ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ރާއްޖޭގެ ޝިފްނާ އިބްރާހިމް ރަން މެޑަލް ހޯދައިފިއެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މިގޭމްސްގައި ރާއްޖޭގެ ޝިފްނާ އިބްރާހީމް ރަން މެޑަލް ހޯދާފައިވަނީ 100 މީޓަރު ދުވުމުން. ޝިފްނާ ރަން މެޑަލް ހޯދާފައިވާއިރު، ރާއްޖޭގެ ނުރާވަނީ 100 މީޓަރު ދުވުމުގައި ބައިވެރިވެ 5ވަނައަށް ރޭސް ނިންމާފައެވެ.
މީގެ އިތުރުންވެސް ރާއްޖޭގެ ދުވުންތެރިންކަމަށްވާ ވަސްމީ ވަހީދު ރިހި މެޑަލް ހޯދިއިރު، އަލީ އަމީން ފަސްވަނަ ހޯދާފައެވެ. ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވި ސްޕެޝަލް އޮލިމްޕިކްސް ގޭމްސްގައި ވަސްމީ ވަހީދު ރިހި މެޑަލް ހޯދާފައިވަނީ 200 މީޓަރު ދުވުމުންނެވެ. އަދި އަލީ އަމީން 5ވަނަ ހޯދާފައިވަނީވެސް 200 މީޓަރު ދުވުމުންނެވެ. މިމިހުގެ 14ވަނަ ދުވަހު އަބޫދާބީގައި ފެށުނު ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ރާއްޖެއިން ބައިވެރިވެފައިވަނީ 6 އެތްލީޓުންނެވެ.
ރާއްޖެއިން ގޭމްސްގައި ވާދަކޮށްފައިވަނީ ލޯންގް ޖަމް 50 މީޓަރު، 100 މީޓަރު އަދި 200 މީޓަރު ދުވުމުގައެވެ.
ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވި ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްއަށް ފުރުމުގެ ކުރިންވެސް އެތްލީޓުން ބުނެފައިވަނީ ބޭނުމަކީ ރާއްޖެއަށް ރީތިނަން ހޯދައިދިނުންކަމަށެވެ. އަދި މުޖްތަމައުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަކީވެސް ގައުމަށް ރީތިނަން ހޯދައި ދެވޭފަދަ ކުދިންތަކެއްކަމަށް ދައްކައިދޭން ބޭނުންވާކަމަށް މިގޭމްސްގައި ބައިވެރިވި އެތްލީޓުންވަނީ ބުނެފައިއެވެ.
ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސްއަކީ ކޮންމެ ދެ އަހަރުން އެއްއަހަރު އޮންނަ މުބާރާތެކެވެ.