ވިޔަފާރި

އޭއޭއިބީގެ ފައުންޑިންގ މެންބަރެއްގެ ގޮތުގައި ރާއްޖެ ހަމަޖެހިއްޖެ


ޗައިނާއިން އިސްނަގައިގެން އުފައްދާ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކުގެ ފައުންޑިންގ މެމްބަރެއްގެ ގޮތުގައި ރާއްޖެ ހަމަޖެހި ދިވެހި ރާއްޖެ އެބޭންކުގެ ފައުންޑަރ މެމްބަރެއްގެގޮތުގައި ހަރަކާތްތެރިވާން ފަށައިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ މިއާއެކު ރާއްޖޭގައި ހިންގާ ބިޔަ ބޮޑެތި މަޝްރޫއުތަކަށް މާލީ އެހީ ލިބިގެންދާނެ މަގު ތަނަވަސްވެގެންދިޔައީކަމަށާއި ދުނިޔޭގެ އިގްތިސާދީ ބޮޑެތި ނިންމުންތައް ނިންމުމުގައި ބަސްބުނުމުގެ ބާރެއް ރާއްޖެއަށް ލިބިގެންދިޔުމަކީވެސް އާދައިގެ ކަމެއް ނޫންކަމަށެވެ.އިއްޔެ ނިޔަލަށް ކަނޑައެޅިފައިވާ ފުރަތަމަ ސުންގަޑި ނިމިގެންދިޔައިރު 30 ގައުމަކަށް އޭއައިއައިބީގެ ފައުންޑަރ މެމްބަރުންގެ ދަރަޖަވަނީ ލިބިގެންގޮސްފައެވެ. އޭގެތެރޭގައި މިސަރަހައްދުގެ އިންޑިޔާ ޕާކިސްތާންފަދަ ގައުމުތައްވެސް ހިމެނޭ. މީގެއިތުރަށް ސޯޅަ ގައުމެއްގެ އެޕްލިކޭޝަން ހުށަހެޅިފައިވާއިރު އޭގެތެރޭގައި ހުޅަނގުގެ އިގްތިސާދީ ބޮޑެތި ގައުމުތައްކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ފަދަ ގައުމުތައްވެސް ހިމެނެއެވެ.އެހެންވިޔަސް މިއިންގައުމަކަށް ދެން ފައުންޑަރ މެމްބަރެއްގެ ސްޓޭޓަސް ލިބިގެންދާނީ މިހާރުތިބި މެމްބަރ ހުރިހާ ގައުމަކުން އެއްބަސްވާނަމަ. އޭއައިއައިބީ ފަށާ ކެޕިޓަލެއްގެ ގޮތުގައި 50 ބިލިޔަން ޑޮލަރު ކަނޑައަޅާފައިވެއެވެ.މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ އަންނަ އަހަރު ކުރީކޮޅު އޭޝިޔަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކު ރަސްމީކޮށް ހުޅުވިގެންދިއުމާއެކު މެމްބަރ ގައުމުތަކަށް ފޯރުކޮށްދޭ އެހީގެ ޕްރޮޕޯޒަލްތައް މިހާރުވެސް އެކުލަވައިލެވެމުންދާއިރު ރާއްޖެއަކީ ފުރަތަމަ ފައުންޑިން މެމްބަރަކަށްވާތީ ވަރަށް ބޮޑެތި އެހީތަކެއް ލިބިގެންދާނެކަމުގެ ޔަގީންކަން ލިބިގެންގޮސްފައިވާކަމަށެވެ.މިނިސްޓަރ ޝަރީފް ވިދާޅުވީ، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކަށް ރާއްޖެއިން ހުށަހަޅާ ފުރަތަމަ ބިޔަ މަޝްރޫއަކީ މާލޭގެ ހަކަތައާއިގުޅޭ މަޝްރޫއުކަމަށެވެ. މިމަޝްރޫއަށް ތައްޔާރުވުމަށް ޗައިނާ ސަރުކާރުގެ ހިލޭއެހީގައި ސްޓެލްކޯއާއި ގުޅިގެން ހަދާ ދިރާސާތައް މިހާރު ނިމުމުގެ މަގުމަތީގައިވާކަމަށްވެސް ވިދާޅުވިއެވެ.