ޚަބަރު

ހަތަރު ހާސް ހައުސިންގ ޔުނިޓް ޢިމާރަތްކުރުން އެއްބަސްވުމާހަމައަށް އާދެވިއްޖެ - ރައީސް


މި ސަރުކާރުން ތިން ކޮޓަރީގެ އެޕާޓްމަންޓަށް ފަސްހާސް ރުފިޔާއާއި ހަ ހާސްރުފިޔާއާއި ދެމެދުގެ އަގުތަކެއް ކަނޑައަޅުއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފިއެވެ.

މިއަދު ހެނދުނު މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ބޯހިޔާވަހިކަން ބޭނުންވާ މީހުންގެ ރަނގަޅު " ހައުސިންގ ނީޑް އެސެސްމަންޓެއް" ހެދިފައި ނެތްކަމަށާއި، ނަމަވެސް ސަތޭކަ ދުވަހުގެ ތެރޭގައި ހިމަނައިގެން ހައުސިންގ ނީޑް އެސެސްމަންޓެއް މިހާރު ހަދަމުން އަންނަކމަށާއި، އެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހްގެ ވާހަކަފުޅުގައި، މިހާތަނަށް ބެލިބެލުމުން ގާތްގަނޑަކަށް ވިހި ހާސް އާއިލާއަށް ބޯހިޔާވަހިކަން ބޭނުންވާކަމަށް އަންދާޒާކުރެވިފައިވާކަމަށާއި، މާލޭގައި ގެދޮރު ނެތް ހަތަރު ހާހެއްހާ މީހުން ދިރިއުޅެމުންދާކަމަށް ލަފާކުރެވިފައިވާކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ ޢަދަދު ފައިނަލް ކުރެވޭނީ ހައުސިންގ ނީޑް އެސެސްމަންޓަށް ފަހުކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުގައި މި ސަރުކާރުން ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމުގެޔަޤީންކަން ދެއްވިއެވެ. އަދި ވިދާޅުވީ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަމުގެ އަގު ބަހައްޓާނެކަމަށެވެ. އެގޮތުން 4 ހާސް ހައުސިންގ ޔުނިޓް ޢިމާރަތްކުރުން އެއްބަސްވުމަކާއި ހަމައަށް މިއަދު އާދެވޭނެކަން ފާހަގަކުރައްވާ ރައީސް ޞާލިޙް ވިދާޅުވީ، މި ސަރުކާރުގެ ސޯޝަލް ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓްމަންޓް ދޫކުރައްވާނީ މަހަކު ފަސްހާހާއި ހަ ހާހާއި ދެމެދުގެ އަގުތަކެއްގައިކަމަށެވެ.

" ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ކުންފުޏެއް މިހެދީ. އޭގެ މަޤްޞަދަކީ އަގުތައް ކޮންޓްރޯލްކޮށް ސޯޝަލް ހައުސިންގއަށް ޓާގެޓްކޮށް އަގުތަށް އެއްވަރެއްގައި ހިފަހެއްޓުން. އެފޯޑެބަލް އަގުތަކެއް ކަނޑައެޅުން." ރައީސް ވިދާޅުވިއެވެ.

ހުޅުމާލޭގައި އިތުރު 4000 ހައުސިންގ ޔުނިޓް އިމާރާތްކޮށް، ބޯހިޔާވަހިކަމުގެ ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެކެވެ. 4000 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް މި އަހަރު ފަށްޓަވާނެކަމަށް ރައީސް ޞާލިޙް ވަނީ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވެފައެވެ.