އަސާސީ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ރާއްޖެ އޮތީ އެންމެ ނިކަމެތި ޤައުމުތަކަށްވުރެވެސް 100 އަހަރު ފަހަތުގައިކަމަށާއި، އެއީ ކުރީ ސަރުކާރުތަކުގެ އެންމެ ބޮޑު އިޙްމާލުކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުޙާއްމަދު ޞާލިޙް ކުރީގެ ސަރުކާރުތަކަށް ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކެމްޕެއިން ޙަރަކާތެއްގައި މުލަކަތޮޅު މުލަކުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެ ތަރައްޤީ ކުރެއްވުމަށް ވަރަށްގިނަ ކަންތައްތަކެއް ކުރަން އެބަހުރިކަމަށާ، ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ޤާއިމްކުރުމުގެ ވާހަކަތަކަކީ ވަރަށް އާދައިގެ ވާހަކަތަކެއްކަމަށް ބައެއް ފަރާތްތަކުން ހީކޮށްފާނެކަމަށެވެެ.
އެހެންނަމަވެސް އެފަދަ މަޝްރޫޢުތައް ރާއްޖޭގައި ނުކުރެވި އޮތީ ކީއްވެތޯ އެމަނިކުފާނުވަނީ ސުވާލު އުފައްދަވާފައެވެ. ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ވަނީ ދައުލަތަށް އަބަދުވެސް ޢާމްދަނީ ލިބެމުން އަންނަކަމަށާއި، ރައްޔިތުން ޓެކްސްވެސް ދައްކަމުންދާއިރު އެހެންނަމަވެސް ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް އަދިވެސް ނުލިބޭކަމަށް ރައީސް ވިދާޅުވިއެވ. އެމަނިކުފާނު ވިދާޅުވީ، ވެރިކަމުގައި ތިބޭބަޔަކު އެންމެ ފުރަތަމަ ރައްޔިތުންނަށް ކޮށްދެއްވަންޖެހޭކަމަކީ ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުންކަމަށާ، އެއަށްފަހު އެހެން ޚިދުމަތްތައް ފޯރުކޮށްދިނުންކަމަށެވެ.
ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އަމަލުކުރަނީ އުސޫލުންކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވާހަކަފުޅުގައި ވަނީ އެ ޤައުމުތަކުގައި މީގެ ސަތޭކަ އަހަރުކުރިން އަސާސީ ޚިދުމަތްތައް ފޯރުކޮށްދީ ނިންމާފައިވާކަމަށް ވިދާޅުވެ ކުރީގެ ސަރުކާރުތަކަށް ފާޑުވިދާޅުވެފައެެވެ. ނަވާރަވަނަ ގަރުނުގެ ތެރޭގައި އެހެން ޤައުމުތަކުގައި ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދީ ނިންމާފައިވާކަމަށާއި، ނަމަވެސް ތަރައްޤީގެ ޕްލޭންގައި ރާއްޖެ އުޅޭނީ އެހެން ޤައުމުތަކަށްވުރެ ސަތޭކަ އަހަރު ފަހަތުގައިކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
"އެހެން ޤައުމުތަކުގައި މިހާރު ފެން ލިބޭގޮތް ހަދައިދީފި. ނަރުދަމާގެ ނިޒާމް ޤާއިމްކޮށްފި. އަދި މަގުތައް ހަދައިފި. ޓްރާންސްޕޯޓޭޝަން ދަތުރުފަތުރުގެ ނިޒާމް ޤާއިމްކޮށްފި. އެހެނަސް އަޅުގަނޑުމެންނަށް 21 ވަނަ ގަރުނާއި ހަމައަށް އާދެވުނުއިރުގައިވެސް އަދި މިތިބީ ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ނުލިބި." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތްކުރައްވަމުން އަންނަކަމަށެވެެ. އަދި އަސާސީ ޚިދުމަތްތައް މިސަރުކާރުން ފުރިހަމަކޮށްދޭނެކަމުގެ އުއްމީދު ރައްޔިތުންނަށް މިހާރު އޮންނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.