ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިންޑިއާގައި އިޝްތިހާރުކުރުމަށް އެޤައުމުގެ ނޫސްވެރިންނާއި ބްލޮގް ލިޔުންތެރިން ހިމެނޭ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.
އަވައްޓެރި އިންޑިއާގެ ނޫސްވެރިންގެ މި ޓީމު ރާއްޖެ ގެނެސްފައިވަނީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީންނެވެ.
އިންޑިއާގެ ނޫސްވެރިންތަކެއް ގެނެސްފައިމިވަނީ، ބޭރު ޤައުމުތަކަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ރާއްޖޭގެ ޘަޤާފަތާއި އާދަކާދަ ދައްކާލުމަށްޓަކައި އެމްއެމްޕީއާރުސީން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިންނެވެ.
މި ޓީމުގައި ފަތުރުވެރިކަމުގެ އެކިއެކި ދާއިރާތަކަށް ލިއުންތައް ލިޔާ ނޫސްވެރިންގެ އިތުރުން މަޝްހޫރު ބްލޮގްތަކަށް ލިޔާ ނޫސްވެރިން ހިމެނޭކަމަށް އެމްއެމްޕީއާރސީއިން ބުނެއެވެ. މީގެތެރޭގައި "ސޯލްޓް އެންޑް ސެންޑަލްސް" ބްލޮގްގެ ލިޔުންތެރިޔާ ސިންގިދާ ބޯމިކް، "ޓްރެވެލް ސީ ރައިޓް" ގެ ލިޔުންތެރިޔާ އަރްޗަނާ ސިންގ، "ދެޓް ދޭސީ ގާލް" ބްލޮގްގެ ލިޔުންތެރިޔާ ޕަލަވީ ޗަތުރުވޭދީ އަދި ފްރީލާންސް ޖާރނަލިސްޓް ނިވީ ޝްރިވަސްތަވާ ފާހަގަކޮށްލެވެއެވެ.
އެމްއެމްޕީއާރްސީއިން ބުނީ މި ޓީމްގެ ފުރަތަމަ ދަތުރު ރާވާފައި އޮތީ ގުރައިދޫ ޕާމްއިން ގެސްޓްހައުސްއަށެވެ. މި ދަތުރުގައި ގުރައިދޫގެ ތަންތަން ދައްކާލުމާއި ދިވެހިކެއުންތަކުގެ ރަހަ ތަޖުރިބާކޮށްލުމުގެ ފުރުސަތު އެފަރާތްތަކަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރަށްފަހު އަދާރަން ރަށްނާޅި، އަދާރަން ސިލެކްޓް ހުދުރަން ފުށީ ރިސޯޓަށް މި ޓީމް ގޮވައިގެން ދިއުމަށް ހަމަޖެހިފައިވެއެވެ.
އިންޑިއާ ނޫސްވެރިންގެ ޓީމުން ރާއްޖޭގައި ފަސް ވަރަކަށް ދުވަސް ހޭދަކުރުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ ތަފާތު އާރޓިކަލްތައް މި ނޫސްވެރިން ގެނެސްދޭން ޖެހެއެވެ.
އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ކުރިއަރަމުން އަންނަ މުޙިއްމު މާކެޓެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މާޗް މަހުގެ ނިޔަލަށް އިންޑިޔާގެ 36،053 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު %85.5 އިތުރު ޢަދަދެކެވެ.
މިއަހަރުގެ ތެރޭގައި ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ތިން ގުނައަށް އިތުރުކުރުމަށް ސަރުކާރުން ނިންމަވާފައިވާ އިރު، އެމްއެމްޕީއާރުސީން ގެންދަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްޕެއިންގައި ރާއްޖެ އިޝްތިހާރުކުރުމަށް ސްޕެއިންއިން ނޫސްވެރިން ހޯދުމަށް އެމްއެމްޕިއާރުސީއިން މިހާރު ވަނީ އިޢުލާންކޮށްފައެވެ.