ޚަބަރު

ބަޖެޓާ ގުޅޭ އައު އުސޫލާއެކު މާލީ ކަންކަން އިތުރަށް ހަރުދަނާވެގެންދާނެ- އެމް.އެމް.އޭ


އޮފީސްތަކަށާއި، އެކި މަޝްރޫޢުތަކަށް ކަނޑަަޅާ ބަޖެޓަށްވުރެ އިތުރަށް ޚަރަދުކުރުމުގައި އަމަލުކުރާނެ އުސޫލުތަކެއް މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައެޅުމަކީ ދައުލަތުގެ މާލީ ކަންތައްތައް ހަރުދަނާ ކުރުމަށް އެޅިގެންދިޔަ ވަރަށް މުހިއްމު ފިޔަވަޅެއްކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ހާމަކުރައްވައިފިއެވެ.

ސަރުކާރުގެ އޮފީސްތަކަށް ކަނޑައަޅާ ބަޖެޓަށްވުރެ އިތުރަށް ޚަރަދުކުރާނަމަ ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަންޖެހޭގޮތަށް ހަމަޖައްސައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓް ބައިކުރުމާއި އެއްބައިން އަނެއް ބަޔަށް ބަދަލުކުރުމުގެ އުސޫލެއް ފިނޭންސް މިނިސްޓްރީން އެކަށައަޅަ އިއްޔެވަނީ ޢާންމުކުރައްވާފައެވެ.

އެ އުސޫލުގައިވާގޮތުން އެ އަހަރަކަށް ފާސްކުރާ ޕީއެސްއައިޕީ ބަޖެޓުގައި ހިމަނާފައިނުވާ މަޝްރޫޢުތަކުގެ ޖުމްލަ އަގު އެއް މިލިޔަން ރުފިޔާއަށް ވުރެކުޑަ "އައު މަޝްރޫޢަކަށް" ޕީ.އެސް.އައި.ޕީގެ ބަޖެޓުން ޚަރަދުކުރެވޭނީ، މިނިސްޓަރުގެ ހުއްދަ ލިޔުމުން ލިބިގެންނެވެ. އަދި ބަޖެޓުގައި ހިމަނާއިފައިވާ މަޝްރޫޢެއްގެ އަގަށް ގެންނަ ބަދަލެއް، އެ މަޝްރޫޢެއްގެ ޖުމުލަ އަގުގެ ތިރީސް އިންސައްތައަށް ވުރެ ބޮޑުވާ ނަމަ، އެ ކަމަކަށް ބަޖެޓުން ޚަރަދު ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިޔުމުން ލިބިގެންކަމަށްވެސް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މިކަމާއި ގުޅިގެން އެމްއެމްއޭއިން ޢާންމުކުރި ބަޔާނެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓު ބައިކުރުމާއި އެއްބައިން އަނެއް ބަޔަށް ބަދަލުކުރުމުގެ އުސޫލް މިނިސްޓްރީ އޮފް ފިނޭންސްއިން ޝާއިއުކޮށްފައިވާތީ، އެކަމަށް މަރުޙަބާ ކިޔާފައެވެ.

އެމްއެމްއޭއިން ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރުގެ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް އެއޮތޯރިޓީއިން ފޮނުވާފައިވާ ލަފާގައި، ދައުލަތުގެ "ފިސްކަލް އެޕްރޮޕްރިއޭޝަން"އާ ގުޅޭ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް އެ އޮތޯރިޓީއިން ބާރު އަޅާފައިވާނެކަމަށެވެ.

އެމްއެމްއޭއިން ވިދާޅުވީ އޭގެ މައިގަނޑު ބޭނުމަކީ އަހަރުން އަހަރަށް ދައުލަތުގެ ރިކަރަންޓް ޚަރަދުތައް އަންޑަރއެސްޓިމޭޓް ކުރެވި، އާމްދަނީ ލިބޭނެ މިންވަރު އޯވަރއެސްޓިމޭޓް ކުރެވުމުން، އަހަރުން އަހަރަށް ސަރުކާރުގެ ޑެފިސިޓް އިތުރުވަމުންދާނެތީކަމަށެވެ.

އެހެންކަމުން، ޕަބްލިކް ފައިނޭންސްގެ ކަންކަން ހަރުދަނާކުރުމުގެ ގޮތުން ފާސްކޮށްފައިވާ މިންވަރަށްވުރެ ޚަރަދު އިތުރުނުކުރުމަށާއި، ވަކި ކަމަކަށް ޚަރަދެއް ކަނޑައަޅާފައިވާނަމަ، އެކަމަކަށް ޚަރަދުކުރުމަށްޓަކައި އަމަލުކުރާނެ އުސޫލުތަކެއް މިނިސްޓްރީ އޮފް ފިނޭންސްއިން ޝާއިޢުކުރުމަކީ ދައުލަތުގެ މާލީ ކަންތައްތައް ހަރުދަނާ ކުރުމަށް އެޅިގެންދިޔަ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.