ޚަބަރު

ރެއާލްއަށް ކުޅުމަކީ ދެކެމުން އަންނަ ހުވަފެނެއް - ޕޮގްބާ



ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅުމަކީ އޭނާ ދެކެމުން އަންނަ ހުވަފެނެކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ މިޑްފިލްޑަރ ޕައުލް ޕޮގްބާ ބުނެފިއެވެ.

ފްރާންސްގެ ޤައުމީ ޓީމާއެކު މިވަގުތުހުރި ޕޮގްބާ ބުނީ ރެއާލް މެޑްރިޑަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްލަބް ކަމަށާއި އެ ކްލަބަށް ކުޅެން ބޭނުންނުވާންވީ ސަބަބެއް ނެތްކަމަށެވެ. އަދި ޒައިނުއްދީން ޒިދާންގެ ކޯޗުކަށްކޮށްދެމުން އަންނަ ރެއާލްއަށް ކުޅެން ކޮންމެ ކުއްޖަކުވެސް ބޭނުންވާނެކަމަށް އޭނާ ބުންޏެވެ.

ޕޮގްބާ ބުނީ މިހާރު މެންޗެސްޓަރ ޔުނައިޓެޑްގައި އޮލެގަނަ ސޮލްޝަޔާގެ އިރުޝާދުގެ ދަށުން އޭނާ ކުޅެމުން އަންނަނީ ހިތްހަމަޖެހިގެން ހުރެކަމަށާއި، ނަމަވެސް މުސްތަޤުބަލުގައި ވާނެގޮތެއް ބުނަން އެކަކަށްވެސް ނޭންގޭނެކަމަށެވެ. މީގެ ކުރިން މޮރީނިއޯގެ ކޯޗުކަމުގެ ދަށުގައި ޕޮގްބާއަށް ޔުނައިޓެޑްގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނުނަމަވެސް ސޯލްޝެއާގެ ކޯޗުކަމުގައި ޕޮގްބާ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

ސޯލްޝެއާ ވަނީ ޕޮގްބާ އަށް ތައުރީފުކޮށް ވާހަކަ ދެއްކުމުގެ އިތުރުން ޔުނައިޓެޑްގެ ކޯޗުކަން ދާއިމީ އެއްބަސްވުމެއްގެ ދަށުން ލިބިއްޖެނަމަ ޓީމު ބައްޓަން ކުރާނީ ޕޮގްބާ އަށް އިސް ދައުރެއް ލިބޭގޮތަށް ކަމަށް ބުނެފައެވެ. ޕޮގްބާ ބުނީ މިހާތަނަށް ޔުނައިޓެޑްގައި ސޯލްޝެއާ ކުރި މަސައްކަތަށް ބަލާއިރު އެ ޓީމުން އޭނާ އަށް ދާއިމީ އެއްބަސްވުމެއް ދޭން ޖެހޭ ކަމަށެވެ.