ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިޚާބުގައި ލ.ފޮނަދޫ ދާއިރާގައި ބެހެއްޓި ވޯޓުފޮށްޓަކާއި ބާރަށު ދާއިރާގެ ވޯޓް ފޮށީގެ ބާޠިލް ވޯޓު އަލުން ގުނައިގެންވެސް ނަތީޖާއަށް ބަދަލު ނާންނާނެކަން ކަށަވަރުވެއްޖެއެވެ.
ފޮނަދޫ ދާއިރާގެ ދެނަންބަރު ވޯޓު ފޮށީގެ ބާޠިލް ވޯޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ 13 ވޯޓެވެ. ދެވަނަފަހަރަށް ގުނައިގެންވެސް އެ ޢަދަދަށް ބަދަލު އައިސްފައެއްނުވެއެވެ. ފޮނަދޫ ދާއިރާއިން ޕީއެންސީގެ ކެނޑިޑޭޓް އަދި މިހާރުވެސް އެދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲއަށް އެ ވޯޓް ފޮށިން ލިބިވަޑައިގެންފައިވަނީ 382 ވޯޓެވެ. އަދި އެދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި އެމްޑީޕީގެ ކެނޑިޑޭޓް މޫސާ ސިރާޖަށް ލިބިވަޑައިގަތީ 126 ވޯޓެވެ.
އެ ދާއިރާގެ ޖުމްލަ ނަތީޖާއަށްބަލާއިރު ޢަބްދުއްރަޙީމަށް ލިބިވަޑައިގަތީ 963 ވޯޓެވެ. އަދި މޫސާ ސިރާޖަށް ލިބިވަޑައިގަތް ޖުމްލަ ވޯޓްގެ ޢަދަދަކީ 1007 ވޯޓެވެ. ދެ ކެނޑިޑޭޓުންގެމެދުގައި ވޯޓްގެ ތަފާތަކީ 44 އަށްވީއިރު އެ ދާއިރާގެ ޖުމްލަ ބާޠިލް ވޯޓްގެ ޢަދަދަކީ 46އެވެ. އެ ދާއިރާގެ ހުރިހާ ވޯޓް ފޮށްޓެއް ގުނުމަށް ޢަބްދުއްރަހީމްގެ ސަޕޯޓަރުން އެދުނުނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބާޠިލް ވޯޓްގެ ގުނެގެންވެސް ބަދަލެއް އައިސްފައި ނުވާތީއާއި، ދެ ކެނޑިޑޭޓުންގެ ދެމެދުގެ ވޯޓްގެ ފަރަޤް ކުޑަކުރެވިފައިނުވާތީ އިތުރު ވޯޓް ފޮށިތަކެއް ނުގުނުމަށް ނިންމާފައެވެ.
މީގެ އިތުރުން ބާރަށު ދާއިރާގެ ވޯޓު ފޮށީގެ ބާޠިލު ވޯޓް ގުނައިގެންވެސް ނަތީޖާއަށް ބަދަލު ނައިނަމަވެސް އެ ދާއިރާއަށް ވާދަކުރި ދެ ކެނޑިޑޭޓަކަށް 7 ވޯޓް ވަނީ އިތުރުވެފައެވެ. އެ ދާއިރާއަށް ބާޠިލް ވޯޓުގެ ގޮތުގައި ކަނޑައަޅާފައިވާ ވޯޓްގެ ތެރެއިން ޕީޕީއެމްގެ ކެނޑިޑޭޓް އިބްރާހީމް ޝުޖާޢުއަށް 7 ވޯޓް އަދި އެމްޑީޕީގެ ކެނޑިޑޭޓް އަޙްމަދު ޢަބްދުﷲ އަށްވެސް ވަނީ 7 ވޯޓް އިތުރުވެފައެވެ.
އެހެންކަމުން އެދެބޭފުޅުންގެ ދެމެދު އޮތް ވޯޓްގެ ފަރަޤަށް ބަދަލެއް އައިސްފައެއްނުވޭ. ޝުޖާޢުއަށް ލިބިވަޑައިގެންފައިވާ ޖުމްލަ ވޯޓްގެ ޢަދަދަކީ 1489އެވެ. އަދި އަޙްމަދު ޢަބްދުﷲއަށް ލިބިވަޑައިގަތް ޖުމްލަ ވޯޓްގެ ޢަދަދަކީ 1532 ވޯޓެވެ.
މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ރ.މަޑުއްވަރީ ދާއިރާގެ ބާޠިލް ވޯޓާއި މާމިގިލީ ދާއިރާގެ ބާޠިލް ވޯޓްވެސް އަލުން ގުނާފައެވެ. އެ ވޯޓް ފޯށިތަކުން ޞައްޙަ ވޯޓްގެ ޢަދަދު އިތުރުވެ ކެނޑިޑޭޓުންގެ ނަތީޖާއަށް ބަދަލެއް އައިސްފައެއްނުވެއެވެ.