ދުނިޔެ

ސައޫދީން ޔަމަނަށް ދެމުންދާ ހަމަލާތަކުގައި އެމެރިކާގެ ދައުރު ބޮޑު


ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަމަންގައި ހިންގަމުން ގެންދާ އަސްކަރީ ހަރަކާތްތަކުގައި މުހިއްމު ދައުރެއް އަދާކުރަމުން ގެންދާކަން އެމެރިކާ ހާމަކޮށްފިއެވެ.ސައޫދީ އަރަބިޔާއަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނައިބު އެންޓަނީ ބިލިންކިން ވިދާޅުވީ ސައޫދީ އިސްކޮށް އޮވެގެން ޔަމަންގައި ހިންގަމުން ގެންދާ އަސްކަރީ ހަރަކާތްތަކަށް ބޭނުންވާ ހަތިޔާރާއި ޖާސޫސީ މަޢުލޫމާތު ފޯރުކޮށްދެނީ އެމެރިކާއިން ކަމަށެވެ.ރިޔާޒް ގައި ސައޫދީ ޚާރިޖީ ވަޒީރު ސައޫދުލް ފައިސަލް އާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނައިބު އެންޓަނީ ބިލިންކިން ވިދާޅުވީ ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަމަނަށް ދެމުންގެންދާ ޙަމަލާތަކަށް ފާއިތުވި ދެހަފްތާ ތެރޭގައި އެމެރިކާއިން އެތަށް ސަތޭކަ މިލިޔަން ޑޮލަރެއްގެ ހަތިޔާރު ސަޕްލައިކޮށްދީފައިވާނެ ކަމަށެވެ. އަދި ޔަމަން ހޫޘީންނާ ދެކޮޅަށް ސައޫދީން އިސްވެއޮވެގެން ދެމުންގެންދާ ވައިގެ ޙަމަލާތަކުގެ ކޮމާންޑް ސެންޓަރުތަކުގައިވެސް އިސްކޮށް މަސައްކަތްކުރަނީވެސް އެމެރިކާގެ މަތީފެންވަރުގެ އަސްކަރީ ތަޖްރިބާކާރުން ކަމަށް ބިލިންކިން ވިދާޅުވިއެވެ.ސައޫދީ އިސްކޮށް އޮވެގެން ޔަމަނަށް ދެމުން ގެންދާ ޙަމަލާތަކުގައި މިހާތަނަށް 600 އަށްވުރެ ގިނަ އާންމުން މަރުވެފައިވާއިރު އެޙަމަލާތަކުގެ ސަބަބުން ޔަމަންގެ ދާޚިލީ ހަނގުރާމަވަނީ އިތުރަށް ވަރުގަދަވެފައެވެ.ޔަމަންގެ ވެރިކަމަށް އަތްގަދަ ކުރަން މަސައްކަތްކުރާ އެގައުމުގެ ހޫޘީ ޖަމާއަތުގެ ހަނގުރާމަވެރިން އަމާންދީ ހަތިޔާރު ބަހައްޓަންދެން މިޙަމަލާތައް ކުރިޔަށް ގެންދާނެކަމަށް ސައޫދީ ސަރުކާރުން ބުނެއެވެ.ރަޝިޔާއިންވަނީ ޔަމަންގައި ހިނގަމުންދާ ސިޔާސީ ދާޚިލީ އަރާރުންތަކުގައި ވަކިކޮޅަކަށް ޖެހި އަސްކަރީ ބާރުގެ ބޭނުންކޮށްގެން އެގައުމުގެ މައްސަލަ ޙައްލުނުކުރެވޭނެ ކަމަށް ބުނެފައެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވިދާޅުވީ ޔަމަންގައި ހިނގަމުންދަނީ ސިޔާސީ އަރާރުންތަކެއް ކަމަށާ އެއަރާރުންތަކުގައި ރަޝިޔާއިން ވަކިކޮޅަކަށް ނުޖެހޭނެ ކަމަށެވެ.އަނެއްކޮޅުން ޔަމަންގެ ހޫޘީންގެ ލީޑަރާއި އެގައުމުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙް އާއި އޭނާގެ ދަރިކަލުންނާ ދެކޮޅަށް ސަލާމަތީ މަޖިލިސް މެދުވެރިކޮށް ހަރުކަށި ގަރާރެއް ފާސްކުރުމަށް ސައޫދީ އަރަބިޔާއާއި ގަލްފުގެ އެހެން އަރަބި ގައުމުތައް ގެންދަނީ މަސައްކަތް ކުރަމުންނެވެ. މިގަރާރު ފާސްކުރުމަށް ބޭނުންވާ އެއްބާރުލުން ހޯދުމަށްޓަކައި ގަލްފުގެ އަރަބި ގައުމުތަކުގެ ދާއިމީ މަންދޫބުން ސަލާމަތީ މަޖިލީހުގެ މެންބަރު ގައުމުތަކުގެ މަންދޫބުންނާ ބައްދަލުކުރައްވަމުން ގެންދަވާ ކަމަށް ޑިޕްލޮމޭޓުން ވިދާޅުވެއެވެ.ގަލްފުގެ ގައުމުތަކުން ތައްޔާރުކުރާ ގަރާރުގެ ދެލިކޮޕީ ގޮވާލަނީ ހޫޘީ ޖަމާއަތުގެ އަތްދަށުގައިވާ ޔަމަންގެ ސަރަހައްދުތަކުން އެމީހުން ފޭބުމަށާއި ހަތިޔާރު ބެހެއްޓުމަށްފަހު ސުލްޙައިގެ ވާހަކަތަކުގައި ބައިވެރިވުމަށެވެ.  އަދި ހޫޘީންނަށް އެހީތެރިނުވުމަށް ޔަމަންގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙް އަށް ތާއީދުކުރާ ފަރާތްތަކަށްވެސް މިގަރާރު ގޮވާލައެވެ.މިގަރާރާ ޚިލާފް ވެއްޖެނަމަ އދ. ގެ ޗާޓަރުގެ 7 ވަނަ ޗެޕްޓަރުގެ ދަށުން ހޫޘީންގެ ލީޑަރާއި ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙް އާއި އޭނާގެ ދަރިކަލުންނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށްވެސް މިގަރާރުގެ ދެލިކޮޕީ ގޮވާލާކަމަށް ޚަބަރުލިބެއެވެ.