ހިއުމަން ޓްރެފިކިންގގެ މައްސަލަތައް ފަސޭހަކަމާއެކު ފުލުހުންނަށް ހުށަހެޅުމަށްޓަކައި ވެބް ޕޯރޓަލްއެއް ތަޢާރަފްކޮށް ބޭނުންކުރަން ފަށައިފިއެވެ.
ފުލުހުން ވިދަޅުވީ، މިދިޔަ މާރިޗު މަހުން ފެށިގެން ބޭނުންކުރަމުންދާ ޕޯޓަލްއަކީ އިންޓަރނެޓްގެ ޒަރިއްޔާއިން ވެބްސައިޓް މެދުވެރިކޮށް ހިއުމަން ޓްރެފިކިންގ މައްސަލަ ހުށަހެޅުމަށްޓަކައި އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަންގެ އެހީތެރިކަމާއެކު ތައްޔާރުކުރެވިފައިވާ ވެބް ޕޯޓަލްއެއްކަމަށެވެ.
މި ޕޯޓަލަކީ މާލެއާއި އަތޮޅުތަކަށް ހުށަހަޅާ ހިއުމަން ޓްރެފިކިންގ މައްސަލަތަކުގެ ތަޙުޤީޤު އަދި އަނިޔާ ލިބިފައިހުރި ފަރާތް ނުވަތަ ފަރާތްތަކަށް ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތެއްގެ ތެރޭގައި ކަނޑައަޅައި، އެންމެމަތީ ދަރަޖާގައި ތަޙުޤީޤު ފުރިހަމަކޮށް ނިންމުމާއި މަސައްކަތުގެ ފެންވަރު އިތުރުކުރުމާއި ކޮންމެ މުވައްޒަފަކީވެސް މިބާވަތުގެ މައްސަލަތަކަށް އޭގެ އެންމެ މަތީ ދަރަޖަގައި އަހުލުވެރިވެ، ޤާބިލްކަން ލިބިފައިވާ ބަޔަކަށް ހެދުމުގެގޮތުން ޤާއިމްކުރި ޕޯޓަލްއެއްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
އަދި އެފަދަ މައްސަލަތައް ފުލުހުންގެ މުއައްސަސާއަށް ހުށަހެޅޭނެ ފަސޭހަ ނިޒާމެއް ޤާއިމްކުރުމާއި އިންވެސްޓިގޭޝަން އޮފިސަރުންނަށް މިޤާނޫނުން ލާޒިމްކުރާ ކަންކަން ހަރުދަނާކަމާއެކުގައި ފުރިހަމަކުރެވޭނެ ގޮތްތަކެއް ތަރުތީބުކޮށްދިނުމާއި ރާއްޖޭގެ ހުރި އެމްބަސީތަކަށް ފަސޭހައިން މައްސަލަ ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސައިދިނުމަކީވެސް މިޕޯޓަލްގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މިވެބް ޕޯރޓަލްގެ ޒަރީޔާއިން ރާއްޖެއާއި ރާއްޖެއިން ބޭރުން ކޮންސިއުލޭޓްތަކަށް މިބާވަތުގެ މައްސަލަ ހުށަހެޅުމުގައި އޮންނަ ލޭންގްއޭޖް ބެރިއަރ ނުވަތަ ބަހުރުވައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދިއުމާއި، އަނިޔާލިބިފައިވާ މީހުން ހޯދުމަށް ފަސޭހަވުމުގެ އިތުރުން ތަހުޤީޤުކުރާ ފަރާތައް މައުލޫމާތު ފޯރުކޮށްދިނުމަށްވެސް ލުއިފަސޭހަތަކެއް ވެގެންދާނެކަމަށް ފުލުހުން މަޢުލޫމާތުދެއްވެއެވެ.
ހިއުމަން ޓްރެފިކިންގގެ މައްސަލަތަ ޕޯރޓަލް ބޭނުންކުރަން ފަށާފައިވާއިރު މިޕޯޓަލް މެދުވެރިކޮށް ހުށައަޅާ މައްސަލަތައް ބަލަމުންދިއުމާއި އެކަމާގުޅޭގޮތުން ޕޯޓަލް މެދުވެރިކޮށް ކުރަމުންދާ މުޢާމަލާތްތަކަށް ބަލައި ޕޯޓަލްއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އިތުރަށް ތަރައްޤީކުރާނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.