ރެއާލް މެޑްރިޑްގެ ސެންތިއާގޯ ބާނެބައު ވެގެންދާނީ ދުނިޔޭގެ އެންމެ ވަރުގަދަ އަދި ޓްކެނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ ސްޓޭޑިއަމްއަށް ކަމަށް ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނެފިއެވެ.
ޕެރޭޒް މިހެން ބުނީ ރެއާލްއިން އެކްލަބްގެ ސްޓޭޑިއަމް އަލުން މަރާމާތު ކުރުމުގެ ޕްލޭން ރަސްމީކޮށް އިއުލާން ކުރުމަށް ބޭއްވި ހަފްލާގައެވެ.
5 ސަތޭކަ މިލިއަން ޔޫރޯގެ މި ޕްރޮޖެކްޓާއެކު ރެއާލްގެ ސެންތިއާގޯ ބާނެބައު ވެގެންދާނީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ސްޓޭޑިއަމްއަށް ކަމަށް ޕެރޭޒް ފާހަގަ ކުރިއެވެ. ޕްރޭޒް ބުނީ އާ ސްޓޭޑިއަމާއެކު އަހަރަކު އިތުރަށް ސަތޭކަ ފަންސާސް މިލިއަން ޔޫރޯގެ ފައިދާއެއް ކްލަބަށް ލިބިގެންދާނެ ކަމަށެވެ.
ސެންތިއާގޯ ބާނެބައުގެ މަރާމާތުތައް ފެށުމަށް ހަމަޖެހިފައި ވަނީ މިސީޒަން ނިމުމާއެކުއެވެ. 81 ހާސް މީހުންނަށް ކުޅިބަލަން މިހާރުވެސް މި ދަނޑަށް ވަދެވޭއިރު މާރާމާތުގައި މިއަދަދު އިތުރު ކުރުމުގެ ވިސްނުމެއް ކްލަބަކުން ނުގެންގުޅެއެވެ.
އޭގެ ބަދަލުގައި އިތުރު ކެފޭ ތަކާއި ރެސްޓޯރަންޓްތައް އަދި ކްލަބްގެ މިއުސިމް އާއި ޝޮޕިންގ މޯލްތަކުގެ އިތުރުން އީ.ސްޕޯޓްސްއަށް ހާއްސަ ތަނެއް ސްޓޭޑިއަމްގައި ހެދުމަށް ވަނީ ހަމަޖެހިފައެވެ.
އެހެންނަމެވެސް މިމަރާމާތުގައި އެންމެ ފާހަގަކޮށްލޭ ކަމަކީ ހުޅުވާ ލައްޕާލެވޭގޮތަށް ސްޓޭޑިއަމްގެ މަތީގައި ހަރުކުރެވޭ ފުރާޅާއި ދަނޑު ބޭރުގައި ވަށައިގެން ވީޑިއޯ އެޅުވޭ ގޮތަށް ހަރުކުރެވޭ ސްރީނެވެ.