މަޤާމުން ސަސްޕެންޑްކޮށްފައި ބެހެއްޓޭނެކަމަށް ޤާނޫނުގައި ކަނޑައަޅާފައިނުވާކަމަށާ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް މިނިސްޓަރުން ކަމުގެ މަޤާމުން ވަކި ކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.
އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އިތުބާރުނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ މަޤާމު ގެއްލޭގޮތަށް މަޖިލީހަށް ހުށަހެޅި އިސްލާހަށް ތާޢީދުކުރައްވައި މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒު ވިދާޅުވީ އެފަދަ މައްސަލަތައް ކުރިއަށްގެންދާނެ ގޮތުގެ އުސޫލެއް ޤާނޫނޫގައި މިހާރު ނެތުމާއެކު އެފަދަ އިސްލާހެއް އޮންނަން ޖެހޭކަމަށް ޤަބޫލުކުރައްވާކަަމަށެވެ.
ވަޒީރުންނަކީ މަޖިލީހަށް ޙާޒިރުކޮށް ޖަވާބުދާރީކުރެވޭނެ ބަޔަކަށް ހަދަންޖެހޭކަމަށާއި އެހެންނަމަވެސް މިހާރު ސަސްޕެންޑް ކުރައްވާފައިވާ ޔޫތު މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވޭނެ ގޮތެއް ނެތް ކަމަށެވެ.
ރިޔާޒު ވިދާޅުވީ ވަޒީރުން ސަސްޕެންޑް ކުރެވޭނެކަމަށް ޤާނޫނު އަސާސީގައި ނުވާއިރު މިނިސްޓަރު މަޚްލޫފް މަގާމުން ވަކިކުރުމުގެ ބަދަލުގައި ސަސްޕެންޑްކޮށްފައި ހުންނެވީ ޤާނޫނާ ޚިލާފަށްކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.
"މި ސަރުކާރުގެ ޔޫތު މިނިސްޓަރު ކޮބައިތޯ. ޤާނޫނު އަސާސީ ނުދަނޭ މީހުން ސަސްޕެންޑްކުރާ ގޮތެއް. އޭނަގެ މައްޗަށް ކަމެއް ހުށަހެޅިއްޖެނަމަ އޭނަ ވަކިކުރަން ޖެހެނީ. އޭނަ ސަސްޕެންޑްކޮށްފައި ގޭގައި ނުބެހެއްޓޭނެ. މިއީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ކަނޑައެޅިގެން ޚިލާފުކަމެއް." ރިޔާޒު ވިދާޅުވިއެވެ.
ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފް ސަސްޕެންޑް ކުރައްވައި ގޭގައި މަޑުކުރައްވަން ރައީސް ޞާލިޙް އަންގަވާފައި ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން އޭސީސީން ކުރިއަށް ގެންދިޔަ ތަހުގީގަށްފަހު އާންމުކުރެއްވި ރިޕޯޓްގައި އެސްއޯއެފް ކުންފުންޏާއެކު ފައިސާގެ މުއާމާލާތްތައް ކުރެއްވި ބޭފުޅުންގެ ލިސްޓްގައި މަޙްލޫފުގެ ނަން ހިމެނުމާ ގުޅިގެންނެވެ. ނަމަވެސް ފަހުން އެކޮމިޝަނުން ވަނީ މަޙުލޫފާ ގުޅޭ ޚިޔާނާތުގެ މައްސަލައެއް އެކޮމިޝަނުން ނުބަލާކަމަށް ވިދާޅުވެފައެވެ.