ވިޔަފާރި

މާރޗް މަހު ރާއްޖެއިން މުދާ ބޭރު ކުރި މިންވަރު %90 އިތުރުވެއްޖެ


މިދިޔަ އަހަރުގެ މާރޗް މަހާ އަޅާބަލާ އިރު މިއަހަރުގެ މާރޗް މަހު ރާއްޖެއިން މުދާ އެކްސްޕޯޓު ކުރި މިންވަރު %90 އިތުރުވެއްޖެއެވެ.ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު މާޗްމަހުގައި ރާއްޖެއިން 111.7 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާ އިރު މިއަހަރުގެ މާޗް މަހުގައި ބޭރުކޮށްފައިވަނީ 212.5 މިލިއަން ރުފިޔާގެ މުދަލެވެ.އެގޮތުން ރާއްޖޭން ބޭރު ކޮށްފައިވާ މުދަލުގެ މިންވަރު އިތުރުވެފައިވަނީ މިދިޔަ މަހު ރާއްޖެއިން ބޭރު ކުރި މަހުގެ މިންވަރު އިތުރުވުމާ ގުޅިގެން ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ.މިދިޔަ މަހު ރާއްޖެއިން ރީނދޫއުރަހަ ކަންނެލީގެ ގޮތުގައި 49.7 މިލިއަން ރުފިޔާގެ ކަންނެލި އެކްސްޕޯޓްކޮށްފައިވާއިރު، ކަނޑާ ސާފުކޮށް ގަނޑުކުރިމަހުގެ ގޮތުގައި 31.9 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓްކޮށްފައި ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.ކަސްޓަމްސްގެ ތަފާސް ހިސާބްތަކުން ދައްކާގޮތުން ރާއްޖެއަށް މުދާ އެތެރެކޮށްފައިވާ މިންވަރު 2014 ވަނަ އަހަރުގެ މާރޗްމަހާ އަޅާބަލާއިރު މިއަހަރުގެ މަރޗް މަހު ވަނީ %2 ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރުގެ މާޗް މަހުގައި ރާއްޖެއަށް އެތެރެކޮށްފައިވަނީ 2599.9 މިލިއަން ރުފިޔާގެ މުދަލެވެ. އަދި މިދިޔަ މަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 2560.8 މިލިއަން ރުފިޔާގެ މުދަލެވެ.މާޗް މަހުގެ ތެރޭގައި ރާއްޖެއަށް ވަނީ 552.5 މިލިއަން ރުފިޔާގެ ކާބޯތަކެތި އެތެރެކޮށްކޮށްފައެވެ. އަދި މާރޗް މަހުގެ ތެރޭގައި 378.7 މިލިއަން ރުފިޔާގެ ތެލުގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށްވެސް ކަސްޓަމްސްގެ ތަފާސް ހިސާބްތަކުން ދައްކައެވެ.