މެންޗެސްޓަރ ޔުނައިޓެޑަށް ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު ގެއްލުމާއެކު، ކްލަބްގެ މަޝްހޫރު ކުޅުންތެރިންނަށް ލިބޭ މުސާރަވެސް ކުޑަވެ ކްލަބަށް އެތައް މިލިއަން ޕައުންޑްގެ ގެއްލުމެއް ދައްކައިފިއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ރެލިގޭޓްވެފައި އޮތް ހަޑަރސްފީލްޑް ބައްދަލުކުރި މެޗު ނިމުނީ އެކެއް އެކަކުން ދެޓީމް އެއްވަރުވެގެންނެވެ. މިމެޗުން ތިން ޕޮއިންޓު ނުލިބުމުން މެންޗެސްޓަރ ޔުނައިޓެޑަށް ވަނީ ގަދަ ހަތަރަކަށް އެރުމުގެ ދޮރު ބަންދުވެ މިއަންނަ ސީޒަންގެ ޗެމްޕިންސް ލީގަށް ކޮލިވުމުގެ ފުރުސަތު ގެއްލިފައެވެ.
މިއާއެކު ކްލަބުން ބޮޑު މުސާރަ ދޭ ގިނަ ކުޅުންތެރިންގެ މުސާރައިގެ ފަންސަވީސް އިންސައްތަ މިއަންނަ ސީޒަންގައި އުނިކުރެވޭނެއެވެ. އެއީ އެކުޅުންތެރިންނާއެކު ހެދި ކޮންޓްރެކްޓްގައި މިކަމަށް އެއްބަސްވެސް ބައެއް ކޮންޓްރެކްޓަށް އިތުރުކޮށްފައި ވުމުންނެވެ.
މިގޮތުން މިއަންނަ ސީޒަންގައި މުސާރަ ކުޑަވާ ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑްގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިއާ އެލެކްސިސް ސަންޗޭޒް ފާހަގަކޮށްލެވެއެވެ. ސަންޗޭޒްއަށް މިހާރު ހަފްތާއަކު ފަސް ސަތޭކަ ހާސް ޕައުންޑްގެ މުސާރައެއް ކްލަބުން ދޭއިރު އެއަދަދު މިއަންނަ ސީޒަންގައި ތިންސަތޭކަ ހަތްދިހަ ފަސް ހާސް ޕައުންޑަށް ކުޑަވާނެއެވެ.
ޕައުލް ޕޮގްބާގެ މުސާރަ ތިންސަތޭކަ ހާސް ޕައުންޑުން ދުވިސައްތަ ފަންސަވީސް ހާސް ޕައުންޑަށް ކުޑަވާނެއެވެ.
ރޮމެލޫ ލުކާކޫއަށް މިހާރު ހަފްތާއަކު ދުވިސައްތަ ފަންސާސް ހާސް ޕައުންޑް ލިބޭއިރު މިއަންނަ ސީޒަންގައި އޭނާއަށް ލިބޭނީ ސަތޭކަ އަށްޑިހަ ހަތް ހާސް ޕައުންޑެވެ.
މަޝްހޫރު ކީޕަރު ޑެހެއާގެ މުސާރަވެސް ދުވިސްތަ ހާސް ޕައުންޑުން ސަތޭކަ ފަންސާސް ހާސް ޕައުންޑަށް މިއަންނަ ސީޒަންގައި ކުޑަވާނެއެވެ.
މީގެއިތުރުން ބްރެޒިލްގެ މިޑްފިލްޑަރ ފްރެޑަށް މިހާރު ދޭ ސަތޭކަ ހަތްދިހަ ފަސް ހާސް ޕައުންޑް މިއަންނަ ސީޒަންގައި ސަތޭކަ ތިރީސް އެއް ޕައުންޑަށް ކުޑަވޭނެއެވެ.
ޔުނައިޓެޑްގެ ކުޅުންތެރިންގެ މުސާރައިގެން އިތުރުން ކްލަބަށް ވަންނާނެ ކަމަށް ބެލެވުނު އެތައް މިލިއަން ޕައުންޑެއްވެސް ޗެމްޕިއަންސް ލީގަށް ކޮލިފައި ނުވުމުން ކްލަބަށް ގެއްލޭނެއެވެ.
އޭގެ ތެރޭގައި ޓީ.ވީ ރައިޓްސް އާއި އިނާމް ފައިސާގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވޭ ފަސްދޮޅަސް ފަސް މިލިއަން ޕައުންޑް ކްލަބަކަށް ނުލިބޭނެއެވެ. މީގެއިތުރުން އެޑިޑާސް އާއެކު ހަދާފައި ޖާޒީ ސްޕޮންސަރޝިޕް އެއްބަސްވުމުގެ ދަށުން ކްލަބަށް ލިބެންޖެހޭ ހަތްސަތޭކަ ފަންސާސް މިލިން ޕައުންޑްގެ ތެރެއިން ވިހި މިލިއަން ޕައުންޑް ޗެމްޕިއަންސް ލީގަށް ޓީމް ކޮލިފައި ނުވުމުން ވަނީ ގެއްލިފައެވެ.
މިއާއެކު މިއަންނަ ސީޒަނަށް ޓީމު އިތުރަށް ވަރުގަދަ ކުރުމަށް ކުޅުންތެރިން ހޯދަން ހޭދަ ކުރަންޖެހޭ އަދަދަށްވެސް އަސަރުކުރުމާއި ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު މެންޗެސްޓަރއަށް ދާ ކުޅުންތެރިންނަށް ނެތުމުން ކުޅުންތެރިން ހޯދުމުގައިވެސް ބޮޑެތި ގޮންޖެހުންތަކަކާ މެންޗެސްޓަރ ޔުނައިޓެޑަށް ކުރިމަތިލާން ޖެހޭނެއެވެ.