ތަޢުލީމު

ކޮންމެ ދަރިވަރަކުވެސް މުޖުތަމައައް ފައިދާހުރި ދަރިއަކަށް ވާންޖެހޭ


ކޮންމެ ދަރިވަރަކީ، އިޤްތިޞާދު ކުރިއަރުވާ، މުޖުތަމައުގެ ހަމަޖެހުން ޤާއިމް ކުރުމަށް މަސައްކަތް ކުރާ ދަރިވަރަކަށް ވާންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.ނައިބް ރައީސް މިހެން ވިދާޅުވީ، ފާއިތުވި އަހަރު މަތީ ސާނަވީ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް، އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ރޭ ދަރބާރުގޭގައި ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.ވަނަވަނަ ހޯދި ދަރިވަރުންނާ މުޚާތަބު ކުރައްވާ ނައިބް ރައީސް މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ، ތައުލީމީ، ކާމިޔާބީއާއެކު ބޮލުގައި އެޅިފައިޥާ ޒިންމާ އުފުލުމުގެ އަޒުމް މިއަދު ދަރިވަރުން ކަނޑައަޅަންޖެހޭ ކަމަށާއި، ކޮންމެ ދަރިވަރަކީވެސް ރާއްޖޭގެ ތަރައްގީއަށް ހީވާގި ކަމާއެކު ޚިދުމަތްކުރުމުގެ ރޫހު ހިތުގައި އޮންނަ ދަރިވަރަކަށް ވުމަށް އެދޭކަމަށެވެ.ކޮންމެ ދަރިވަރަކީވެސް ރާއްޖޭގެ އިގްތިސާދު ބައްޓަން ކުރުމާއި، އިޖުތިމާއީ ހަމަޖެހުން ގާއިމް ކުރުމަށް ހީވާގި ކަމާއެކު އަތުކުރި އޮޅާލައިގެން ނިކުންނަ ދަރިވަރަކަށް ވުމަށް ނައިބްރައީސް ގޮވާލެއްވިއެވެ.ނައިބް ރައީސް ވިދާޅުވީ، ތައުލީމަކީ، އިގްތިސާދު ކުރިއެރުމާއި، މުޖުތަމައުގެ ހަމަޖެހުމުގެ ސިއްރު ކަމަށާއި، ކުރިއަރާފައިވާ އެހެން ގައުމު ތަކުގެ ތަރައްގީގެ ސިއްރަކީވެސް އެއީ ކަމަށެވެ. އަދި ތިމާގެ އަމިއްލަ އުފަލަށް ވުރެ ގައުމު އިސްކޮށް، ހަމަތަކާއި ގައުމާއި ދީނުގެ އަސާސްތައް ހިފެހެއްޓުމަށް ގޮވާލައްވަމުން ވިދާޅުވީ، ތައުލީމު އުނގެނުމުގެ ހަގީގީ މަގުސަދަކީ އަމިއްލަ އުފަލަށް ވުރެ ތިމާ ގަބޫލުކުރާ ހަމަތަކާއި އުސޫލުތައް އަދި އަގީދާ އިސްކުރުން ކަމަށާއި،  ދުނިޔޭގެ އެކި ގައުމުތަކަށް ކާމިޔާބު އައިސްފައި ވަނީ އެ އުސޫލުގެ މަތިން އަމަލުކޮށްގެން ކަމަށެވެ.ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ކިޔެވުން ނިންމުމަށް ފަހު ވަޒީފާގެ މާހައުލަށް ނިކުމެފައި ވެސް އެ ކުއްޖަކު އުފާވާ، ކުރާހިތްވާ މަސައްކަތެއް ހިޔާރުކުރުން މުހިއްމު ކަމަށެވެ. އަދި އެ ކުރާ މަސައްކަތެއް ފުރަތަމަ ފަހަރަށް ކާމިޔާބު ނުކުރެވުނު ނަމަވެސް ހިއްވަރު އެލުވައި ނުލައި، އެ މަސައްކަތެއް ކުރިއަށް ގެންދިޔުމަށް އެދިވަޑައިގެންވިއެވެ. މިނިސްޓަރ ވިދާޅުވީ، ތިމާއަކީ އެހެން މީހުންނާ ދޭތެރޭގައި ވިސްނާ މީހަކަށް ވުންވެސް މުހިއްމު ކަމަށެވެ.ފާއިތުވި އަހަރު ބޭއްވި އެޑެކްސެލް އިމްތިހާނުގައި 175 ދަރިވަރަކު ހިމެނިފައިވެއެވެ. އަދި އެކައުންޓިންގ އިން ދުނިޔޭގެ އެއްވަނައިގައި 11 ދަރިވަރަކު ހޯދާފައިވެއެވެ.