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރި ފަޅުތަކާއި ރަށްތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާ ޖަމާކޮށްފައިވަނީ އެސްއޯއެފް ކުންފުނީގެ އެކައުންޓަށެވެ. އަދި އެސްއޯއެފުން އެ ފައިސާ 155 މީހެއްގެ އެކައުންޓަށް ޖަމާކުރިކަން އޭސީސީން ތަޙުޤީޤުކޮށް ނެރުނު ރިޕޯޓްގައި ވެއެވެ. އެ އެކައުންޓްޓަކަށް އެތައް މިލިއަން ރުފިޔާއެއް އެސްއޯއެފުން ވަނީ ޖަމާކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނާއިބު ރައީސް މުޢައްވިޒު ރަޝީދު ވިދާޅުވީ، 155 މީހުންގެ އެކައުންޓަށް އެސްއޯއެފުން ފައިސާ ޖަމާކުރި މައްސަލަ ފުރަތަމަ ތަޙުޤީޤުކުރަން ނިންމީ އޭސީސީއާއި ފުލުހުން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ޖިނާޢީ އިޖުރާތުގެ ޤާނޫނުގެ ދަށުން އޭސީސީއަށް އެބާރުނެތް ކަމަށް މުޢައްވިޒު ވިދާޅުވިއެވެ. އެގޮތުން އެ މައްސަލައިގެ ތެރޭގައި މަނީލޯންޑަރިންނާއި ފޯޖެރީ އާއި ގުޅުންހުރިކަންކަން ހުރުމުން އޭސީސީން އެ މައްސަލަ ކުރިއަށްގެންދެވޭނެ މެންޑޭޓް ނެތްކަން މުޢައްވިޒު ވިދާޅުވިއެވެ.

މުޢައްވިޒު ވިދާޅުވީ، 155 މީހުންގެ ތެރެއިން ބައެއް މީހުން އޭސީސީގެ ތަޙުޤީޤަށް ޙާޒިރުކުރެވިފައި ނުވާކަމަށާއި، ނަމަވެސް ފުލުހުންނަށް އެ މައްސަލައާއި ގުޅޭ ގިނަ މަޢުލޫމާތުތަކެއް ހޯދިފައިވާތީ ފުލުހުންނަށް އެ މައްސަލައިގެ ތަޙުޤީޤުކުރިއަށް ގެންދަން ފަސޭހަވާނެ ކަމަށެވެ. އެހެންކަމުން އޭސީސީން ފުލުހުންނަށް އެހީތެރިވަމުން އަންނަކަމަށާއި، އެ މައްސަލަ މިހާރު ލީޑުކުރައްވަނީ ފުލުހުންކަމަށް މުޢައްވިޒު ވިދާޅުވިއެވެ.

"އޭސީސީން ތަޙުޤީޤަށް ހާޒިރުކުރަން ބޭނުންވި ބައެއް ފަރާތްތައް ހާޒިރުކުރެވިފައި ނެތް ނަމަވެސް ފުލުހުންނަށް އެ މަޢުލޫމާތު ލިބިފައިވާތީ އެ ތަޙުޤީޤު ކުރިއަށް ގެންދިއުމަށް ފުލުހުންނަށް ފަސޭހަވާނެތީ ފުލުހުން މިހާރު އެ މައްސަލަ ލީޑްކުރައްވަނީ. އޭސީސީގެ އެއްވެސް ދައުރެއް ނެތީއެއްނޫން. ތަޙުޤީގު ކުރިއަށް ގެންދިއުމަށް އޭސީސީން ފުލުހުންނަށް އެހީތެރިވަނީ." މުޢައްވިޒު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.4 ބިލިއަން ޑޮލަރުގެ ބޮޑު ޚިޔާނާތް ތަޙުޤީޤުކޮށް އޭސީސީން ނެރުނު ރިޕޯޓްގައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމަށް ދޫކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ޖަމާކުރީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ގާތްގުޅުމެއް އޮންނަ މުހައްމަދު އައްލާމް ލަތީފްގެ ކުންފުނި އެސްއޯއެފަށެވެ. އަދި އެ ކުންފުނިން ވަނީ 155 މީހެއްގެ އެކައުންޓަށް އެތައް މިލިއަން ޑޮލަރެއް ޖަމާކޮށްދީފައެވެ.

އެމްއެމްޕީއާރުސީ ގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު އެޗްޑީސީގެ ކުރީގެ ޗެއަރމަން މުހައްމަދު އަސީލާއި އެސްއޯއެފްގެ މުހައްމަދު އައްލާމް ލަތީފާއި މުހައްމަދު ހުސެއިނާއި އަހްމަދު އިޝްފާހު ލަތީފުގެ ރެޑް ނޯޓިސް ވަނީ ދައުލަތުން އެދިގެން ބާތިލުކޮށްފައެވެ. މޯލްޑިވްސް ޕޮލިސް ސާރވިސުން ވިދާޅުވީ އޭރު އިންޓަރޕޯލް ރެޑް ނޯޓިސް ނެރުނީ މި ހަތަރު މީހުން ތަހުޤީގަށް ހާޒިރުނުކުރެވިގެންކަމަށާއި މިހާރު އެފަރާތަކާއި ފުލުހުންނާ ދިމާވެ ތަހުޤީގަށް ބޭނުންވާ ބަޔާންތައް ނަގާފައިވާކަމަށެވެ.