ޚަބަރު

ސާބިއާ އާއެއެކު ބައްދަލުކުރި އެކުވެރިކަމުގެ މެޗުން ޖަރުމަނު އެއްވަރުވެއްޖެ



ޒުވާން ޓީމަކާއެކު ކުޅުނު ފުރަތަމަ މެޗުން ޖަރުމަން އެއްވަރުވެއްޖެއެވެ.

ސާބިއާ އާއި ބައްދަލުކުރި އެކުރެވިކަމުގެ މެޗު ނިމުނީ އެކެއް އެކަކުން ދެޓީމް އެއްވަރުވެގެންނެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ ވޯލްޑް ކަޕް އުފުލާލި ޓީމުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ކުޅެން ނިކުތީ ކީޕަރު މެނުއަލް ނޯޔާ އެކަންޏެވެ. ތަޖްރިބާކާރު ކުޅުންތެރިން ކަމުގައިވާ ތޯމަސް މުލާ އާއި ޖެރޯމް ބޯޓެންގް އަދި މަޓްސް ހަމަލްސް ޤައުމީ ޓީމުން ދުރުކުރުމަށްފަހު ކުޅުނު ފުރަތަމަ މެޗުގައި ކޯޗު ބޭނުންކޮށްފައިވަނީވެސް ގިނައިން ޒުވާން ކުޅުންތެރިންނެވެ.

ރޭގެ މެޗުގައި ފުރަތަމަ ލީޑް ނަގާ ކުރި ހޯދީ ސާބިއާއިންނެވެ. ސާބިއާގެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖަރުމަންގައި ކްލަބް ފުޓްބޯޅަ ކުޅެމުންދާ ޒުވާން ފޯވާޑް ލުކާ ޔޮވިޗްއެވެ.

ޖަރުމަންޓީމަށް މެޗުގައި ނަތީޖާ ހަމަ ހަމަކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބަޔާން މިޔުނިކްގެ ޒުވާން މިޑްފިލްޑަރ ލިއޯން ގްރެޓްޒްކާއެވެ.