ޚަބަރު

ސްޕެޝަލް އޮލިމްޕިކްސްގެ ކާމިޔާބީއަށް ރައީސް މަރުޙަބާ ދަންނަވައިފި


ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ރާއްޖޭގެ އެތްލީޓުން ހޯދި ކާމިޔާބަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޟޯލިޙް މަރުޙަބާ ދަންނަވައިފިއެވެ.

އަބޫ ދަބީގައި މިހާރު ކުރިޔަށްދާ ސްޕެޝަލް އޮލިމްޕިކްސް ގޭމްސްގައި ރާއްޖޭ ޝިފްނާ އިބްރާހިމް ރަން މެޑަލް ހޯދާފައިވަނީ އަންހެނުންގެ 200 މީޓަރު ދުވުމުގެ ބައިންނެވެ. އަދި ރާއްޖޭ ވަސްމީ ވަހީދު ރިހި މެޑަލް ހޯދީ ފިރިހެނުންގެ 200 މީޓަރު ދުވުމުގެ ބައިންނެވެ.

ޝިފްނާ ރަން މެޑައްޔެއް ހޯދާފައި ވަނީ 100 މީޓަރު ދުވުމުގެ ފައިނަލުގެ ހަ ވަނަ ހީޓުގައި ވާދަކޮށްގެން 18.01 ސިކުންތުން އެ ރޭސް ނިންމައިގެންނެވެ. އަދި މީގެ ރާއްޖޭގެ މަރިޔަމް ނޫރާ ރަޝާދް ވަނީ ފަސްވަނަ ހޯދާފައިއެވެ.

ފިރިހެނުންގެ 200 މީޓަރު ދުވުމުގެ ފައިނަލުގެ ހަތަރުވަނަ ހީޓުގައި ވާދަކޮށް ވަސްމީ ވަނީ 27.25 ސިކުންތުން އެ ރޭސް ނިންމާފައެވެ. އަދި ހަމަ މި ރޭހުގައި ރާއްޖޭގެ އަލީ އަމީން އަބްދުލް ޣަފޫރު މުހައްމަދު ވަނީ ފަސްވަނަ ހޯދާފައެވެ. އޭނާ ރޭސް ނިންމާފައި ވަނީ 34.73 ސިކުންތުންނެވެ.

މި ގޭމްސްގައި ރާއްޖޭގެ ހަތަރު އެތުލީޓުން ވާދަކުރެއެވެ. އެއީ ފިރިހެން ދެ އެތުލީޓުން ކަމަށްވާ ވަސްމީ އާއި އަލީ އަމީނުގެ އިތުރުން އަންހެން ދެ އެތުލީޓުން ކަމަށްވާ މަރިޔަމް ނޫރާ ރަޝާދާއި ސިފްނާ އިބްރާހީމް އެވެ.

މިއީ މި ގޭމްސްގައި ރާއްޖެއިން ވާދަކުރާ ފުރަތަމަ ފަހަރެވެ. ދުނިޔޭގެ 190 އަށް ވުރެ ގިނަ ގައުމު ވާދަކުރާ މި ގޭމްސްގައި މިއަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 7،500 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވެއެވެ.