ޚަބަރު

ފެބްރުއަރީމަހު ރާއްޖޭގެ އެކްސްޕޯޓް 16 އިންސައްތަ އިތުރުވެއްޖެ


ފެބްރުއަރީމަހު ރާއްޖެއިން އެކްސްޕޯޓް ކުރި މުދަލުން ލިބުނު އާމްދަނީ 16 އިންސައްތައަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކޮށްފިއެވެ.

ކަސްޓަމްސްއިން ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ފެބްރުއަރީ މަހު ރާއްޖެއިން 264 މިލިއަން ރުފިޔާގެ މުދާ ވަނީ ބޭރުކޮށްފައިވެއެވެ. 2018 ވަނަ އަހަރު ރާއްޖެއިން 228 މިލިއަން ރުފިޔާ އެކްސްޕޯޓު ކުރިއިރު މިދިޔަ ފެބްރުއަރި މަހު މިއަދަދު ވަނީ 16 އިންސައްތައަށް އިތުރުވެފައެވެ.

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ އަގާއި 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު އިމްޕޯޓުކުރި މުދަލުގެ އަގަށް ބަލާއިރު މިއަހަރުގެ ފެބްރުއަރީ މަހުގެ އިމްޕޯޓް ވިޔަފާރި ވަނީ 10 އިންސައްތަ ދަށަށް ގޮސްފައެވެ. 2018 ވަނަ އަހަރުގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖެ އެތެރެކޮށްފައި ވަނީ 3.5 މިލިއަން ރުފިޔާގެ މުދަލެވެ.

ކަސްޓަމްސްއިން ނެރެފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަމަހު ނެގި އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 240 މިލިއަން ރުފިޔާ ލިބިފައިވެއެވެ. 2018 ވަނަ އަހަރު އިމްޕޯޓް އެކްސްޕޯޓް އަދި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް ލިބުނީ 254 މިލިއަން ރުފިޔާއެވެެ. އެހެންކަމުން މިއަހަރުގެ ފެބްރުއަރީމަހު ދައުލަތަށް ލިބުނު އާމްދަނީ މިވަނީ 5 އިންސައްތައަށް ދަށަށް ގޮއްސައެވެ.

މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ 18 އިންސައްތަ ޔޫއޭއިން އިމްޕޯޓްކޮށްފައިވާއިރު، ސިންގަޕޫރުން 17 އިންސައްތަ އަދި ޗައިނާ އިން 15 އިންސައްތަ މުދާ ވަނީ އެތެރެކޮށްފައިވެއެވެ. އަދި މިދިޔަ މަހު އެކްސްޕޯޓްކުރި މުދަލުގެ ތެރެއިން 45 އިންސައްތަ ތައިލެންޑަށް އެކްސްޕޯޓުކޮށްފައިވާއިރު ދެވަނައަށް އެންމެ ގިނަ މުދާ އެކްސްޕޯޓުކޮށްފައިވަނީ 11 އިންސައްތަ އާއިއެކު ޖަރުމަނުވިލާތަށެވެ.