ޚަބަރު

ވެމްކޯއިން ކުލަބް މޯލްޑިވްސް ކަޕްގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފި


ސްޓެލްކޯ ކަޓުވާލުމަށްފަހު ކުލަބް ވެމްކޯއިން ކުލަބް މޯލްޑިވްސް ކަޕްގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މިމެޗް ވެމްކޯއިން ސްޓެލްކޯގެ މައްޗަށް ކުރި ހޯދާފައިވަނީ 1 ލަނޑު 0 ލަނޑުން. ފޯރިގަދަ އަދި އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ފައުލްތަކެއްވެސް ފެނިގެންދިޔައެވެ. މެޗްގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ކުލަބް ވެމްކޯއަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޝައްފާންއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެ ޓީމްއަށްވެސް ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް ސްޓެލްކޯއަށް ސުން ކަނޑުވާލެވޭ ގޮތްވަނީ ނުވެފައެވެ. އަދި ކުލަބް ވެމްކޯއަށް ލީޑް ފުޅާކުރުމަށް ލިބުނު ފުރުސަތުގެ ބޭނުންވެސް އެޓީމްއަށް ވަނީ ހިފޭގޮތް ނުވެފައެވެ.

މެޗްގެ ފުރަތަމަ ހާފްއާއި ހިލާފަށް ދެވަނަ ހާފްގައި ދެ ޓީމްއިންވެސް ދިޔައީ ވަރަށް ވިސްނައިގެން ގޯލެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މެޗްގެ ދެވަނަ ހާފްގައި ކުލަބް ވެމްކޯއިން ގިނަ ފައުލްތަކެއް ކުރިއިރު، އެކަމާއި ހިންހަމަ ނުޖެހިގެން ސްޓެލްކޯގެ ކޯޗް އުސްމާން ނަސީރު ނުރުހުން ފާޅުކޮށް، ރެފްރީގެ ބަހަށް ކިޔަމަން ނުވުމާއި ގުޅިގެން، ރެފްރީ ވަނީ އުސްމާން ބެންޗުން ފޮނުވާލާފައެވެ.

ވެމްކޯއިން ފައުލް ކުރިކަމަށް ބުނެ، އެފައުލްތަކަށް ރެފްރީ ކާޑް ނުދައްކާތީވެސް ސްޓެލްކޯގެ ކުޅުންތެރިންނާއި ބެންޗުން ދިޔައީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ.
މެޗަށްފަހު ކުލަބް ވެމްކޯގެ ކޯޗް އަހުމަދު ނިޝާމް ބުނީ މެޗުން މޮޅުވުމުން ވަރަށް ހިންހަމަޖެހޭކަމަށާއި މިފަދަ ޕްރެޝަރު މެޗްތަކުގައި ލިބޭ ފުރުސަތުގެ ބޭނުން ނުހިފޭކަމަށްވާނަމަ، ޓީމް ޕްރެޝަރަށް ވެއްޓޭނެކަމަށެވެ.

އަދި މެޗްގެ ދެވަނަ ހާފްގައި ވެމްކޯއަށް ދިމާއި މިފަދަ މައްސަލަތަށް ކަމަށްވެސް ކުލަބް ވެންކޯގެ ކޯޗް އަހުމަދު ނިޝާމް ބުނި އަދި ކުރިއަށް އޮތް ކުއަޓާރ ފައިނަލް މެޗްގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަންޖެހޭކަމަށްވެސް ކޯޗް އަހުމަދު ނިޝާމް ބުންޏެވެ.