ދުނިޔެ

އެމެރިކާގެ މުހިންމު ސަރަހައްދަކުން ކުއްލިއަކަށް ކަރަންޓު ކެނޑުން


އެމެރިކާގެ ސަރުކާރާއި ދައުލަތުގެ މުހިއްމު ބައެއް މުއައްސަސާތަކުން ކުއްލި ގޮތަކަށް ކަރަންޓް ކަނޑައިގެން ގޮސްފިއެވެ.ކަރަންޓް ކަނޑައިގެންދިޔަ މުއައްސަސާތަކުގެ ތެރޭގައި އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް އާއި ކޮންގްރެސްގެ އިމާރާތާއި ޚާރިޖީ ވުޒާރާއާއި ޖަސްޓިސް ޑިޕާޓްމަންޓްގެ އިތުރުން ވެރިރަށް ވޮޝިންޓަންގައިވާ ބޮޑެތި އިމާރާތްތަކާއި މީހުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތްތައްވެސް ހިމެނެއެވެ.ރިޕޯޓްތައް ބުނާގޮތުން ވޮޝިންޓަންގައިވާ އެމެރިކާގެ ސަރުކާރާއި ދައުލަތުގެ މުހިއްމު ބައެއް މުއައްސަސާތަކުން ކަރަންޓް ކަނޑައިގެން ދިޔައީ ކަރަންޓް އުފައްދާ ޖަނަރޭޓަރުތަކަށާއި ކަރަންޓް ފޯރުކޮށްދިނުމުގައި އެހީތެރިވާ ޓްރާންސްފޯމަރުތަކަށް ދިމާވި ފަންނީ މައްސަލަތަކަކާ ގުޅިގެންނެވެ.މިކަމުގެ ސަބަބުން ވެރިރަށް ވޮޝިންޓަންގެ ވަރަށް ބޮޑު ސަރަހައްދަކުން ކަރަންޓް ކަނޑައިގެން ދިޔުމާއެކު ވައިޓް ހައުސް އާއި ކޮންގްރެސް އަށް ކަރަންޓް ފޯރުކޮށްދިނީ އެތަންތަނުގައިވާ ކުދި ޖަނަރޭޓަރުތަކުގެ އެހީގައި ކަމަށް ޚަބަރުލިބެއެވެ.މިހާދިސާގެ ފަހަތުގައި ޓެރަރިޒަމްގެ އަމަލެއް ވާކަމަށް ނުބެލެވޭކަމަށާ ނަމަވެސް މިކަން ތަހްގީގް ކުރަމުން ގެންދާކަމަށް އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވެއެވެ.