ޚަބަރު

އޭދަފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އިފްތިތާޙްކޮށްފި


ބ.އޭދަފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އިފްތިތާޙްކޮށްފިއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް އިފްތިތާޙް ކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝާހު ވިދާޅުވީ، އޭދަފުށީގެ މަގުތަކުގައި ތާރު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް މާދަމާ ފެށޭނެކަމަށެވެ.

މި މަޝްރޫއުގެ ދަށުން އޭދަފުށީ ބޮޑެތި މަގުތަކުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް 17 މަގެއް ހަދާނެއެެވެ. އަދި ޒަމާނީ ފެންވަރަކަށް ހެދޭ މިމަގުތަކުގައި މަގުބައްތި ޖެހުމާ ފެންހިންދާ ނިޒާމެއް ގާއިމް ކުރެވިގެން ދާނެކަމަށް ޝާހު ވިދާޅުވިއެވެ. މި ޕްރޮޖެކްޓްގެ ދަށުން 3.3 ކިލޯ މީޓާރުގެ މަގުގައި ތާރު އަޅާނެއެވެ.

މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ އާ އެކު ވެފައިވާ އެއްބަސްވުމުގައި މަސައްކަތް ނިންމަން ޖެހޭ މުއްދަތައް މަސައްކަތް ނިންމާލެވޭނެކަމުގެ ޔަގީންކަން ޝާހު ވަނީ ދެއްވާފައެވެ. މާދަމާ މިމަސައްކަތުގެ ޢަމަލީ މަސައްކަތް ފެށިގެން ދާނެކަމުގެ ޔަގީންކަން ޝާހުވަނީ ދެއްވާފައެވެ.

އެމްޓީސީ އަކީ ސަރުކާރުގެ ކުންފުންޏަކަށްވާތީ މަސައްކަތް ކުރިއަށްގެންދިއުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދަވާނެކަމަށް ޝާހްވިދާޅުވިއެވެ. އަދި އެކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން އޭދަފުށީގައި ކުރަންހުރި ބައެއް އެހެން މަސައްކަތްތައްވެސް ކޮށްދެއްވާނެކަމަށެވެ.

މިމަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 19 މިލިއަން ރުފިޔާއަށެވެ. މިދިޔަ ސަރުކާރުން ފެށި މިމަސައްކަތް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއްވަނީ ވެފައެވެ. މިމަސައްކަތް ހުއްޓިގެން ދިޔައިރު ހެދުމަށް ހަމަޖެހިފައިވާ 17 މަގުގެ ތެރެއިން އެންމެ މަގެއް ފިޔަފައި ހުރިހާ މަގެއްގައިވަނީ ޕޭމަންޓް ހަދާފައެެވެެ. އަދި ތާރު އެޅުމަށް ބޭނުންވާ ތާރާ ހިލަވެސް އޭދަފުއްޓަށް އޭރުވަނީ ގެންގޮސްފައެވެ.

އޭދަފުށީ މަގުތައް ރަގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް އެންމެ ފުރަތަމަކޮށްފައިވަނީ އެމްއާރުޑީސީންނެވެ. އެއަށްފަހު އެކުންފުނި އުވާލާ، ހައުސިން މިނިސްޓްރީގެ ޕަބްލިކް ސާވިސް އާ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ. ތާރު އެޅުމުގެ މިއެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ހޯމަދުވަހުއެވެ. އެކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިންގ މިނިސްޓްރީގެ ޕާރމެނެންޓް ސެކެރެޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރީ އެކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ.

މިރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ނަސީމާއި އެމްޓީސީސީގެ އިސްވެރިން ބައިވެރި ވަޑައިގެންނެވިއެެވެ.